ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީން ކުޅެން ތައްޔާރުވަމުންދާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ މެޗުގައި ސާޖިއޯ ރާމޯސް ނުފެންނާނެ ކަމަށް ޕީއެސްޖީން ބުނެފިއެވެ.
އަނިޔާގެ ސަބަބުން މިވަގުތު ރާމޯސް ތަމްރީނުތައް ފުރިހަމަ ކުރަމުން ދަނީ ޓީމާ ވަކިންނެވެ. ރެއާލްގައި އެތައް ދުވަހެއް ހޭދަކޮށް، ގިނަ ދުވަސްތަކެއް ވަންދެން ކްލަބުގެ ކެޕްޓަންކަންވެސް ކުރުމަށްފަހު މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގައި ކްލަބު ދޫކޮށް ރާމޯސް ޕީއެސްޖީއަށް ބަދަލުވެފައިވާ އިރު، ރެއާލްއާ ދެކޮޅަށް އޭނާ ކުޅޭތަން ބެލުމަށް ގިނަ ބަޔަކު އިންތިޒާރު ކުރިއެވެ.
އެހެންނަމަވެސް ގަދަ 16ގެ ފުރަތަމަ ލެގުގައި އެ އިންތިޒާރަށް ނިމުން ނާންނާނެ ކަމަށް ޕީއެސްޖީން ވަނީ ޔަގީން ކޮށްދީފައެވެ. އުމުރުން 35 އަހަރުގެ ރާމޯސްގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނީ ރާމޯސް ޓީމާއެކު ތަމްރީނު ނުކުރާ ކަމަށާއި، އަނިޔާގެ އިތުރު ތަފްސީލު ހާމަކުރެވޭނީވެސް އަންނަ ހަފުތާ ކަމަށެވެ.
ރާމޯސްއަށް ރެއާލްއާ ދެކޮޅަށް ނުކުޅެވުން ވެގެންދާނީ ޕީއެސްޖީއަށް މާޔޫސް ކަމަކަށެވެ. ޕީއެސްޖީން ރެއާލްއާ ދެކޮޅަށް ގަދަ 16 ގައި ކުޅެން ޖެހުމާއެކު ރާމޯސް ކުރިން ބުނީ ރެއާލްއަށް ލޯބި އޮތް ނަމަވެސް ޕީއެސްޖީއަށް 100 ޕަސެންޓް ދޭން ތައްޔާރު ކަމަށާއި، ރެއާލް ބަލިކޮށް ކުއާޓާއަށް ދާން ބޭނުންވާ ކަމަށެވެ.
ރެއާލްއާއި ޕީއެސްޖީން ކުޅޭ ފުރަތަމަ މެޗު މާދަމާ ރޭ ޕެރިހުގައި އޮތް ނަމަވެސް އަދިވެސް ދެވަނަ ލެގަށް ރާމޯސްއަށް ފިޓް ވެވޭނެ ކަމަށް ބެލެވެއެވެ. ދެވަނަ ލެގު މާޗު 10 ވަނަ ދުވަހު އޮތީ ރެއާލް ދަނޑުގައެވެ.
މިދިޔަ ދެ ސީޒަނެއްގައިވެސް އަނިޔާތަކުގެ މައްސަލަ ރާމޯސްއަށް ބޮޑުކަން ފާހަގަވެފައިވެއެވެ. ޕީއެސްޖީއަށް ދިޔަ އިރުވެސް ރާމޯސް އަނިޔާގައި ހުރި އިރު، ސީޒަންގެ ފުރަތަމަ މެޗުތައްވެސް އޭނާއަށް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. ރާމޯސްއަށް މި ސީޒަންގައިވެސް 19 މެޗެއް އަނިޔާގެ ސަބަބުން ގެއްލިފައިވެއެވެ. ރާމޯސްއަށް މިދިޔަ ދެ ސީޒަނެއްގައި އެންމެ ބޮޑަށް ދިމާވި އަނިޔާގެ އެއް މައްސަލައަކީވެސް ކުޑަކަޅުވާގެ މައްސަލައެވެ.
ޕީއެސްޖީން ރެއާލްއާ ދެކޮޅަށް ކުޅެން ތައްޔާރުވާ އިރު، ޓީމުގެ ތަރި ނޭމާވެސް އެ މެޗުގައި ނުފެނުން ގާތެވެ. ނޭމާ ނުފެންނާނެ ކަމުގެ ޔަގީންކަން ކްލަބުން ދީފައި ނެތް ނަމަވެސް، ބެލެވޭ ގޮތުގައި ނޭމާ އެ މެޗުގައި ނުފެންނާނެއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު