ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާގޮތަށް 26 ބިމެއް ވިއްކާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރި އިއުލާނަށް ހުށަހެޅި ބީލަންތަކުގެ ތެރެއިން އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ބިޑް ކޮށްފައިވަނީ އޮޅުމަކުން ކަމަށް ނިންމައި އެޗްޑީސީން އެ ބީލަން ޑިސްކޮލިފައި ކޮށްފި އެވެ.

އެޗްޑީސީގެ މީޑިއާ އޮފިސަރު އަލީ މަޝާރު "ވަން" އަށް މިއަދު ވިދާޅުވީ އަކަފޫޓަކަށް 10 މިލިއަން ރުފިޔާ ހުށަހެޅި ބިޑަކީ "ޖެނުއިން މިސްޓޭކެއް" ކަމަށް އެޗްޑީސީގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށާއި، ބިޑް ހުށަހެޅި ފަރާތުންވެސް އެ އަގު ހުށަހެޅިފައިވަނީ އޮޅުމަކުން ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ އެފަރާތުގެ ބީލަން ޑިސްކޮލިފައިވާ ކަމަށާއި، ބީލަން ހުށަހެޅި ފަރާތުން ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅާފައިވާ 320،000ރ. ކްލެއިމް ނުކުރާތީ، ބީޗް ސައިޑްގެ ބީލަށް ކުރިމަތިލުމުގެ ފުރުސަތު އެފަރާތަށް ދީފައިވާ ކަމަށް މަޝާރު ވިދާޅުވިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އަކަފޫޓަކަށް ދިހަ މިލިއަން ރުފިޔާ ހުށަހެޅީ އިބްރާހިމް މާޖިދު ކިޔާ މީހެކެވެ. އެއީ ބީޗްފްރޮންޓުން ވިއްކި 26 ބިމަށް ހުށަހެޅުނު އެންމެ ބޮޑު އަގެވެ. އެޗްޑީސީގެ އޮފިޝަލުން ވަނީ ބިޑްތައް ހުޅުވި ގަޑީގައި އެ އަގަކީ ސައްހަ އަގެއްތޯ ކަށަވަރުކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. ނަމަވެސް ބީލަން ކުރިއަށްދިޔަ އިރު، އޭނާ ހާޒިރުވެ ނެތުމުން އެކަން ކުރެވޭ ގޮތް ވަނީ ނުވެފައެވެ. މާޖިދު ހުށަހެޅި ފޯމުގައިވާ މައުލޫމާތުތައް ފުރިހަމަވާތީ، އެޗްޑީސީން ވަނީ އޭނާ ހުށަހެޅި ބީލަން އެދުވަހު ބަލައިގަނެފައެވެ.

ބީޗު ފްރަންޓުން ވިއްކި ބިންތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، 211 މީހަކު ވަނީ އެ ބިންތަކަށް ބީލަން ހުށަހަޅައިފައެވެ. ބީޗު ފްރޮންޓް 26 ބިމަކީ މިހާތަނަށް ހުޅުމާލެއިން ވިއްކި އެންމެ އަގުބޮޑު ގޯއްޗަށް ވާއިރު، އެ ބިންތައް ކާމިޔާބުކުރި ބީލަންތައް އެވްރެޖްކޮށް އުޅެނީ އަކަފޫޓެއް 6،000ރ. އާއި 10،000ރ. އާ ދެމެދުގަ އެވެ. އެންމެ ކުޑަ އަގަކުން ބީލަން ކާމިޔާބު ކުރި މީހާ ހުށަހެޅީ އަކަފޫޓަކަށް 6،000ރ. އެވެ. އެ ބިންތަކަކީ 1603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ ބިންތަކެވެ.

އެޗްޑީސީން ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނުކުރީ 60 ބިމެކެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗު ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާގޮތަށް 26 ބިމަކާއި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން 34 ބިމެކެވެ. ބީޗް ސައިޑް 34 ބިމަށް ބިޑް ކުރުން މިއަދު މިއަދު ހެނދުނު 10:00 އިން މެންދުރު 12:00 އާ ހަމަޔަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. ބިޑްތައް ހުޅުވާނީ މިއަދު 13:00 އިން ފެށިގެންނެވެ.