ޔޫކްރޭނުގެ މަޝްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާތީ، ދިވެހީން އެގައުމަށް ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ޔޫކްރޭނުގައި މި ވަގުތު ދިރިއުޅެމުން އަންނަ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ވަނީ، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، އެ މިނިސްޓްރީއާއި އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރެޖިސްޓްރީ ކުރުމަށް އެދިފައެވެ.

ޔޫކްރެއިންއާ ގުޅޭ ބޯޑަރު ކައިރިއަށް ރަޝިއާގެ 100،000 ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށްފައިވި ނަމަވެސް، ޔޫކްރެއިނަށް އަރަން ނޫޅޭ ކަމަށް ރަޝިއާއިން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

ނަމަވެސް އެމެރިކާއިން އިންޒާރު ދޭ ގޮތުގައި ރަޝިއާއިން އޮތީ ކޮންމެ ވަގުތަކުވެސް ޔޫކްރެއިނަށް އަރަން ތައްޔާރަށެވެ.