ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްލޮކްޗެއިންއެއް ހެދުމުގެ މަސައްކަތް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ބޮލި ނެޓްވޯކް ގުޅިގެން ފަށައިފިއެވެ.
ބްލޮކްޗެއިން އަކީ ޑިޖިޓަލް މައުލޫމާތު ރައްކާކޮށް ބަލަހައްޓާ ޕިއާ-ޓު-ޕިއާ އޮންލައިން ސިސްޓަމެކެވެ. މިފަދަ ސިސްޓަމުގެ ތެރޭގައި އާއްމުކޮށް ހިމެނެނީ ޑިޖިޓަލް މަނީ ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކުގެ ވިކުރާ އާއި ޑިޖިޓަލް ކޮންޓްރްކެޓް ތަކާއި ޑިޖިޓަލް އައިޑެންޓިޓީތަކުގެ އިތުރުން އެ ޗެއިންތެރޭގައި ހިމެނޭ ފަރާތްތަކުން ކުރާ މުއާމަލާތްތަކުގެ ރެކޯޑުތެކެވެ. ކޮމްޕިިއުޓަރު ވިއުގައެއްގެ ތެރޭގައި ގާއިމުކުރާ މިފަދަ ބްލޮކްޗެއިންތައް ބަލަހައްޓަނީ ޑިސްޓްރިބުއުޓެޑް ލެޖާ ޓެކްނޮލޮޖީ(ޑީއެލްޓީ) ގެ އެހީގައެވެ. އެހެން ކަމުން ބްލޮކްޗެއިންގައި ރެކޯޑް ކުރެވޭ ކޮންމެ މައުލޫމާތެއްވެސް ވަކިވަކީން އެންކްރިޕްޓް ކުރެވި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެއެވެ. އަދި އެ ބްލޮކްޗެއިންއެއްގެ ތެރޭގައި ހިނގާ ހުރިހާ މުއާމަލާތްތަކެއް ދެފުށްފެންނަ ގޮތަށް އެ ޗެއިންއެއްގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ފެންނަން ހުންނާނެއެވެ. މީގެ އިތުރުންވެސް ބްލޮކްޗެއިންއެއްގައި ރެކޯޑްވުމަށްފަހު އެ ޗެއިންގެ ތެރެއިން އެމައުލޫމާތު ބަދަލުކުރުމަކީ ނާދިރު ކަމެކެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އާއި ބޮލި އެސޯސިއޭޝަން ގުޅިގެން މިކަމަށްޓަކަައި ވަނީ އެމްއޯޔޫއެއްގައި ސޮއިވެސް ކޮށްފައެވެ.
އެޗްޑީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މި ޕްރޮޖެކްޓަކީ ހުޅުމާލޭގެ ކޮމިއުނިޓީތައް ޑިޖިޓަލްކޮށް ގުޅާލުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ބޮލި އެސޯސިއޭޝަނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ބްލޮކްޗެއިންއެއް ގާއިމުކޮށް، ބޭނުންކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާތައް ކުރަން ނިންމާފައިވާ ކަމަށާއި މި މަޝްރޫއަކީ މިހާ ފުޅާދާއިރާއެއްގައި މިހާތަނަށް ރާއްޖޭގައި ހިންގޭ މިފަދަ ފުރަތަމަ މަޝްރޫއު ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އެ އެއްބަސް ވުމުގެ ދަށުން އެޗްޑީސީގެ ޕްލޭނާ އެއްގޮތަށް ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް ގާއިމުކުރެވިދާނެ އިތުރު ޓެކްނޮލޮޖީތަކާ ބެހޭގޮތުން މަޝްވަރާކޮށް ތަހުލީލުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ހުޅުމާލެއަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށް އެޗްޑީސީން ވަނީ އެ ކުންފުނީގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ, ސްމާޓްކޮމް ފާއިތުވި ޑިސެމްބަރުގައި އިފުތިތާހުކޮށްފައެެވެ. ސްމާޓްކޮމްއާ ބެހޭގޮތުން އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭގެ ތަފާތު ކޮމިއުނިޓީތައް ޑިޖިޓަލްކޮށް ގުޅުވާލުމަކީ ސްމާޓްކޮމްގެ ދުރު ތަސައްވުރު ކަަމަށާއި ސްމާޓްކޮމް ބްރޭންޑުގެ ދަށުން މުސްތަގުބަލުގައި ތައާރަފުވެގެންދާ ތަފާތު ސްމާޓް ސޮލިއުޝަންތަކުގެ ސަބަބުން ސިޓީގެ ތައުލީމާއި ސިއްހަތަށާއި ދަތުރުފަތުރުގެ ކަންކަމަށާއި ރައްޔިތުންނާއި އާންމު ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ވިޔަފާރިއާއި އިގުތިސާދު ކުރިއެރުވުމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ފަދަ ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތަކެއް ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އަދި ސަރުކާރުގެ އިދާރާތަކަށްވެސް ލިބިގެންދާނެ ކަމަށެވެ.
އެޗްޑީސީގެ އަމާޒަކީ ސްމާޓްކޮމް މެދުވެރިކޮށް ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމެވެ. އަދި ސްމާޓް ސިޓީގެ ހިދުމަތްތައް ނުވަތަ ސްމާޓް ސޮލިއުޝަންތައް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކަށްވެސް ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު