ޚަބަރު

އެމްއެމްޕީއާރްސީ މައްސަލަ: 40 އާއި 50 މިލިއަނުން ފައިސާނަގައި މީހުންނަށް ބެހިކަން ފެންނަންހުރި: އާތިފް

މުހައްމަދު އިޝާން

ފައިނޭޝިއަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ޑާޓާބޭސް ދިރާސާ ކުރެއްވިއިރު 2014 ވަނަ އަހަރުގެ ގެ ޖޫން މަހުން ފެށިގެން ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ނަގައި އެކި ފަރާތްތަކަށް އެ ފައިސާ ބަހާފައިވާކަމަށާއި އެގޮތުން 40 މިލިއަނުންނާއި 50 މިލިއަނުން ފައިސާ ނަގައި އެކި މީހުންނަށް ބަހާފައިވާ ކަން ޑާޓާބޭސްއިން ދެއްކިކަމަށް އެފްއައިޔޫގެ ކުރީގެ އިސްވެރިޔާ އާތިފު ޝުކޫރު ވިދާޅުވެއްޖެއެވެ.

އާތިފު އެގޮތަށް ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުންކުރާ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ދައުވާގެ ޝަރީއަތުގައި އިއްޔެ ވާހަކަދައްކަވަމުންނެވެ. ކުރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ޝަރީއަތުގައި އާތިފު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތް ފެށިގެން ދިޔައިރު އޭރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ. އަދި ކަމާގުޅޭ މުއައްސަސާތަކަށް އެކަން ބަޔާންކުރައްވައި ފުރިހަމަކުރަން ޖެހޭ ފޯމުވެސް ފުރުއްވާފައިވާނެ ކަމަށެވެ. އާތިފު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެންނަން ކުރި މަސައްކަތުން އޭނާގެ ފުރާނައަށް ނުރައްކާ އޮތްކަން އެނގިގެން ދިޔަ ކަމަށެވެ.

ދައުލަތުގެ ސަމާލުކަމަށް އެކަން ގެނައުމަށްފަހު ވަރަށް ބޮޑެތި ފިއްތުންތަކާއި ކުރިމަތިވެ މަގާމުގެ ގާނޫނީ މަސްއޫލިއްޔަތު އަދާ ނުކުރެވޭނެކަން ޔަގީންވުމުން އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާދެއްވި ކަމަށާއި، އެމްއެމްޕީއާރްސީ ކޮރަޕްޝަނުގެ މައުލޫމާތު ފުލުހުންނާއި އޭސީސީއަށް ނާންގާކަމަށް ބުނެ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ދޮގު ދައުވާތަކެއްކަމަށް ވެސް އާތިފު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ކަންކަން ހިނގަމުން ދިޔައީ ބޭންކިން ނިޒާމުގެ ވަކި ވެއްޓެއްގައިކަމަށްވުމުން އެކަން ކުރަނީ ދައުލަތާއި ބޭންކިން ނިޒާމުގެ އެއްބާރުލުމާއެކު އެކަން އެނގުނު ކަމަށް އާތިފު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޭންކިން ނިޒާމުގެ ވަކި ވެއްޓެއްގައި ހިނގާ ހުރިހާ ކަމެއް ދެނެގަންނަން އުނދަގޫވާނެ ކަމަށެވެ. އާތިފު ވިދާޅުވީ އޭނާ އެފްއައިޔޫގެ އިސްވެރިޔާގެ މަގާމާ ހަވާލުވިއިރު ވެސް ސަސްޕިޝިއަލް ޓްރާންސެކްޝަން (އެސްޓީއާރް) ހިނގާފައިވާ ކަމަށެވެ. އަދި އެސްޓީއާރްތަކުން މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭސްކުރުމުގެ އަމަލުތައް ހިންގަމުންދާކަން ސާފުވާ ކަމަށެވެ. ނަމަވެސް އެ ޓްރާންސެކްޝަންތަކުގެ މައުލޫމާތު ފުލުހުންނާ ހިއްސާ ނުކުރީ ފުރާނައަށް ނުރައްކާވެދާނެތީކަމަށް އާތިފު ވިދާޅުވިއެވެ.

މަގާމާ ހަވާލުވުމަށްފަހު އެފްއައިޔޫގެ ޑޭޓާބޭސް ދިރާސާކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު 2014 ވަނަ އަހަރުން ފެށިގެން ބައެއް ފަރާތްތަކުގެ އެކައުންޓުނަށް 40 މިލިއަން ރުފިޔާ އާއި 50 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ޖާމަވެފައިކާން އެނގުނު ކަމަށެވެ. އަދި ހަމަ އެދަދަށް ފައިސާ ކޭޝްވިތުޑްރޯ ކޮށް އެކި ފަރާތްތަކަށް ބަހާފައިވާކަން އެނގުނު ކަމަށެވެ. އާތިފު ވިދާޅުވީ އެ ހުރިހާ ކަމެއް ކުރީ ބޭންކިން ނިޒާމުގެ އާދައިގެ މީހެއްގެ އަތް ނުފޯރާ ފަށުން ކަމަށެވެ.

އާތިފު ވިދާޅުވީ މަގާމުގައި ހުރެގެން އެކަން އިދާރާތަކުގެ ސަމާލުކަން ގެނައުމަށް ކުރެވެން ހުރި ކަންކަން ކޮށްފައިވާނެ ކަމަށެވެ. އަމަލީ ގޮތުން އެކަން ހުއްޓުވަން ގާނޫނީ ޒިންމާ އަދާނުކުރީ އޭރުގެ ސަރުކާރުން މަގާމުގެ ޒިންމާ އަދާކުރި ކޮންމެ މީހަކަށް ނުހައްގުން އަދަބުދީފައި ވުމުންނާއި އޭރު އެކަހަލަ ކަންކަންކަމުގެ ވާހަކަ ދެއްކުމުގެ ފުރުސަތު ނެތްކަމަށެވެ. ނަމަވެސް މިހާރު ހިޔާނާތް ހިނގާކަން ފަޅާ އަރުވާލިޔަސް ސަރުކާރުގެ ނުވަތަ ދައުލަތުގެ ފަރާތުން ނުރައްކަލެއް ނޯންނަ ކަމަށެވެ.

ކުރީ ސަރުކާރުގައި ފަނޑިޔާރުން ވެސް ތިބީ ގާނޫނީ މަސްއޫލިއްޔަތު އަދާކުރައްވަން ބިރުންކަމަށް އާތިފު ވިދާޅުވިއެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކުގެ ވެރިން ތިބީ މާބޮޑަށް ވެސް ޖެހިލުންވެވަޑައިގެންފައި ކަމަށް އާތިފު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ބަހަން ނުވަތަ ލޯންޑާކުރަން ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓަށް 22،100،000 ޑޮލަރު ޖަމާވެފައިވާ ކަމަށާއި 2014 ވަނަ އަހަރުގެ އޮގަސްޓު މަހުން އެ އަހަރުގެ ނޮވެމްބަރުގެ މަހުގެ ނިޔަލަށް އެސްއޯއެފްގެ އެކައުންޓަށް 9،100،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އާތިފު ވިދާޅުވިއެވެ. އެފަހުން އެ އެކައުންޓުން އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރި ކަން އެފްއައިޔޫގެ ތަހުގީގުން އެނގެން އޮތް ކަމަށާއި ޖުމުލަ އަށް ޓްރާންސްސެކްޝަނެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން ޖުމުލަ 47،500،000 ދިވެހި ރުފިޔާ ކޭޝްކޮށް ނަގާފައިވާކަމަށް އާތިފު ވިދާޅުވިއެވެ. އެސްއޯއެފްއަކީ އެހާ ބޮޑެތި އަދަދުތަކުން ވިޔަފާރިކުރުމުގެ ގާބިލުކަންހުރި ކުންފުންޏެއް ނޫންކަމަށާއި އެ ކުންފުނިން އެހާ ބޮޑު އަދަދެއްގެ ޓެކްސްގެ ގޮތުގައި ނުދައްކާ ކަމަށް ވެސް އާތިފު ވިދާޅުވިއެވެ.

އެސްއޯއެފްގެ އެކައުންޓުން ސަސްޕިޝިއަލް ޓްރާންސެކްޝަންތަކެއް ހިނގިޔަސް އެކަން ހުއްޓުވަން މަސައްކަތް ނުކުރީ ރާއްޖެއަށް އަންނަ ކަޅު ފައިސާ އަތުލައިގަތުމުގެ މަސައްކަތް ކުރުމަށް ގަވަރުނަރު އިރުޝާދު ދީފައިވުމުން ކަމަށެވެ. އަދި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ބަޔަކާ ހިއްސާ ނުކުރުމަށް ގަވަރުނަރު ވިދާޅުވި ކަމަށް އާތިފު ވިދާޅުވިއެވެ.

ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަން އެނގުނު ނަމަވެސް އެކަން ނުހުއްޓުވީ ނުފޫޒާ ބިރު ދެއްކުންތަކުގެ ސަބަބުންކަމަށް އާތިފު ތަކުރާރުކޮށް ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާ ރިޕޯޓުކުރަން އޮންނަނީ ގަވަރުނަރަށް ކަމަށާއި އެ ޒިންމާ ފުރިހަމަޔަށް އަދާކުރެއްވި ކަމަށް ވެސް އާތިފު ވިދާޅުވިއެވެ.