ކުޅިވަރު

ބޭލް ފުރަތަމަ 11 އަށް ނުކުތް މެޗުގައި ރެއާލްއަށް ޕޮއިންޓެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި 0-0 ގެ ނަތީޖާއަކުން ވިލަރެއާލް ކައިރީ އެއްވަރު ވެއްޖެއެވެ.

ވިލަރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ރެއާލް ނުކުތީ ކްލަބުގެ ކެޕްޓަން ކަރިމް ބެންޒެމާ ނުލައެވެ. މިވަގުތު ބެންޒެމާ ހުރީ އަނިޔާގައެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލްއިން ޕީއެސްޖީއާ ދެކޮޅަށް ފެބްރުއަރީ 16 ވަނަ ދުވަހު ނުކުންނަ މެޗުގައިވެސް ބެންޒެމާ ނުފެނުން ގާތެވެ.

ބެންޒެމާ ނެތްތަން ފޫބެއްދުމަށް ރޭގެ މެޗުގެ ފުރަތަމަ 11 އަށް ކޯޗު ކާލޯ އެންސެލޯޓީ ނެރެފައި ވަނީ ވޭލްސްގެ ތަރި ގެރެތު ބޭލް އެވެ. ރޭގެ މެޗަށް ބޭލް ނުކުތީ ހަ މަސް ދުވަސް ވަންދެން ރެއާލް ޖާޒީގައި މެޗެެއް ނުކުޅެ ހުރުމަށް ފަހުއެވެ. ރެއާލް ކެރިއަރުގެ ކުރީގައި ހިތްހަމަ ޖެހިގެން ބޭލް ކްލަބަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް، ފަހަކަށް އައިސް ފޯމު ގެއްލި ބޭލް ވެފައި ވަނީ ރެއާލްއަށް ވަރަށް ބޮޑަށް ބޭކާރު ކުޅުންތެރިޔަކަށެވެ.

ރޭގެ މެޗު 0-0 އިން އެއްވަރުވި ނަމަވެސް ހަމަލާތައް ފެނުނެވެ. ބޭލްގެ ހަމަލާއެއްވެސް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، ވިލަރެއާލްގެ އަރްނައުޓް ޑަންޖޫމާ ފުރަތަމަ ހާފު ޖެހި ބޯޅަވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން ރެއާލްގެ ލޫކާ ޖޮވިޗް ޖެހި ބާރު ބޯޅަވެސް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ.

ރޭގެ މެޗުން މޮޅު ނުވެވުނު ނަމަވެސް ރެއާލް އަދި އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެޓީމަށް 24 މެޗުން 54 ޕޮއިންޓް ލިބިފައިވާ އިރު، މި ހަފުތާ ކުޅުނު މެޗު ކާމިޔާބުކުރި ސެވިއްޔާއަށް 24 މެޗުން ލިބިފައި ވަނީ 50 ޕޮއިންޓެވެ. ލަލީގާގެ ތިންވަނައިގައި ރެއާލް ބެޓިސް އޮތް އިރު، އެތުލެޓިކޯ މެޑްރިޑް އޮތީ ހަތަރުވަނައިގައެވެ.

އެތުލެޓިކޯ އަނބުރާ ގަދަ ހަތަރަކަށް އެރީ ރޭ އެޓީމުން ކުޅުނު ފޯރިގަދަ މެޗުގައި 4-3 އިން ގެޓާފޭ ބަލިކޮށްގެންނެވެ.