މިއަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޕްރެސިޑެންޓްސް ކަޕް ޗެމްޕިއަން ވެލެންސިއާއިން ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން ވެލެންސިއާ އުނދަގުލުން މޮޅުވި ނަމަވެސް އެޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަލަށް ޓީމާ ގުޅުނު އަބްދުﷲ ޔާމީން (ޔާން) މެޗުގައި މޮޅު ކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމެވެ.

މިދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅައިން ފެނުނު އެންމެ އުންމީދީ އެއް ކުޅުންތެރިޔާ ޔާން، ގިނަ ދުވަސްތަކެއް ވަންދެން ގްރީނަށް ކުޅުމަށްފަހު ވެލެންސިއާއަށް ބަދަލުވީ މިއަހަރު ޕްރެސިޑެންޓްސް ކަޕަށް ފަހުގައެވެ. މިރޭގެ މެޗަކީ ޔާން ވެލެންސިއާ ރީނދޫ ޖާޒީގައި ކުޅުނު ފުރަތަމަ މެޗަށްވީ އިރު، މެޗުގައި ޔާނު ވަނީ ގޯލުވެސް ޖަހައިފައެވެ.

ވެލެންސިއާއިން މިރޭގެ މެޗަށް ނުކުތީ އަނިޔާގައި ހުރި ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި ފޯވާޑު އަދި މިވަގުތު ޓީމާ ދުރުގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) ވެސް ނުލައެވެ. އޭގެ އިތުރުން މިރޭގެ މެޗުގައި ގޯލްކީީޕަރު މުހައްމަދު ފައިސަލް އާއި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ނެތެވެ. އަޑުބަރޭ އަށް ކޯޓު ހުކުމެއް އައިސްފައިވާ އިރު، އޭނާ ގައުމުގައި މިވަގުތު ނެތެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް އެންމެ އެދެވޭ ހަމަލާއެއް ފެނިފައި ނުވާ އިރު، ވެލެންސިއާ އިން ލީޑު ނެގީ 29 ވަނަ މިނެޓުގައެވެ. މިސްރު މިޑްފީލްޑަރު ހަލީލް ގަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ގޯލު ޖެހީ ޔާނު އެވެ. އޭރިއާ ތެރޭގައި ހުރެ ލިބުނު ބޯޅަ ޔާނު ފޮނުވާލުމުން ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ.

އެ ގޯލަށް އިރުކޮޅެއް ފަހުން އަނެއްކާވެސް ވެލެންސިއާއިން ނުރައްކާ ކުރިއެވެ. ޔާނުގެ ޕާހަކަށް ކުރިއަށް ޖެހި ބޯހަސް މާޓިނޭޒް ފޮނުވާލި ބޯޅަ ގޯލްކީޕަރު ބޯމަތިން ގޯލަށް އޮއްސެން ދިޔަ ނަމަވެސް ޔޫވީގެ ޑިފެންޑަރު މޫސާ އަޒީމް ވަނީ ރޮނގުމަތިން އެ ބޯޅަ ޑިފެންސްކޮށް ބޭރުކޮށްލައިފައެވެ.

ވެލެންސިއާގެ ދެ ވަނަ ގޯލުވެސް ހާފު ނިމުމުގެ ކުރިން ފެނިގެން ދިޔައެވެ. ޔާނު ތަނަވަސްކޮށްދިން ފުރުސަތަކުން އެ ގޯލު ޖެހީ ބޯހަސް އެވެ.

ދެވަނަ ހާފަށް ނުކުމެ ޔޫވީން އުފެއްދި ފުރަތަމަ ހަމަލާގައި އެޓީމުން ފަރަގު ކުޑަކުރިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔޫވީގެ މުހައްމަދު ރީހާން ނަގައިދިން ހުރަސް ވެލެންސިއާގެ ފަހަތަށް ކުޅޭ އަމްދާން އަލީ (އެންޑީ) އަށް ދިފާއު ނުކުރެވުމުން ލިބުނީ ޔޫވީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް އަށެވެ. އިވާން ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައިފައެވެ. މިރޭގެ މެޗަކީ އިވާން ވެރޭސް ޔޫވީއަށް ކުޅުނު ފުރަތަމަ މެޗެވެ.

އޭގެ ފަހުން ދެޓީމަށްވެސް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައިނުވާ އިރު، މެޗު ނިމިގެން ދިޔައީ ވެލެންސިއާ ފުރަތަމަ ތިން ޕޮއިންޓް ހޯދައިގެންނެވެ.

އުރީދޫ ދިވެހި ޕްރިިމިއާ ލީގުގައި މާދަމާ ދެ މެޗު ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ. މާދަމާ ރޭ ކްލަބް އީގަލްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.