ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރެއްގެ ގޮތުގައި ބަންޑާރަނާއިބު އިންނެވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އިތުރު މެންބަރެއް އެ ކޮމިޝަނުގައި ހިމެނެން ޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ޖޭއެސްސީގައި މިހާރު މެންބަރު ހިމެނޭ ގޮތަށް ބަދަލު ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބަންޑާރަ ނާއިބާއި ސިޔާސީ އެއްވެސް ފަރާތެއް ނުހިމެނޭ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ބިލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުން، ޖޭއެސްސީގައި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ޖޭއެސްސީގައި ސިޔާސީ މީހުންނާއި ފަނޑިޔާރުން ތިބެގެން ނުވާނެ ކަމަށް، މިހާރު ވާހަކަ ދެކެވޭ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބަންޑާރަނާއިބާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުން ޖޭއެސްސީގައި މިހާރު ތިއްބަވާ ކަމަށެވެެ.

ނަމަވެސް ޖޭއެސްސީގައި ބަންޑާރަނާއިބު އިނުމުގެ ބޭނުންތެރިކަން ފާހަގަވި ނަމަވެސް ރައީސްގެ އިތުރު މެންބަރެއް އެ ކޮމިޝަނުގައި ހިމެނެން ޖެހޭ އިތުރު ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ދައުލަތުގެ އެއްބާރު ކަމަށެވެ.

"އޭނާވެސް ޖޭއެސްސީގައި އިންނަން ޖެހޭކަމަކީ ތެދުފުޅެއް އުނިކަމެއް، އެހެންނަމަވެސް މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީގައި އިނުމަކީ އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރަން ޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ސިޔާސީ މީހުންނަކީ ސީދާ ރައްޔިތުން އިންތިހާބުކުރާ ބައެއް ކަމަށާއި، އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރިގޮތް ތަމްސީލުކުރުމަށް މަޖިލީހުގެ މެންބަރުން ނޫން ބައެއް އަދިވެސް ނެތް ކަމަށެވެ. އެހެންކަމުން ޖޭއެސްސީގައި މަޖިލިސް މެންބަރުން ހިމެނުނު ނަމަވެސް އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލުވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"ޖޭއެސްސީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި އެފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނޭ. ޖޭއެސްސީއަކީ ގާނޫނުއަސާސީން އުފައްދާފައިވާ، ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށްވާއިރު އެތަނުގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލުވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް. އެހެންކަމުން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުން އެއީ ބޭނުންތެރިކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެ ކޯޓުން އިންތިހާބު ކުރާ އެހެން ފަނޑިޔާރަކު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރު، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކާއި، ސިވިލްސާވިސް ކޮމިޝަންގެ ރައީސް އާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކާއި ބަންޑާރަ ނާއިބާއި، ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު ހިމެނޭ ގޮތަށެވެ.