ދުނިޔެ

ރަޝިއާ އާއި ޔުކްރޭން މައްސަލަ ފިނިވުމެއްނެތި ހަނގުރާމައަކާ ދިމާއަށް، މިއީ މިހާލަތުގެ ޓައިމްލައިނެއް

ހަމަނުޖެހުން ބޮޑުވެފައިވާ ޔޫކްރޭން އަދި ރަޝިއާއާ ދެމެދު ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި މައްސަލަ އިތުރަށް ހޫނުވެ ދެގައުމުގެ މެދުގައި ހަނގުރާމައަކާ ދިމާލަށް ވަނީ މިސްރާބު ޖަހާފައެވެ.

ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ޔޫކްރޭނުގެ ބޯޑަރު ވަށާލާފައިވާއިރު ކޮންމެ ވަގުތެއްގައިވެސް ޔޫކްރޭނަށް ހަމަލާ ދީފާނެކަމުގެ އިންޒާރު އެމެރިކާއިން ހުކުރު ދުވަހު ވަނީ ދީފައެވެ. ރަޝިއާއިން ވަނީ ޔޫކްރޭނަށް ހަމަލާ ދޭން ރާވާކަމުގެ ވާހަކަތައް ދޮގުކުރަމުން އައިސްފައެވެ. ބިރުވެރިކަން އުފެދޭގޮތަށް ވާހަކަ ފަތުރަމުން އައިސްފައިވީނަމަވެސް ރަޝިއާއިން ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ ޔޫރަޕާއި އުތުރު އެމެރިކާގެ ގައުމުތަކުން ގުޅިގެން އުފައްދާފައިވާ ނޭޓޯއިން ހިންގާ ކަންކަމާ ދެކޮޅަށް ކަމަށް އެގައުމުން އަންނަނީ ބުނަމުންނެވެ.

މުޅި މައްސަލައިގެ ހާލަތު ތިރީގައި އެވާ ޓައިމްލައިނުން ސާފުކޮށް ބުނެދެއެވެ.

2021 ނޮވެމްބަރު: ޔޫކްރޭނުގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ސެޓެލައިޓު ފޮޓޯތަކަށް އަރާފައިވާއިރު ކީވްއިން ބުނެފައިވަނީ ރަޝިއާގެ 100،000 ސިފައިންނާއި ގިނަ އަދަދެއްގެ ޓޭންކަރުތަކާއެކު އެ ސަރަހައްދުގައި ރަޝިއާއިން ހަރަކާތްތެރިވާކަމަށެވެ.

ޑިސެމްބަރު 7: މިމައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާދީފިނަމަ ހުޅަނގުގެ އިގުތިސާދާއި ގުޅުންހުރި އެއްބަސްވުންތަކުން ރަޝިއާ އެކަހެރިކުރަންޖެހިދާނެ ކަމުގެ އިންޒާރުދީފައެވެ.

ޑިސެމްބަރު 17: ރަޝިއާ އިން ވަނީ އެގައުމަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހުޅަނގުގެ ގައުމުތަކުން ވަކި ކަންތައްތަކަކަށް އެއްބަސްވުމަކަށް އައުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި އިރުމަތީ ޔޫރަޕާއި ޔޫކްރޭނުގައި ހިންގަމުން އަންނަ ނޭޓޯގެ އެންމެހާ އަސްކަރީ ހަރަކާތްތަކެއް ހުއްޓާލުމަށާއި ނޭޓޯއިން ޔޫކްރޭނު ބަލައިނުގަތުމަށާއި އަދި ކުރީގެ ސޯވިއެޓުގެ އެއްވެސް މެމްބަރު ގައުމެއް ނުހިމެނުމަށް ވަނީ ގޮވާލާފައެވެ.

2022، ޖެނުއަރީ 03: ރަޝިއާއިން ޔޫކްރޭނަށް ހަމަލާދީފިނަމަ އެމެރިކާއިން ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅުއްވާނެކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ އަށް ދެއްވާފައެވެ. މި ދެ ރައީސުން ވަނީ ފޯނުން ގުޅުއްވައި މިމައްސަލައާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރެއްވުމަށް ހާރިޖީ ބައްދަލުވުންތައް ބާއްވަވަން އެއްބަސްވެވަޑައިގެންފައެވެ.

ޖެނުއަރީ 10: އެމެރިކާ އަދި ރަޝިއާގެ ސަފީރުން ވަނީ މިމައްސަލައާ ގުޅިގެން ޖެނީވާގައި ބައްދަލުކުރައްވާފައެވެ. ނަމަވެސް ރަޝިއާއިން ގޮވާލާފައިވާ ޑިމާންޑުތަކަށް އެމެރިކާގެ ވޮޝިންޓަނުން އެއްބަސްވެފައި ނުވާތީ މި މަޝްވަރާތަކަށް މާބޮޑު ކުރިއެރުންތަކެއް ލިބިގެން ގޮސްފައެއް ނުވެއެވެ.

ޖެނުއަރީ 24: ނޭޓޯއިން ވަނީ އިރުމަތީ ޔޫރަޕުގައި އަސްކަރީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ކީވްގައި ދިރިއުޅެމުން އަންނަ އެ ގައުމުތަކުގެ ރައްޔިތުން ބާލަން ނިންމާފައެވެ. އެމެރިކާއިން ވަނީ މައްސަލަ ގޯސްވެދާނެކަމަށް ބަލައި އެސަރަހައްދުގައި 8500 އެމެރިކާ ސިފައިން ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

ޖެނުއަރީ 26: އެމެރިކާގެ ވޮޝިންޓަނުން ރަޝިއާއިން ގޮވާލާފައިވާ ކަންކަމަށް ރިއާޔަތްކޮށް ލިޔުމުން ޖަވާބު އަރުވާފައިވާއިރު މޮސްކޯގެ ހުށަހެޅުންތަކަށް ހައްލެއް ހޯދައިދިނުމަށް ލަފާ އަރުވާފައިވީނަމަވެސް ނޭޓޯގެ އެއްބަސްވުންތަކާ ހިލާފު ނުވެވޭނެކަމުގައި ވަނީ ތަކުރާރުކޮށްފައެވެ.

ޖެނުއަރީ 27: ރަޝިއާއިން ހަނގުރާމަ ފަށައިފާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ދެއްވާފައެވެ. ޗައިނާއިން ވަނީ ރަޝިއާގެ ދިފާއުގައި ވާހަކަ ދައްކައި މޮސްކޯއަށް ދިމާވެފައިވާ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމެރިކާއިން ބަލައިގަތުމަށް ގޮވާލާފައެވެ.

ޖެނުއަރީ 28: ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެފައިވަނީ މޮސްކޯގެ ޑިމާންޑުތަކަށް އެއްބަސްވުމަކަށް އައިސްފައިނުވިނަމަވެސް މަޝްވަރާކުރައްވަން ތައްޔާރުކަމަށެވެ. ޔޫކްރޭނުގެ ރައީސް ވަނީ ހުޅަނގުގެ ގައުމުތަކުން އެގައުމުގައި ބިރުވެރިކަން އުފެދޭގޮތަށް ވާހަކަތައް ނުފެތުރުމަށް ގޮވާލައްވައި އޭގެ ސަބަބުން އެގައުމުގެ އިގުތިސާދު ހީނަރުވެދާނެކަމުގެ އިންޒާރުދެއްވާފައެވެ.

ޖެނުއަރީ 31: އެމެރިކާ އަދި ރަޝިއާއިން ވަނީ މި މައްސަލައާ ގުޅިގެން އދ. ސެކިއުރިޓީ ކައުންސިލްގައި ސިއްރު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް ކައުންސިލްގައި ވިދާޅުވެފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދީފިނަމަ މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ކުރާނެ ކަމަށެވެ.

ރަޝިއާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސެލީ ނެބެންޒިޔާ ތުހުމަތުކުރައްވާފައިވަނީ ވޮޝިންޓަނާއި އިދިކޮޅު ފަރާތްތަކުން ރަޝިއާއިން ހަމަލާދޭން އުޅޭކަމަށް ބުނެ ބިރުވެރިކަން އުފެދޭގޮތަށް ދޮގު ހަބަރު ފަތުރަމުންދާ ކަމަށެވެ. ހަނގުރާމައެއްގެ ވާހަކަ ތަކުރާރުކޮށް ދައްކަމުންދަނީ އެމެރިކާއިން ހަނގުރާމައެއް ފަށަން ބޭނުންވާތީކަމަށް ނެބެންޒިޔާ ވަނީ ވިދާޅުވެފައެވެ.

ފެބްރުއަރީ 1: ރަޝިއާގެ ރައީސް ޕުޓިން ވަނީ ހަމަލާދޭން އުޅޭ ވާހަކަތަކަށް ތަކުރާރުކޮށް އިންކާރު ކުރައްވައި، ރަޝިއާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފައިވާކަންކަމަށް އެމެރިކާއިން އެއްބަސްވުމަކަށް އަންނަން ބޭނުންނުވާކަމަށް ތުހުމަތުކުރައްވާފައެވެ.

ފެބްރުއަރީ 6: ރަޝިއާއިން ޔޫކްރޭނަށް ހަމަލާދިނުމަށް ރަޝިއާގެ އަސްކަރިއްޔާއިން 70 ޕަސެންޓް ފުރިހަމަކޮށްފައިވާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ފެބްރުއަރީ 8: ފަރަންސޭސިވިލާތުގެ ރައީސް އެމެނުއަލް މެކެރޮން ވަނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އާއި މޮސްކޯގައި ބައްދަލުކުރެއްވުމަށްފަހު ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަވައި ޔޫކްރޭނާއި ރަޝިއާގެ މައްސަލަ އިތުރަށް ގޯސްކުރުމަށް ރަޝިއާއިން މަސައްކަތް ނުކުރާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ބައްދަލުވުމުގައި އަސްލު މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެއްބަސްވުމަކަށް އާދެވިފައި ނުވާކަމުގައި ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވަނީ ފާހަގަކުރައްވާފައެވެ.

ފެބްރުއަރީ 10: އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ލިޒް ޓްރުޒް އަދި ރަޝިއާގެ ފޮރިން ސެކްރެޓަރީ ސާޖީ ލެވްރޮވް ބައްދަލުކުރައްވައި ކުރިއަށް ގެންދެވި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ޓްރުޒް ވިދާޅުވެފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާދީފިނަމަ ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެކަމަށާއި ރަޝިއާގެ އަމަލުތަކުގެ ސަބަބުން ބިރުން ފަސް ނުޖެހޭނެކަމަށެވެ.

ފެބްރުއަރީ 11: އެމެރިކާގެ ރައީސް ބައިޑެންގެ ސެކިއުރިޓީ އެޑްވައިޒަރު ޖޭލް ސަލިވަން ވިދާޅުވީ އެމެރިކާގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި ރަޝިއާއިން ކޮންމެ ވަގުތަކުވެސް ޔޫކްރޭނަށް ހަމަލާދީފާނެކަމަށް ތައްޔާރުވެފައިވާކަމަށާއި ބެއިޖިންގައި ކުރިއަށްދާ ވިންޓާ އޮލިމްޕިކްސް މިމަހުގެ 20 ގެ ނިޔަލަށް ނުނިމެނީސް ވެސް ހަމަލާ ބަދަލުކުރަން ފަށައިފާނެކަމަށެވެ.

ޕެންޓަގަން އިން ވަނީ އިތުރު 3000 ސިފައިން ޕޮލެންޑަށް ފޮނުވަން ނިންމާފައެވެ. އަދި ގިނަ ގައުމުތަކަކުން އަންނަނީ ހަނގުރާމައެއް ފެށިއްޖެނަމަ ރައްކާތެރިކަމާއެކު އެގައުމުތަކުގެ ރައްޔިތުން ޔޫކްރޭނުން ބޭލުވޭނެކަމުގެ ޔަގީންކަން ދެވެން ނޯންނާނެކަމަށް ބުނެ ޔޫކްރޭނުން ފޭބުމަށް އަންގަމުންނެވެ.

ފެބްރުއަރީ 12: ބައިޑެން އަދި ޕުޓިން ވަނީ ފޯނުން ގުޅައި މަޝްވަރާތައް ކުރިއަށް ގެންދަވައިފައެވެ. ބައިޑެން ވިދާޅުވެފައިވަނީ ރަޝިއާއިން ހަމަލާ ބަދަލުކުރަން ފަށައިފިނަމަ ދުނިޔޭގެ ހުރިހާ ނަސްލަކަށްވެސް އޭގެ ގެއްލުންވާނެ ކަމަށެވެ. ހުޅަނގުން އޮތީ ރަޝިއާ ވާހަކަ ދައްކައިގެން ސުލްހަވެރި އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް ކަމަށާއި ނަމަވެސް ރަޝިއާއިން ހަމަލާދީފި ނަމަ އެ ގައުމާއި ހުޅަނގުން ކުރިމަތިލާންވެސް ތައްޔާރަށް އޮތް ކަމަށެވެ.

ޕުޓިން ވިދާޅުވެފައިވަނީ އެމެރިކާ އަދި ނޭޓޯ އިން ރަޝިއާގެ ގޮވާލުންތަކަށް އެންމެ އެދެވޭ އެއްބަސްވުމަކަށް އައިސްފައި ނުވާކަމަށެވެ. ޕުޓިންގެ ހާރިޖީ ކަންތައްތަކާ ގުޅުންހުރި އިސް ތަރުޖަމާނު ޔޫރީ އުޝަކޮވް ވިދާޅުވެފައިވަނީ މައްސަލަތައް ހައްލުނުވެ މިހާހިސާބަށް އައިސްފައިވާއިރު މިފަހަކަށް އައިސް ބަލައި ނުގަނެވޭނެ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. އަދި އެމެރިކާގެ ރައީސް ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދެއްވި ނަމަވެސް ރަޝިއާގެ ލީޑަރާއެކު ކުރިއަށް ގެންދެވި މަޝްވަރާގައި އެމެރިކާއިން އަސްލު މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ނުކުޅެދިފައިވާކަމަށް އަޝަކޮވް ވަނީ ފާހަގަކުރައްވާފައެވެ.