ޚަބަރު

ޕޯޓަލަށް ދިމާވި މައްސަލަ ހައްލުކޮށް ޕާކިން ސްލޮޓުތަކަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ރިފާ ހަލީލު

މާލެ ސިޓީ ކައުންސިލުން ގާއިމުކޮށްފައިވާ ޕާކިން ސްލޮޓުތަކަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.

ޕާކިން ޒޯންތަކަށް ކުރިމަތިލުމަށް ބުދަ ދުވަހު ހުޅުވާލި ނަމަވެސް އެ ޕޯޓަލް ވަނީ ބްލޮކްވެފައެވެ. މިކަމުގެ ތުހުމަތު ޓްރާންސްޕޯޓު މިނިސްޓްރީއަށް ކުރި ނަމަވެސް އެ މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕާކިން ޒޯންތަކުގެ ހުރި ސްލޮޓުތަކަށް ކުރިމަތިލުމަށް އިއްޔެ މެންދުރު 2:00 ގައި އަލުން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޕާކިން ޒޯންތަކަށް ކުރިމަތި ލުމަށް parking.malecity.gov.mv ލޮގިން ވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އަދި ބުދަ ދުވަހު ޕާކިން ސްލޮޓުތަކަށް ކުރިމަތިލުމަށް ހުޅުވާފައިވަނިކޮށް އެކަމަށް ކުރިމަތިލި މީހުންގެ އެޕްލިކޭޝަން ފޯމުތައް ބަލައި ގަންނާނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން މި މަހުގެ 10 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ އެ ކައުންސިލުން މާލޭގައި ތަރައްގީކޮށްފައިވާ ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެކަމަށް ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެއީ މަހު ފީ ދައްކައިގެން ކުއްޔަށް ދޫކުރާ ސްލޮޓްތަކެއް ކަމަށާއި އެ ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕުތަކަށް ހާއްސަ ސްލޮޓްތައް ހިމެނޭނެ ކަމަށް ބުންޏެވެ. އެ ސްލޮޓްތަކުގެ ތެރެއިން 25 ޕަސެންޓް ހާއްސަކޮށްފައި ވަނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ.

މާލޭ ސިޓީ ކައުންސިލުން ފުރަތަމަ ނިންމީ މަހު ފީ ދައްކައިގެން ޕާކު ކުރެވޭ ގޮތަށް ސްލޮޓްތަކެއް ދޫކުރާށެވެ. އެއީ 211 ޖާގައެވެ. އެ ސްލޮޓްތައް އިއުލާންކޮށް ކުރިމަތިލި މީހުންގެ މެދުގައި ގުރުވެސް ނެގިއެވެ. ނަމަވެސް އެ ގުރު ނެގީ އިންސާފުން ނޫން ކަމަށް ބުނެ, އެ މައްސަލަ އޭސީސީއަށް ހުށަހެޅުމުން, އެ ކޮމިޝަނުން އެންގީ އަލުން ގުރު ނަގާށެވެ.

އޭސީސީގެ އެންގުމާ އެއްގޮތަށް އަލުން ގުރު ނެގުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކައުންސިލުން ނިންމި ނަމަވެސް ސިޓީ ކައުންސިލުން ފަހުން އިއުލާނެއް ނެރެ, އެ ގުރު ނެގުން ފަސްކުރިއެވެ. ސަބަބެއް ކަމަށް ބުނީ އިދާރީ ގޮތުން ކަންތައްތަކެއް ނުނިމި ހުރުމެވެ. ނަމަވެސް ފަހުން އެ ގުރު ނަގާފައިވާ ނުވެއެވެ.

ކައުންސިލުން ފަހުން ވަނީ 1000 ޕާކިން ސްލޮޓް ވިއްކަން ނިންމައިފައެވެ. ނަމަވެސް އެކަން އެލްޖީއޭ އާއި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ ހުއްޓުވައިފައެވެ.