ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ ފޯރިގަދަ ފުޓްސަލް މުބާރާތް، މިޔަޓް ފުޓްސަލް ޗެލެންޖު 2022 ގެ ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމް ކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖުގެ ލޯގޯ އިފްތިތާހު ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާގައި މުބާރާތް ރަސްމީކޮށް ތައާރަފު ކޮށްފައިވެއެވެ. މިއަހަރު މުބާރާތުގެ ލޯގޯ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
މީގެ ކުރިން ދެ މުބާރާތެއް މިޔަޓްއިން ކާމިޔާބު ކަމާއެކު ހިންގާފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް 30،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅައިފައިވެއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މިޔަޓްއިން ކުރަމުންދަނީ އަގުހުރި އިޖުތިމާއީ މަސައްކަތްތަކެއް ކަމަށާއި ޖަމިއްޔާތަކުގެ ބާރުވެރިކަން އިތުރު ކުރުމަށް މިނިސްޓްރީންވެސް ދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި އޭގެ އިތުރުންވެސް މުޅި ކ. އަތޮޅުގައިވެސް ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް މިނިސްޓްރީން އަބަދުވެސް އެހީތެރިވާނެ ކަމަށް ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާގައި މިޔަޓް ޖަމިއްޔާގެ މެމްބަރުންނާއެކު މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލާއި ގައުމީ ޓީމުގެ ފުޓުބޯޅަ ކުޅުންތެރިންވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ވެސް ހިމެނެއެވެ.
މިޔަޓް ފުޓްސަލް ޗެލެންޖް 2022 ފެށުމަށް ތާވަލުކޮށްފައި ވަނީ ޖުލައި 11 ވަނަ ދުވަހަށެވެ.