މުވައްޒަފުންނަށް ސާވިސްޗާޖު ދިނުމާއި، މިނިމަމްވޭޖު ހަމަޖެއްސުމުގައި، ބައެއް ފަރާތްތަކުން ގާނޫނާ ހިލާފުވާ މައްސަލައިގައި، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުއްވީ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އެވެ.
އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން، ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ، ބައެއް ރިސޯޓުތައް ހިންގާ ކުންފުނިތަކުން އެ ކުންފުނީގެ ރިސޯޓުތަކަށް މުވައްޒަފުން ގެންނަނީ އެހެން ކުންފުނިތަކުގެ ނަމުގައި ކަމަށެވެ. ބޭނުމަކީ ގާނޫނުގައި އޮންނަ ގޮތަށް ސާވިސް ޗާޖާއި މިނިމަމް ވޭޖު އެ ފަރާތްތަކަށް ނުދިނުން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނުގައި ބުނާގޮތަށް އެ ކަންތައްތައް އެލްއާރްއޭ އިން ބަލަމުންދޭތޯ މަޖިލީހުން ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި މުވައްޒިފުންނާ ދޭތެރޭ އެފަދަ ކަންތައް ހިނގައިތޯ މޮނިޓާ ކުރުމަކީ އެލްއާއާރުއޭގެ މަސްއޫލިއްޔަތެއް ކަމަށާއި އެ މަސްއޫލިއްޔަތު އެތަނު އަދާކުރަމުންދޭތޯ ބެލުމަށް އެލްއާރުއޭ ކޮމިޓީއަށް ހާޒިރުރަން ހުށަހަޅުއްވާ ކަމަށްވެސް ދީދީ ވިދާޅުވިއެވެ.
މެންބަރު ދީދީގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، އެ ކަންތައްތަކަކީ މަޖިލީހުން ބަލަން ޖެހޭ ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން މެންބަރު ދީދީގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެކަމަށް ކޮމެޓީގެ އެހެން މެންބަރުންވެސް ތާއީދު ކުރައްވާފައިވާތީ، އަންނަ ހަފުތާއި ކޮމިޓީއަށް އެލްއާރުއޭ ހާޒިރުކުރަން ވަނީ ނިންމައިފައެވެ.