މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ/ އިބްރާހިމް އާތިފު ޝަކޫރުގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑަރިންގެ ދައުވާއިން ދިފާއުވުމަށް އޭނާ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅައިފިއެވެ.

އާތިފުގެ މައްޗަށް މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާ އުފުލީ، އެފްއައިޔޫގެ އިސްވެރިޔާގެ މަަގާމުގައި އޭނާ ހުންނެވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ މުއާމަލާތެއް، ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ނުގެނައި މައްސަލައިގައެވެ. އާތިފާ ދެކޮޅަށް ދައުލަތުން ވަނީ 12 ހެއްކެއް ހުށަހަޅައިފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި އާތިފުގެ ފަރާތުން ވަނީ ދިފާއުގައި ހަތަރު ހެކިވެރިއެއް ހުށަހަޅައިފައެވެ. އެ ހެކިވެރިންގެ ތެރެއިން އެކަކީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް އެވެ. އޭގެ އިތުރުން އަބްދުﷲ އަޝްރަފު، ޔާމީން އާދަމް އަދި އަހުމަދު އައްސަދު ގެ ނަން ވަނީ ހުށަހަޅައިފައެވެ. އެ ހަތަރު މީހުން ހެކިވެރިންގެ ގޮތުގައި ހުށަހެޅީ، އެމްއެމްޕީއާރުސީގެ ތެރެއިން ޝައްކު ކުރެވޭ މުއާމަލާތްތަކެއް ހިންގަމުން ދިޔަކަން ސަމާލުކަމަށް އައި ހިސާބުން ފެށިގެން އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އާތިފު އެޅިކަން ސާބިތުކޮށްދިނުމަށެވެ.

ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އާތިފު ވިދާޅުވީ، ޝައްކު ކުރެވޭ ކަންކަން ރިޕޯޓު ނުކުރި މައްސަލައިގައި އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުކުރެވޭނެ ކަމަށެވެ. އެއީ އޭނާއާ ހަވާލުކުރި މަސްއޫލިއްޔަތުތައް އެނގޭ ވަޒީފާ ބަޔާނުގައިވާ ގޮތުން ކަންކަން ރިޕޯޓު ކުރަން ޖެހެނީ އެމްއެމްއޭގެ ގަވަރުނަރަށް ކަމަށާއި ގަވަރުނަރަށް ރިޕޯޓު ކޮށްފައިވާނެ ކަމަށެވެ.

2014 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 40 މިލިއަން ރުފިޔާ އާއި 50 މިލިއަން ރުފިޔާ ނަގައި އެކި ފަރާތްތަކަށް ބަހާފައިވާކަމަށް އާތިފު ވަނީ ވިދާޅުވެފައެވެ. އެ ފައިސާ ވަންނަ އެކައުންޓުތަކުގެ މައުލޫމާތު ހޯދަމުން ދިޔުމުގެ ތެރޭގައި އެ ކަމުގައި ދައުލަތުގެ ހުރިހާ އިދާރާއަކާއި، ބޭންކިން ނިޒާމު ވެސް ޝާމިލުވާކަން އެނގުނުކަމަށް އާތިފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭރުގެ ސަރުކާރުން ވަނީ މަގާމުގެ ގާނޫނީ ޒިންމާ އަދާކުރި ކޮންމެ މީހަކަށް ނުހައްގުން ފިޔަވަޅު އަޅައިފައި ކަމަށެވެ. އެހެންވެ ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށްފަހު އަމިއްލައަށް އިސްތިއުފާދެއްވީކަމަށް އާތިފު ވިދާޅުވިއެވެ.

މި މައްސަލައިގެ މިއަދުގެ ޝަރީއަތް ނިންމާލީ ދެން އަޑުއެހުމެއް ބާއްވާނެ ދުވަސް ދެ ފަރާތައް އަންގާނެކަން އިއުލާނުކުރުމަށްފަހުއެވެ. އެންމެ ފަހުން މި މައްސަލައިގައި ޝަރީއަތް ބާއްވާފައިވަނީ އިއްޔެއެވެ.

އެ ޝަރީއަތުގައި ޝަކޫރުގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ އެސިސްޓެންޓު ޕީޖީ ފަޒުނާ އަހުމަދުއަށް މަސައްކަތް ނުކުރެވޭނެކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.