އުރީދޫ ދިވެހި ޕްރިމިއާ ލީގު ފެށުމަށް މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭއާއި ކްލަބު ގްރީން ސްޓްރީޓްސް އެއްވަރުވެއްޖެއެވެ.
ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގުގެ ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޕްރެސިޑެންޓްސް ކަޕަށްފަހު ޓީމުތަކުން ލީގަށް ވަނީ ސްކޮޑު ވަރުގަދަކޮށްފައެވެ. އެގޮތުން މިއަދު ކުޅުނު ދެޓީމުންވެސް މެޗަށް ނުކުތީ އަލަށް ޓީމަށް ގެނައި ކުޅުންތެރިންނާވެސް އެކުގައެވެ.
ދަ ގްރާންޑޭން އެޓީމަށް އަލަށް ގެނައި ލަންކާ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އާކިބާއި ޗަމޯދް ދިލްޝަން މެޗަށް ނެރެފައިވާ އިރު، ގްރީންއިން ވަނީ ބިދޭސީ ދެ ފޯވާޑުން ކަމަށްވާ، ކުރިން އެޓީމަށް ކުޅުނު އެލެކްސަންޑާ އަވީލާގެ އިތުރުން ޖޯޑީ ބާޓް ނެރެފައެވެ. ގްރީންގެ އިތުބާރު ބިދޭސީ ކުޅުންތެރިޔާ އެންހޭލް ކަރެސްކޯ މުނޯޒް މިވަގުތު އަނިޔާގައި ހުރުމުން މިއަދުގެ މެޗަށް އޭނާ ނުކުމެފައެއް ނުވެއެވެ.
މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ގްރީނަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. އަރިމަތިން ބިދޭސީ ފޯވާޑް ބާޓް ނަގައިދިން ހުރަސް، އޭރިއާ ތެރޭގައި ހުރި އަލީ ޝާމިއު (ތޮއްޕޭ)އަށް ހުސްކޮށް ބޮލުން ޖަހަން ލިބުނު އިރު، އޭނާ ބިމަށް ޖެހި ބޯޅަ، ބައުންސްވެގެން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އޭގެ ދެ މިނެޓު ފަހުން ގްރީނަށް ޕެނަލްޓީއެއް ލިބުނެވެ. ގްރީންގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަރިމަތިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނުމުން ދަ ގްރާންޑޭގެ ލަންކާ ޑިފެންޑަރު އާކިބް ވަނީ ފައުލްކޮށް ވައްޓާލައިފައެވެ. އެ ފައުލަށް ރެފްރީ ދިން ޕެނަލްޓީގައި ގްރީނަށް ލީޑު ނަގައިދިނީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ.
އޭގެ ފަހުންވެސް ގްރީން ނުރައްކާ ކޮށް ފެނުނު އިރު، އެޓީމަށް ލީޑު ފުޅާ ނުކުރެވިގެން އުޅެނިކޮށް ދަ ގްރާންޑޭއިން ނަތީޖާ ހަމަހަމަކުރިއެވެ. ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް ދަ ގްރާންޑޭއަށް ނަތީޖާ ހަމަހަމަކޮށްދިނީ އާކިބެވެ. އެ ގޯލަކީ ލަންކާ ދެ ކުޅުންތެރިން އެކުވެ ތަނަވަސްކުރި ގޯލެކެވެ. ގޯލު ޖެހުމަށް އާކިބަށް އަރިމަތިން ހުރަސް ނަގައިދިނީ ޗަމޯދެވެ.
ގޯލާއެކު ހިތްވަރު ހޯދައި، ދަ ގްރާންޑޭއިން ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. ހާފުގެ ކުރީކޮޅުގައި އިސްމާއީލް މަފާޒަށް ލިބުނު ފުރުސަތުގައި އޭނާ އަރިމަތިން ފޮނުވާލި ބޯޅަ ގްރީންގެ ޕާކިސްތާނު ގޯލްކީޕަރު ސާގިބު ހަނީފް މަތަކުރި އިރު، ދެން އިތުރަށް ދެވަނަ ހާފުގައި ނުރައްކާތެރި ހަމަލާއެއް ފެނިފައެއް ނުވެއެވެ. އެ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވަރުބަލިކަން ފާހަގަވެގެން ދިޔައެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު