ދިވެހި ފުލުހުންގެ ޔުނީފޯމުގައި ކެމެރާ ހަރުކޮށް، ބޮޑީ ވޯން ކެމެރާ މިއަދުން ފެށިގެން ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ބޮޑީވޯން ކެމެރާ އިފްތިތާތިހު ކޮށްދެއްވީ އެންވަޔަރަމަންޓު މިނިސްޓަރު އައިޝަތު ޝައުނާ އެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފުލުހުންގެ މަސައްކަތަށް ބޮޑީ ވޯން ކެމެރާ އިތުރުކޮށް، ޓެސްޓުކުރުމަށް 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު ވަނީ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ކުރިން ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކޮށްފައި ނުވި ނަމަވެސް ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ގައިގައި ކެމެރާ ހަރުކޮށް، 2019 ވަނަ އަހަރު އެ ޓެކްނޮލޮޖީ ވަނީ ޓެސްޓު ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ މިއަދު ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާނީ މާލެސިޓީގެ އިތުރުން އައްޑޫ ސިޓީގައި ކަމަށެވެ. އަދި އެކަމަށް މިވަގުތު 200 ކެމެރާ ބޭނުންކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ބޮޑީ ވޯން ކެމެރާ ފުލުހުން ބޭނުންކުރަން ފެށުމުން ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ފުލުހުންނާމެދު ކުރާ ތުހުމަތުތަކާއި ޝަކުވާތައް މަދުވެގެންދާނެ ކަމަށެވެ. އަދި ފުލުހުންނާ ގުޅޭގޮތުން އަންނަ ޝަކުވާތަކަށް ޖަވާބުދާރީ ކުރުވުމަށާއި އެ ޝަކުވާތައް ތަހުގީގު ކުރުމަށް ޒަމާނީ ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

"މި ވަސީލަތް ހަމައެކަނި ބޭނުންކުރާނީ ފުލުހުންގެ ގޯސްތައް ހޯދައި އެމީހުންނަށް ފާރަވެރިވެ ފިޔަވަޅު އަޅަން އެކަންޏެއް ނޫން. މިއީ ވަރަށް ގިނަ މަގުސަދުތައް ހާސިލު ކުރުމަށް ބޭނުންކުރާ ވަސީލަތެއް. އެގޮތުން ފުލުހުންގެ މައްޗަށް ކުރާ އަސްލެއް ނެތް ވާހަކަތަކާއި ތުހުމަތުތަކަށް ޖަވާބުދާރީ ކުރުވަން ފަސޭހަވެގެންދާނެ. އަދި މިޝަކުވާތައް ތަހުގީގުކުރުމަށް ޒަމާނީ ފުރިހަމަކަމެއް ލިބިގެންދާނެ. މިހާރު ފުލުހަކު އެޓެންޑުވާ ހާދިސާއެއްގެ ސީންގައި ފުލުހަކު އުޅޭގޮތް ވީޑިއޯކޮށް ސޯޝަލް މީޑިއާ އަށް ދޫކޮށްލާ. އެކަމަކު އޭގެން މި ފެންނަނީ މަންޒަރުގެ އެއްފަރާތް. ފުލުސް މީހާގެ ނަޒަރުން ކަން ހިނގައިދިޔަ ގޮތް ފެންނާކަށެއް ނުވެއް ހުރޭ. ބޮޑީވޯން ކެމެރާ ހަރުކޮށްގެން ހުރި ފުލުހެއްނަމަ އެ ފުލުހަކަށް ފެނުނު މަންޒަރު ރެކޯޑު ކުރެވެމުންދާނެ." ސީޕީ ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ މަގުމަތި ޕެޓްރޯލްކުރުމުގައްޔާއި ޓްރެފިކް މައްސަލަތަކުގަ ހަރަކާތްތެރިވުމުގައްޔާއި، ޑުރަގު އޮޕަރޭޝަންތައް ހިންގާއިރުއާއި ސްޕެޝަލިސްޓް އޮޕަރޭޝަންތަކުގައި ފުލުހުން އޮޕަރޭޓްކުރާ ހާލަތްތަކުގައި ވެސް ބޮޑީވޯން ކެމެރާ ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މުޒާހަރާތަކާއި އެއްވުންތަކާއި އެނޫން ވެސް ތަފާތު ހާލަތްތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީވޯން ކެމެރާ ބޭނުންކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ތުހުމަތުވާ ފަރާތްތަކާ ސުވާލުކުރެވޭ ގޮތާއި ފުލުސް މީހާ އެ މީހާއާ ދޭތެރޭ އަމަލު ކުރާ ގޮތް ރެކޯޑުވެ ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ބޮޑީވޯން ކެމެރާތައް އޮޕަރޭޓު ކުރާނެ ހާއްސަ އުސޫލެއް އެކުލަވައިލައިފައިވާ ކަމަށާއި މި އުސޫލުގެ ދަށުން ފުލުހުންނާއި އާންމުން ކުރާ ހުރިހާ މުއާމަލާތެއް ރެކޯޑުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ވީޑިއޯއެއް އާންމުކުރަން ޖެހިއްޖެ ހާލަތެއްގައި އުސޫލުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު އޮގަސްޓު މަހު ވަނީ 1400 ބޮޑީ ވޯން ކެމެރާ ހޯދުމަށް އިއުލާންވެސް ކޮށްފަ އެވެ. ނަމަވެސް މިއަދު ބޭނުން ކުރަން ފަށާފައިވަނީ 200 ކެމެރާ އެވެ.