ޚަބަރު

ކީރިތި ޤުރުއާން މުސްހަފެއް އަންދާލި މީހަކަށް ހަމަލާދީ މަރާލައިފި

ޕާކިސްތާން ގައި ކީރިތި ޤުރުއާނަށް އިހުތިރާމު ކުޑަކޮށް މުސްހަފުގެ ގަނޑުތައް އަންދާލި މީހަކަށް އާންމުން ނުކުމެ ހަމަލާދީ މަރާލައިފިއެވެ.

ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތި އުމުރުން 40 އަހަރުގެ މީހާއަށް ހަމަލާ ދީފައި ވަނީ ޕާކިސްތާންގެ ޕަބްޖާބު ޕްރޮވިންސްގެ ޚަނެވާލް ސިޓީގައެވެ.

މިދިޔަ ހޮނިހިރުދުވަހު އާއްމުންގެ ތެރެއިން ގިިނަ އަދަދެއްގެ ބަޔަކު ނުކުމެ އޭނާއަށް ހަމަލާ ދިނީ އޭނާ ފުލުހުންގެ ބަންދުގައި ހުއްޓައެވެ. އެމީހުން ވަނީ އޭނާ ފުލުހުންގެ ހައްޔަރުން ނެރެގެން ގެންގޮސް ގަހެއްގައި ބަނދެ ލަކުޑި ބުރިތަކުންނާއި ދަގަނޑު ބުރިތަކުން ހަމަލާދީފައެވެ. އަދި ހަމަލާތަކުގައި އޭނާ މަރުވުމުން ގަހެއްގައި އޭނާގެ ހަށިގަނޑު ދަންޖެއްސުވި ކަމަށް އެގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

ޕާކިސްތާންގެ ގާނޫނު ބުނާ ގޮތުން އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މަރުގެ އަދަބު ދެވޭނެ ކުށެކެވެ. ނަމަވެސް ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތި މީހާއަށް އާއްމުން ނުކުމެ އަނިޔާކޮށް މަރާލުމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އެކަން ކުށްވެރިކުރައްވައި އަމިއްލައަށް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުގެ ކުރިމަތީގައި ސަރުކާރަށް އޮންނާނީ ޒީރޯ ޓޮލެރަންސް ކަމަށް ވިދާޅުވެފައެވެ. އަދި ހަމަލާދީ ބަޔަކު އެމީހާ މަރާލާފައި ވަނީ ފުލުހުންގެ ޒިންމާ އަދާނުކުރެވުމުން ކަމަށް ވެސް އިމްރާން ޚާން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން އެ ގައުމުގެ ފުލުހުން ވަނީ މިހާތަނަށް 80 މީހަކު ހައްޔަރުކޮށްފައެވެ. ޕާކިސްތާން ފުލުހުން ބުނާގޮތުގައި ކީރިތި ޤުރުއާން އަންދާލީ އުމުރުން 40 އަހަރުގެ މީހެކެވެ. އޭނާއަކީ ބުއްދި ހަމަނުޖެހޭ މީހެއް ކަމަށާއި ފާއިތުވި 15 އަހަރު އޭނާގެ ސިކުނޑީގެ އުނިކަން ހުންނަ ކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ.

މީގެ ދެމަހެއްހާ ދުވަސްކުރިން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރި ޕާކިސްތާންގައި މަސައްކަތް ކުރާ ސްރީލަންކާގެ ރައްޔިތަކަށް ވެސް ޕާކިސްތާންގެ އާއްމުންގެ ބަޔަކު ވަނީ ހަމަލާދީ މަރާލާފައެވެ.