ޔުކުރޭނާއި އިންޑިއާގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ، ޔުކުރެއިނާއި ރަޝިޔާގެ ބޯޑަރު ސަރަހައްދަށް ރަޝިޔާ ސިފައިން ޖަމާ ކުރުމާ ގުޅިގެން ނުތަނަވަސްކަން އިތުުރުވެފައިވާއިރު، ރަޝިޔާއިން ޔުކުރެއިނަށް މާދަމާ އަސްކަރީ ހަމަލާއެއް ދީފާނެކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް ޔުކުރެއިންގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު މަޝްރަހު ހޫނުވެ ކޮންމެ ވަގުތަކުވެސް އެ ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ހާލަތެއްގައި އޮތްއިރު، އެ ގައުމުގެ ޔުނިވަސިޓީތަކުގައި ކިޔަވަމުން އަންނަ 50 އަށްވުރެ ގިނަ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދިވެހި ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ބޮޑެތި ބައެއް ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުން ޔުކުރެއިނުން ބޭރުކޮށް ސަލާމަތީ ސަރަހައްދުތަކަށް ގެންދަން ފަށާފައިވާއިރު، ހަނގުރާމަ ފެށުމުން، ދަރިވަރުން އެގައުމުން ބޭރުކޮށް ސަލާމަތީ ސަރަހައްދުތަކަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ދިވެހި ކިޔަވާކުދިން އެގައުމުން ނެރެ މިހާރުން މިހާރަށް ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދަށް ވަނީ ގޮވާލައްވައިފައެވެ.

އޭގެ އިތުރުން އިންޑިޔާގައި ހިޖާބުން ނިވާވެފއިވާ ކުދިންގެ ބުރުގާ ނެގުމަށް މަޖުބޫރުކޮށް، އެފަދަ ކުދީންނަށް ޔުނިވަސިޓީތަކުގެ އެތެރެއިންނާއި ބޭރުން ފުރައްސާރަކޮށް އަނިޔާކުރަމުންދާ މި ދަނޑިވަޅުގައި، އެ ގައުމުގައި ކިޔަމުންވަމުންދާ ގިނަ ދިވެހި ދަރިވަރުންނަކީ ބުރުގާ އަޅާބަޔަކަށްވާއިރު، އެކަމަށް ސަމާލުވެ އެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ސަރުކާރުން ކަރުކަށި ހިންދޫންނާ ގުޅިގެން ކުރަމުންގެންދާ ކަންތައްކުގައި އެ ކުދިންގެ ދިނީ މިނިވަނަކަން، ނިގުޅައި ނުގަންނާނެކަން ކަށަވަރު ކުރުމަށްވެސް ވަނީ ގޮވާލައްވައިފައެވެ.

މި މައްސަލައަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، އެކަމަށް ފެންނަ ކަމަށް ވޯޓުދެއްވީ، ޖަލްސާގައި ތިއްބެވި 31 މެންބަރުންގެ ތެރެއިން އެންމެ ހަތް މެންބަރުންނެވެ. ބަހުސްކުރަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ބޭރުކޮށްލަން 17 މެންބަރުން ވޯޓު ދެއްވިއެވެ.

އެ މައްސަލަ ބަހުސް ކުރަން 13 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.