މިއަހަރު އެމްޓީސީސީން ނިންމާނީ 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ފައިދާއަކާއެކު ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި އާޒިމް ރޭ ވިދާޅުވީ، މި ސަރުކާރު އައިފަހުން އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށާއި އެގޮތުން މިހާރު އެމްޓީސީސީއަކީ އެއްފަހަރާ 100 އަށް ވުރެ ގިނަ މަޝްރޫއު ހިންގުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށެވެ.
އެމްޓީސީސީގެ މުވައްޒަފުންގެ އަދަދުވެސް ދެ ގުނަ ކުރެވިފައިވާކަން ފާހަގަކުރައްވައި، އާޒިމް ވިދާޅުވީ ކުންފުނީގެ އާމްދަނީވެސް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް އެކުންފުންޏަށް ރެކޯޑް ފައިދާއެއް ލިބިފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއަހަރު އަޅުގަނޑުމެން ނިންމާނީ 300 މިލިއަނަށް ވުރެ ބޮޑު ޕްރޮފިޓެއްގައި" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެމްޓީސީސީން މިހާރު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެނީ މުވައްޒަފުން ތަމްރީނުކުރުމަށް ކަމަށާއި އެގޮތުން މިހާރުވެސް މުވައްޒަފުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އެ ކުންފުނިން ފަހިކޮށްދެމުން އަންނަ ކަމަށެވެ. އަދި މުވައްޒަފުންގެ ތަމްރީނަށް 150 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ނިންމައި، ބައިނަލްއަގުވާމީ މަޝްރޫއުތަކާ ދިމާލަށް ދިއުމަށް އެމްޓީސީސީއަށް މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށާއި އެކަމަށް ބޭނުންވަނީ ތަމްރީނު ލިބިފައި ތިބި މުވައްޒަފުން ކަމަށެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 264 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު