ރާއްޖެއާ އެންމެ ކައިރިން ދެކުނަށް އޮންނަ ޑިއޭގޯ ގާސިއާ ހިމެނޭ ފޯޅަވަހި (ޗާގޯސް އާކިޕެލަގޯ) އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ވަކިކުރުމާ ބެހޭ މައްސަލައިގައި ސަރުކާރުގެ ސިޔާސަތު އޮޅުންފިލުވުމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފިއެވެ.
ފޯޅަވައްސަކީ ރާއްޖެއާ އެންމެ ކައިރިން ދެކުނަށް، އައްޑޫ ސިޓީގެ ދެކުނުން 310 މޭލު ދުރުގައި އޮންނަ ތަނެކެވެ.
އިނިގިރޭސީން މުޅި ދުނިޔެއަށް ބާރު ހިންގި އިރު، މީގެ 55 ވަރަކަށް އަހަރު ކުރިން ޑިއޭގޯ ގާސިއާގެ ރަށްވެހިން އެތަނުން ބާލައި މޮރިޝަސްއަށް ގެންދިޔައެވެ. އޭރު މޮރިޝަސްއަކީ ވެސް އިނގިރޭސި ކޮލޮނީގައި ހިމެނޭ ތަނެކެވެ.
އޭގެ ފަހުން އެމެރިކާގެ ކަނޑުގެ ބޭސްއެއް ހެދުމަށް އެތަނުގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ އިނގިރޭސިވިލާތުން އެމެރިކާއަށް ދިނެވެ. މިހާރު އެމެރިކާގެ އެންމެ ބޮޑު ކަނޑުގެ އަސްކަރީ ބޭސް އޮންނަނީ ޑިއޭގޯ ގާސިއާގައެވެ.
ނަމަވެސް މިފަހުން ފޯޅަވަހި ޖަޒީރާ (ޗާގޯސް އާކިޕެލަގޯ) އަކީ މޮރިޝަސްގެ ބައެެއް ކަމުގައި ބުނެ އެ ގައުމުން އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް މައްސަލަ ހުށަހެޅިއެވެ. އެމީހުން ބުނާގޮތުގައި އިނގިރޭސީން ފޯޅަވައްސަށް ވެރިވެގަތީ ގާނޫނާ ހިލާފަށެވެ.
އެގޮތުން ފޯޅަވަހި މޮރިޝަސްއިން ވަކިކޮށް އިނގިރޭސީންގެ ބައެއްގެ ގޮތުގައި ނިންމީ 1965ގައި ކަމަށްވެސް ބުންޏެވެ. އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރީ، މޮރިޝަސްގައި ތިބި، ފޯޅަވަހީގެ ރައްޔިތުންގެ ކާފަ ދަރިންނާއި މުނިކާފަ ދަރިންނެވެ. ނަމަވެސް ފޯޅަވައްސަކީ އިނގިރޭސީންގެ ބައެއް ކަމަށާއި، އެހެން އެއްވެސް ބަޔަކަށް އެތަނަށް ބާރު ނުފޯރުވޭނެ ކަމަށް އިނގިރޭސީން އައީ ވަކާލާތު ކުރަމުންނެވެ.
އެ މައްސަލައިގައި އދ.ގެ އެންމެ މަތީ ކޯޓުން ނިންމީ އެއީ މޮރީޝަސްގެ ތަނެއްގެ ގޮތުގައެވެ. އަދި އެތަން މޮރިޝަސްއާ ހަވާލުކުރަން އެ ކޯޓުުން އިނގިރޭސިވިލާތަށް އެންގިއެވެ. ނަމަވެސް މިހާތަނަށް އައިއިރު އެކަން ތަންފީޒު ވެފައެއް ނުވެއެވެ.
އަނެއްކޮޅުން ފޯޅަވަހީގެ މިލްކިއްޔާތަށް މޮރިޝަސްއިން ކުރާ ދައުވާއާ ގުޅޭ އެ ގައުމުގެ ހައްގުތައް ކަށަވަރުކުރުމަށް އިތުރު ހެކި ހޯދުމަށްޓަކައި މޮރިޝަސްގެ ޓީމެއް މިހާރު ފޯޅަވައްސަށް ދަތުރުކޮށްފައިވާ ކަަމަށް އިއްޔެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިއަދު ބޭއްވި މަޖިލީހުގެ ހާރިޖީ ކޮމިޓީގެ ބައްދަލުވުމުގައި އެކަމާ ބެހޭ މައުލޫމާތު ކޮމިޓީ މެންބަރުންނާ ހިއްސާކުރައްވަމުން ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ފޯޅަވައްސަށް ދިޔަ މޮރިޝަސްގެ ޓީމުުން އެތަނުގައި އެ ގައުމުގެ ދިދަ ޖަހާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، އެސްއީޒެޑްގައި ހިމަނައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ 200 މޭލު ކަމަށް އޮތް ނަމަވެސް އެ މައްސަލަ ނިމޭ ގޮތަކުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަލުން ރީޑްރޯ ކުރަން ޖެހިދާނެ ކަމަށެވެ.
އެހެންކަމުން އެކަމާ ގުޅިގެން ކުރެވޭ މަސައްކަތްތަކީ ކޮބައިތޯ އާއި އެ މައްސަލައިގައި މިހާ ހިސާބުން ކުރިއަށްދާނެ ގޮތަކީ ކޮބައިތޯ އާއި، ރާއްޖޭގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން ވިސްނާފައިވަނީ ކޮން ގޮތަކަށްތޯ ބެލުމަކީ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މި މައްސަލައިގައި ވަކި ކޮޅަކަށް ޖެހުމަށް އިނގިރޭސި ވިލާތާއި މޮރިޝަސްއިން ރާއްޖެއަށް ބާރު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގައި ކޮމިޓީ މެންބަރުން ނިންމެވީ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާ ބައްދަލުކޮށް އެކަމާ ބެހޭ މައުލޫމާތުތައް އޮޅުންފިލުވުމަށެވެ.
ނަމަވެސް އޭގެ ކުރިން އެ މައްސަލައިގެ ކަންތައްތައް ސާފުކުރަން ޖެހޭތީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ކޮމިޓީއަށް ހާޒިރު ކުރަން ނިންމިއެވެ. އަދި ޝާހިދަކީ މިވަގުތު ރާއްޖޭގައި އުޅުއްވާ ބޭފުޅަކަށް ނުވާތީ، އޮންލައިންކޮށް އެމަނިކުފާނަށް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވޭގޮތަށް އިންތިޒާމުކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި އިސް ފަރާތްތައް މާދަމާ ކޮމިޓީއަށް ހާޒިރުކުރަން މިއަދުގެ ބައްދަލުވުމުން ނިންމިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު