ޚަބަރު

ހައިކޯޓުގެ އަޑުއެހުންތަކަށް ފޯނާއި ލެޕްޓޮޕް އަދި ޓެބްލެޓު ވެއްދޭގޮތަށް ހަދައިފި

އިބްރާހިމް ޒަކީ

ހައިކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުންތަކަށް މޯބައިލް ފޯނާއި ލެޕްޓޮޕާއި، ޓެބްލެޓު ވެއްދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ހައިކޯޓުން މިއަދު ބުނީ އެ ކޯޓުން މިއަދު އަމަލު ކުރަންފެށި "ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހަށް އިލެކްޓްރޯނިކް އާލަތްތައް ވެއްދުމާބެހޭ އުސޫލު" ގެ ދަށުން އެތަކެތި އެ ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް މިއަދުން ފެށިގެން ވެއްދޭނެ ކަމަށެވެ.

ހުސްވި ޖެނުއަރީ މަހުގެ 30 ގައި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކޮށް މިއަދު އާއްމު ކޮށްފައިވާ އުސޫލުުގައި ބުނެފައި ވަނީ، ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ހަސްމަކަށް ނުވަތަ ހަސްމަކު ތަމްސީލު ކުރުމަށް ހާޒިރުވާ ފަރާތަކަށް ނުވަތަ ހެއްކަކަށް ނުވަތަ ހަބީރަކަށް މޯބައިލް ފޯނާއި ލެޕްޓޮޕާއި، ޓެބްލެޓު ވެއްދިދާނެ ކަމަށެވެ.

އެތަކެތީގެ އިތުރުންވެސް، ހިނގަމުންދާ މައްސަލައަކާ ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި ބޭނުން ޖެހިދާނެ އިލެކްޓްރޯނިކު އާލާތެއް އެ މަޖިލީހަށް ވެއްދުމުގެ ހުއްދައަށް އެދި ހުށަހަޅައިފިނަމަ، އެއާލާތެއް ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުސަތު ދެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ހުއްދަދޭ އާލާތެއް ފިޔަވައި އިތުރު އިލެކްޓްރޯނިކު އާލާތެއް ވައްދައިގެން ނުވާނެ ކަމަށާއި، ޝަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން ކޯޓު އޮފިސަރު އެކަން ޔަގީން ކުރައްވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޝަރީއަތަށް ވައްދަން ހުއްދަދޭ އެއްޗެހި ބޭނުން ކުރަންވާނީ އެތަކެތި މަޖިލީހަށް ވެއްދުމަށް ހުއްދަ ކުރެވިފައިވާ ބޭނުމަށް އެކަނި ކަމަށާއި، ޝަރީއަތުގެ މަޖިލީހުގައި ކުރިއަށްދާ ކަމަކަށް އުނދަގޫ ވެ، ބުރޫ އަރާފަދަ ނުވަތަ ޝަރީއަތުގެ މަޖިލީހުުގެ ނިޒާމު ގެއްލޭފަދަ ގޮތަކަށް އެފަދަ އެއްޗެއް ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހުއްދަކުރެވޭ އާލާތެއް ބޭނުން ކޮށްގެން އެ މަޖިލީހުގައި ހިނގާ ކަމެއްގެ އަޑު ނުވަތަ މަންޒަރު ރެކޯޑް ކޮށް އަޑު ނުވަތަ މަންޒަރު ބްރޯޑްކާސްޓް ކޮށްގެން ނުވާނެ ކަމަށެވެސް ބުނެފައިވެއެވެ.

އެގޮތަށް މި އުސޫލާ ހިލާފަށް އެއްވެސްކަމެއް ކޮށްފިނަމަ ފިޔަވަޅު އެޅުމުގެ އިހުތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ޝަރީއަތުގެ ނިޒާމު ގެއްލޭ ފަދަ ކަމެއް ކޮށްފި ނަމަ، އެ އެއްޗެއް މަޖިލީހުން ނެރުމުގެ ބާރާއި ކުރިއަށް އޮތް އަޑުއެހުންތަކުގައި އެ މީހަކަށް އެފަދަ އިލެކްޓްރޯނިކް އާލާތްތައް ވެއްދުމުގެ ހުއްދަ ނުދިނުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.