ޚަބަރު

މިދިޔަ މަހު 151 މީހެއްގެ މައްޗަށް ދައުވާކޮށްފައިވޭ، 224 ޖިނާއީ ދައުވާ ހިމެނޭ

އިބްރާހިމް ޒަކީ

މިދިޔަ މަހު 151 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ކޮންމެ މަހަކު ޕީޖީ އޮފިހުން ކުރަމުން ގެންދާ މަސައްކަތްތަކާބެހޭ ތަފާސްހިސާބު އާންމު ކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން މިއަދު ވަނީ މިދިޔަ މަހުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

އެގޮތުން މިދިޔަ މަހު ތަފާތު 58 ބާވަތުގެ 145 މައްސަލައިގައި ފުލުހުން ޕީޖީ އޮފީހާ ވަނީ މަޝްވަރާކޮށްފައެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މަޝްވަރާ ކުރި ކަންތައްތަކުގެ ތެރެއިން 130 މައްސަލައިގައި ގޮތެއް ނިންމިފައިވެއެވެ.

"އެއީ، 47.69 ޕަސެންޓު (62 މައްސަލަ) ގައި މައުލޫމާތު ފުރިހަމަވެގެން ދައުވާ ކުރުމަށާއި، 13.85 ޕަސެންޓް (18) މައްސަލައިގައި ދައުވާއެއް ކުރެވެން ނެތްކަމަށާއި، 38.46 ޕަސެންޓް (50) މައްސަލައިގައި އިތުރު މައުލޫމާތު ސާފުކުރުމަށް،" ތަފާސްހިސާބުގައިވެއެވެ.

މިމަސައްކަތުގައި ޕީޖީ އޮފީހުގެ 75 ވަކީލުން މަސައްކަތް ކުރައްވާފައިވާ ކަމަށާއި އެންމެ ގިނަ މައްސަލަ ދިރާސާ ކުރީ ރ. ދުވާފަރުގައި އަލަށް އުފެއްދި ޕީޖީ އޮފީހުގެ ގޮފިން ރިމާހު މުހައްމަދު (6 މައްސަލަ) ކަމަށެވެ. އެވްރެޖްކޮށް މައްސަލައެއްގައި ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރަކު ނަގާފައިވަނީ 4.40 ދުވަސް ކަމަށްވެސް ދައްކައެވެ.

ތަފާސްހިސާބު ދައްކާގޮތުން ހުސްވިމަހު 151 މީހެއްގެ މައްޗަށް، 46 ބާވަތުގެ، 224 ޖިނާއީ ދައުވާ، ތަފާތު 36 ކޯޓަކަށް ހުށަހަޅާފައިވެއެވެ.

އެންމެ ގިނައިން ހުށަހަޅާފައި އޮތީ ކުރިމިނަލް ކޯޓަށް ހުށަހެޅި 97 މައްސަލަ އާއި ޑްރަގް ކޯޓަށް 47 މައްސަލަ އާއި ހުޅުމާލޭ ކޯޓަށް 16 މައްސަލައެވެ.

ތުހުމަތުކުރެވޭ މީހުންގެ އެވްރެޖް އުމުރަކީ 29.97 އަހަރު ކަމަށާއި އެއް ދުވަހަކަށް އެންމެ ގިނައިން މައްސަލަ ހުށަހެޅީ 13 ވަނަ ދުވަހު ކަމަށާއި އެއީ 23 މައްސަލަ ކަމަށްވެސް ދައްކައެވެ. އެއަށްފަހު، ޖަނަވަރީ ތިންވަނަ ދުވަހު 20 މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކުރިމިނަލް ކޯޓަށް އެންމެ ގިނައިން ހުށަހަޅާފައި އޮތީ ގާނޫނު ހިންގުމަށް ހުރަސްއެޅުން އެއީ 14 މައްސަލަ ކަމަށާއި އަދި ހުއްދަނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ 11 މައްސަލަ އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ 12 މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހޮސްޕިޓަލިޓީ ޑިޕޮޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން، މީރާއަށް ހުށަހެޅި ޓެކުހާގުޅޭ ލިޔުންތަކެއް އޮޅުވައިލިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހަތް ދައުވާއެއް ހުށަހަޅާފައިވާ ކަމަށްވެސް ތަފާސްހިސާބުގައިވެއެވެ.