އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ނުކުރައްވަން އެޕާޓީގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސް ހުސެއިން އަމްރު މުހައްމަދު ރަޝާދު ނިންމަވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާނު ކުރެއްވި ބޭފުޅަކީ އަމްރުއެވެ. ނަމަވެސް އެ މަގާމަށް ވާދަ ނުކުރައްވާނެ ކަން އޭނާގެ ގާތް ބޭފުޅަކު "ވަން" އަށް މިއަދު ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް، ވާދަ ނުކުރައްވަން ނިންމެވި ސަބަބެއް ވިދާޅެއް ނުވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އަމްރު ވާދަ ނުކުރައްވަން ނިންމެވި އިރު، އެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ވާދަކުރައްވާނެ ކަން ރޭ ވަނީ އިއުލާނު ކުރައްވައިފައެވެ.

އޭނާއަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ބައެއް ބޭފުޅުން ވަނީ ތާއީދުވެސް ކުރައްވައިފައެވެ. އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އަމްރުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވާދަކުރައްވަން ނިންމެވިއެވެ. ނަމަވެސް މަހުލޫފުވެސް ވަނީ އޭނާގެ ނިންމެވުން ފަހުން ގެންދަވައިފައެވެ.

އެމްޑީޕީގެ އޮފިޝަލަކު މީގެ ކުރިން "ވަން" އަށް ވިދާޅުވި ގޮތުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެ އެވެ.