ކުޅިވަރު

ލޫކް ޑިޔޯންގް ފަހު މިނެޓުގައި ޖެހި ގޯލުން ބާސާ ބަލިނުވެ ސަލާމަތްވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު ކަޓަލޫނިޔާ ޑާބީގައި އެސްޕަނިޔޯލް ކައިރީ އެއްވަރު ވެއްޖެއެވެ.

އެސްޕަނިޔޯލް ދަނޑުގައި ރޭ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެން ނިމިފައިވާ އިރު، މެޗުގައި ތިން ރަތް ކާޑުވެސް ފެނިގެން ގޮސްފައިވެއެވެ. އެ ތިން ރަތްކާޑާއެކު ބާސާގެ ދެވަނަ ގޯލުވެސް ފެނިގެން ދިޔައީ 90 މިނެޓުގެ ފަހުން ހިނގައި ދިޔަ ވަގުތުތަކުގައެވެ.

ބާސާއިން މެޗު ފެށީ ވަރުގަދަ ކޮށެވެ. ދެވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. ބާސާއަށް މެޗުގެ ކުރީކޮޅުގައި ލީޑު ނަގައިދިނީ ޕެޑްރީ ގޮންޒާލޭސް ޖަހައިދިން ވޮލީއަކުންނެވެ. އެ ގޯލާއެކު ހާފު ނިންމާލަން ދިޔަ ނަމަވެސް މެޗުގެ 40 ވަނަ މިނެޓުގައި އެސްޕަނިޔޯލްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލު ޖަހައިދިނީ ސާޖީ ޑާޑާއެވެ.

ލަލީގާ ތާވަލުގެ ގަދަ ހަތަރެއްގެ ތެރޭގައި އޮތުމަށް ބާސާއަށް ރޭގެ މެޗުން ޕޮއިންޓެއް މުހިއްމު ވެފައި އޮތް އިރު، އެޓީމަށް އިތުރު ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނީ މެޗުގެ 64 ވަނަ މިނެޓުގައި ރައުލް ޑެ ތޯމަސް އެސްޕަނިޔޯލްއަށް ލީޑު ނަގައިދިނުމުންނެވެ.

މެޗުގެ ފަހު ކޮޅަށް ދިޔަ އިރު ފޯރި ގަދަވެފައި އޮތުމުން ދެބަސްވުންތައްވެސް ފެނުނެވެ. އެގޮތުން ބާސާގެ ޖެރާޑް ޕީކޭ އާއި އެސްޕަނިޔޯލްގެ ނީކޯ މެލަމެޑާ ދެމެދު ހިނގި ދެބަސްވުމެއްގައި ރެފްރީ ވަނީ އެ ދެކުޅުންތެރިންނަށްވެސް ރަތް ކާޑު ދައްކައިފައެވެ. އަދި އޭގެ ފަހުން އެސްޕަނިޔީލްގެ މާނޫ މާލޯނޭސްއަށްވެސް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސާއިން އަރިމަތިން ހުރަސްތައް ގިނަކޮށް، ފުލުފުލުގައި އެސްޕަނިޔޯލްއަށް ނުރައްކާ ކުރިއެވެ. ބާސާގެ ދެވަނަ ގޯލު މެޗުގެ 96 ވަނަ މިނެޓުގައި ލޫކް ޑިޔޯންގް ޖެހީ އަރިމަތިން އަޑަމާ ޓްރެއޯރޭ ނެގި ބޯޅައަކުންނެވެ. އެއީ ވުލްވްސްއިން ބާސާއަށް ދިޔަ ފަހުން އަޑަމާ ހެދި ދެވަނަ އެސިސްޓެވެ.

ބާސާ މިވަގުތު ލަލީގާ ތާވަލުގެ ހަތަރުވަނައިގައި އޮތީ 23 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވެސް 23 މެޗުން 39 ޕޮއިންޓް ލިބިފައިވާ އިރު، ބާސާއަށް ކުރި ލިބެނީ ގޯލު ތަފާތުންނެވެ. ރޭގެ މެޗުން ބަލިވި އެސްޕަނިޔޯލް އޮތީ ތާވަލުގެ 13 ވަނައިގައެވެ.