Close
ޚަބަރު

މިމަހުގެ ތެރޭގައި ވިނަރެސް ފްލެޓްތައް ގަތުމަށް އާންމުންނަށް ހުޅުވާލަނީ

އަލީ ޔާމިން

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ވިނަރެސް ފްލެޓުތައް ގަންނަން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އާންމުންނަށް ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ވިނަރެސް ފްލެޓްތައް ވިއްކަން ނިންމާފައިވަނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނާއި ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންނާއި ގުޅިފަޅުން ފްލެޓް ދޫކޮށްލި މީހުންނަށް އަދި ބާކީ ހުރި ފްލެޓްތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

އެޗްޑީސީން މީގެ ކުރިން ވަނީ، މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކެޓަގަރީ ނޫން އެހެން ކެޓަގަރީތަކުން ވިނަރެސް ފްލެޓް ގަތުމަށް ހުޅުވާލާފައެވެ. އެފުރުސަތުގައި، ޖުމުލަ 288 ފަރާތަކުން ވިނަރެސް ފްލެޓް ގަތުމަށް ހުށަހަޅާފައިވެއެވެ. އެއީ ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 117 މީހަކާއި ހިޔާ ފްލެޓް ދޫކޮށްލުމަށް ފަހު ވިނަރެސް އިން ފްލެޓް ގަތުމަށް ހުށަހެޅި 79 މީހަކާއި ގުޅިފަޅުން ފްލެޓް ދޫކޮށްލި މީހުންގެ ތެރެއިން 96 މީހެކެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރޭ ވިދާޅުވީ، ޖުލައި މަހުގެ ނިޔަލަށް ވިނަރެސް ފްލެޓްތައް ނިންމައިލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އާންމުންނަށް ވިނަރެސް ފްލެޓް ގަންނަން ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ސީލައިފަށް ފައިސާ ދެއްކި މީހުންނަށް ފުރުސަތު ދެމުން. އެހެންކަމުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އާންމުންނަށް ހުޅުވާލެވޭވަރުވާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ" ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ، އާންމުންނަށް ވިއްކާނީ ކިތައް ފްލެޓްކަމެއް އަދި ޔަގީން ނުވާ ކަމަށާއި ނަމަވެސް 1،000 އެއްހާ ފްލެޓް އާންމުންނަށް ވިއްކޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ޖުމުލަ ދިހަ ޓަވަރު ހަދާނެއެވެ. މި ޓަވަރުތަކުގައި ޖުމުލަ 1340 އެޕާޓްމަންޓާ އެކު ހަތަރު ވައްތަރެއްގެ އެޕާޓްމަންޓް ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއުއެވެ. މި ހުރިހާ ވައްތަރެއްގައިވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.

އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނާނެއެވެ. ސްޓޭންޑާޑް ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި ހުންނާނީ 883 އަކަފޫޓެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުން، މި ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭ އިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފައެވެ. ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖަހައި، ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކޮށްފައި ހުންނާނެއެވެ.

އޭގެ އިތުރުން ބަދިގެ ކަބަޑު ސެޓު ހަރުކޮށް، ބެލްކަނި ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށެވެ. ލިވިން ރޫމާއި ކޮޓަރިތަަކުގައި އޭސީ ހަރުކޮށްފައި ހުންނާނެއެވެ. ނަމަވެސް އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެއެވެ.

އެތަންތަން ވިއްކަނީ ތިން މޮޑެލެއްގެ ދަށުންނެވެ. އެއީ ލީސް ޓު އޯން މޮޑެލް، އޯން އިކުއިޓީ ފައިނޭންސިން މޮޑެލް އަދި އެންޑް ޔޫޒާ މޮޑެލްއެވެ.

ލީސް ޓު އޯން މޮޑެލްގެ ދަށުން ދެ ގޮތެއް ލިބޭނެއެވެ. ފުރަތަމަ ގޮތަކީ އެޕާޓްމަންޓް އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓުގެ ގޮތުގައި ދެއްކުމަށް ފަހު، 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ. ދެވަނަ ގޮތަކީ ޑައުންޕޭމަންޓަށް ވިހި ޕަސެންޓް ދައްކައިފިނަމަ 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ.

އޯން އިކުއިޓީ ފައިނޭންސިން މޮޑެލްގެ ދަށުން، ޕްރޮޖެކްޓުގެ އަގު އެއް ފަހަރާވެސް ދެއްކޭނެއެވެ. އަދި ބަހާލައިގެން ޕޭމަންޓް ޝެޑިއުލްގެ ދަށުންވެސް ފައިސާ ދެއްކޭނެއެވެ. އެންޑް ޔޫސާ ފައިނޭންސިން މޮޑެލްގެ ދަށުން ބޭންކެއް ނުވަތަ އެހެން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ލޯނެއްގެ ދަށުން އެޕާޓްމަންޓް ގަނެވޭނެއެވެ. އޯން އިކުއިޓީ ނުވަތަ އެންޑް ޔޫޒާ މޮޑެލް ބޭނުންކުރާނަމަ ދިހަ ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލިބޭނެއެވެ.