ޚަބަރު

ޔޫކްރެއިނުގައި ތިބި ދަރިވަރުންގެ ޝަކުވާތަކެއް، މިނިސްޓްރީން ބުނަނީ އަދިވެސް ހާލު ބަލަމުން އަންނަ ކަމަށް

މުހައްމަދު ޖަމްޝަތް ވަހީދު

ޔޫކްރެއިން ބޯޑަރުގެ އެކި ހިސާބުތަކުގައި ރަޝިއާގެ ސިފައިން ގާއިމުވެފައިވާތީ ޔޫކްރެއިނާއި ރަޝިއާއާ ދެމެދު މަސްލަހަތު ގޯސްވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުހީވެފައިވާ އިރު، އެގައުމުގައި ތިބި ދިވެހީންނާ މެދު ސަރުކާރުން އަމަލުތައް ކުރަމުންދަނީ ވަރަށް ދޯދިޔާކޮށް ކަމަށް ޔޫކްރެއިންގައި ކިޔަވަން ތިބި ދަރިވަރުންތަކެއް ބުނެފިއެވެ.

ޔޫކްރެއިނަކީ ދިވެހި ގިނަ ދަރިވަރުން ކިޔަވަން ދާ ގައުމެކެވެ. އެގައުމުގައި 50 އަށްވުރެ ގިނަ ދިވެހިން އެބަތިއްބެވެ. އެގައުމުގައި ދިވެހިން ދިރިއުޅޭ ސަރަހައްދުތައް މިހާރު އާންމު ހާލަތަށް އައިސްފައިވާ ކަމަށް ސަރުކާރުންނާއި ދަރިވަރުން ވަނީ ބުނެފައެވެ.

ޔޫކްރެއިންގެ ހާކިވްގައި ކިޔަވަން ތިބި ދަރިވަރުންގެ ފަރާތުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމައެއް ފެށިއްޖެ ނަމަ އެންމެ ފުރަތަމަ އަސަރުކުރާނީވެސް އެ ސިޓީއަށް ކަމަށާއި ނަމަވެސް ޔޫކްރެއިންގެ މަސްލަހަތު ގޯސްވަމުން ދާން ފެށިއިރު ވެސް ދިވެހި ސަރުކާރުގެ އެއްވެސް އިރުޝާދެއް ލިބިފައި ނުވާ ކަމަށެވެ. އަދި ދަރިވަރުންގެ ސަލާމަތަށްޓަކައި ފިޔަވަޅު އެޅީ އަމިއްލައަށް ކަމަށާއި އެގޮތުން ޔޫކްރެއިނާ އެންމެ ކައިރީގައި ދިވެހި އެމްބަސީއަކަށް ހުންނަ ޖަރުމަނު އެމްބަސީއަށް ގުޅޭނެ ގޮތްވެސް ހޯދަން ޖެހުނީ ދަރިވަރުން އަމިއްލައަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ އެމްބަސީގައި ތިއްބެވި އޮފިޝަލުންގެ އެދުމަށް އެމަޖެންސީ ހާލަތެއްގައި ދަރިވަރުންނާއި އެމްބަސީއާ މުއާމަލާތްކުރެވޭނެހެން ހުރިހާ ދަރިވަރުން ހިމެނޭ ގޮތަށް އޮންލައިން ގުރޫޕެއް ހެދި ކަމަށާއި ނަމަވެސް ދަރިވަރުންގެ ކަންބޮޑުވުންތަކާއެކު ޔޫކްރެއިން މަސްރަހު ގާތުން ބަލަމުން އަންނަ ކަމަށް އޮފިޝަލުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އިމަޖެންސީ ހާލަތުގައި ގުޅޭނެ ފަރާތްތަކުގެ މައުލޫމާތު ފުރަން ގޫގްލް ޝީޓެއް ދިނުން ފިޔަވައި އިތުރު ކަމެއް ނުކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

"ލަދު ގަންނަންޖެހޭ މިހާ މަދު ދަރިވަރުންތަކެއް ތިބި އިރުވެސް އެ ގައުމުން އަހަރުމެން ނެރެދިނުމަށް އެހީއަށް އެދި ސަރުކާރު ފަހައި ދުވަން ޖެހުމުން. އެހެން ގައުމުތަކުގެ ކިޔަވާ ކުދިންގެ އަދަދު 4،000 އަށްވުރެ އިތުރު އިރު އެހީއަށް ނޭދެނީސް އެ ދަރިވަރުންގެ ގައުމުން ވަނީ ދަރިވަރުންތައް އަނބުރާ ގެންގޮސްފައި،" ދިވެހި ދަރިވަރުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޔޫކްރެއިންގެ މަސްރަހާ ގުޅޭގޮތުން ދަރިވަރުންގެ ބަޔާނުގައި ބުނެފައިވަނީ ފްލައިޓު ޓިކެޓެއްގެ އަގުވެސް 24 ގަޑިއިރު ތެރޭގައި 2،500 ޑޮލަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ދަރިވަރުން ކިޔަވާ ޔުނިވާސިޓީތަކަށް ހުށަހަޅަން، ދިވެހި ސަރުކާރުން ދިވެހިން އެގައުމުން ފައިބަން އެންގިކަމުގެ ރަސްމީ ލިޔުމެއް ދިނުމަށް އެދުނު ނަމަވެސް ޓިކެޓުގެ އަގު ބޮޑުވެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ޓިކެޓް ނުގަނެވޭ ވަރު ވީއިރުވެސް އެކަންވެސް ކޮށްފައިނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ބުނީ ޔޫކްރެއިނާއި ޔޫރަޕުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ޖަރުމަނުގެ ދިވެހި އެމްބަސީ މެދުވެރިކޮށް ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ދަރިވަރުންނާ ގަވާއިދުން މުއާމަލާތު ކުރަމުން އަންނަ ކަމަށެވެ. އަދި މިނިސްޓްރީގެ ކޮންސިއުލާ އޮފިޝަލުންނާއި ޑެޕިއުޓީ މިނިސްޓަރެއް ވެސް ދަރިވަރުންގެ އާއިލާތަކާ މިއަދު ބައްދަލުކޮށް ފަހުގެ މައުލޫމާތު ދީފައިވާނެ ކަމަށް ވެސް ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ޔޫކްރެއިންގައި ތިބި ހުރިހާ ދިވެހި ދަރިވަރުންގެ ހާލު ވެސް ރަނގަޅު ކަމަށާއި މިހާރު އެގައުމުގެ ސިޓީތައް އާންމު ހާލަތަށް އައިސްފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ހާލަތު އިތުރަށް ބަަލައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ވަނީ ދީފައެވެ.