ކުޅިވަރު

ފުލުގައި އޮތް ލެވަންޓޭ އަތުން އެތުލެޓިކޯއަށް ލަދުވެތި ބައްޔެއް

ސްޕެނިޝް ލަލީގާގައި ރޭ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗުގައި ލީގު ތާވަލުގެ ފުލުގައި އޮތް ލެވަންޓޭ އަތުން ބަލިވެއްޖެއެވެ.

އެތުލެޓިކޯ ދަނޑުގައި ރޭ ކުޅުނު މެޗު ލެވަންޓޭއިން ކާމިޔާބުކުރީ 1-0ގެ ހަނި ނަތީޖާއަކުންއެވެ. މިހާތަނަށް ލެވަންޓޭއިން މި ސީޒަންގެ ލީގުގައި ކުޅުނު 24 މެޗުގެ ތެރެއިން އެޓީމަށް އަދި މޮޅު ވެވުނީ އެންމެ ދެ މެޗުންނެވެ. އޭގެ ތެރެއިން އެއް މެޗަކީ އެންމެފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް އެޓީމުން ރޭ ހޯދި މޮޅެވެ.

އެތުލެޓިކޯއިން މިވަގުތު ދަށް ފޯމެއްގައި އޮތް އިރު، އެޓީމުން މިހާތަނަށް ކުޅުނު 24 މެޗުން ލިބިފައި ވަނީ 39 ޕޮއިންޓެވެ. އެތުލެޓިކޯ މިވަގުތު ލީގު ތާވަލުގެ ފަސްވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ އެޓީމާ ދެމެދު 15 ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ. ގަދަ ހަތަރަކުން ބޭރުގައި އެތުލެޓިކޯ އޮތް އިރު، ފައިދާ ގޯލުގެ ތަފާތުން މިވަގުތު ހަތަރު ވަނައިގައި އޮތް ބާސެލޯނާއަށްވެސް 39 ޕޮއިންޓް ލިބިފައިވެއެވެ. ބާސާއިން އެ އަދަދަށް ޕޮއިންޓް ހޯދީ އެތުލެޓިކޯ އަށްވުރެ މެޗެއް މަދުން ކުޅެގެންނެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ލެވަންޓޭގެ ހަމައެކަނި ގޯލު ލެވަންޓޭއަށް ޖަހައިދިނީ ގޮންޒާލޯ މަލޭރޯއެވެ. އެ ގޯލާއެކު ލެވަންޓޭ ލީޑުކުރަމުން ދަނިކޮށް މެޗުގެ ފަހު މިނެޓުގައި އެތުލެޓިކޯގެ އެންޖަލް ކޮރެއޯ ޖެހި އޯވަހެޑަކުން ބޯޅަ ގޯލަށް ވަން ނަމަވެސް، އެ ހަމަލާއަށް ފުރުސަތު ތަނަވަސް ކުރި އިރު، ފައުލް ކޮށްފައިވާ ކަމަށް ރެފްރީ ވަނީ ނިންމައިފައެވެ.

މެޗުގައި ލެވަންޓޭގެ މިކެއިލް މަލްސާ ހާފު ރޮނގާ ހަމައިން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، މެޗުގެ ފަހު ބޯޅައަށް ކުރިއަށް އަރައި އެތުލެޓިކޯ ގޯލްކީޕަރު ޔާން އޮބްލަކް ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.