ކޮންމެ ރަށަކީ ތާރުއަޅަންޖެހޭނެ ރަށެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް މިނިސްޓާ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގެ ދޮންވެލީގެ މަގުތަކުގައި ތާރުއެޅުމާބެހޭގޮތުން، އެއްޗެއް ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަސްލަމްގެ ކިބައިން އެދިވަޑައިގަތުމާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ މަގުތައް ހުންނަނީ ދޮންވެލިން ޒީނަތްތެރިކުރެވިފައި ކަމަށެވެ. ނަމަވެސް ދުއްވާއެއްޗެހި ގެންގުޅުމާ ގުޅިގެން ބައެއް ރަށްރަށުގެ މަގުތަގުގައި އަޑިގުޑަންހުންނަ ކަމަށާއި، މަގުތަކާ ގުޅޭގޮތުން ގެންގުޅޭ ވިސްނުން ބަޖެޓުން އެނގިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވި، ކޮންމެ ރަށެއްގެ މަގުތަކުގައި ތާރުއަޅަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އާބާދީ ތޮއްޖެހި ޓްރެފިކް މައްސަލަ ޖެހޭ ތަންތަނުގައި ތާރުއަޅައިގެން މަގުތައް ހަދަން ޖެހިދާނެ ކަމަށެވެ.

ނަމަވެސް އެއްކޮޅުގައި ހުންނަ މީހާ އަނެއްކޮޅުގައި ހުންނަ މީހާއަށް ބާރަށް ގޮވާލުމުން އަޑުއިވޭ ރަށްރަށުގައިވެސް ތާރުއަޅަން ޑިމާންޑް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެއީ ތާރުއަޅަން ޖެހޭ ރަށްރަށް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.