އޮސްޓްރޭލިއާ އާއި ރާއްޖޭގެ ހާރިޖީ ގުޅުން ގާއިމުކުރިތާ 47 އަހަރު ފަހުން ފުރަތަމަ ފަހަރަށް އެގައުމުގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވަން ނިންމައިފިއެވެ.
އެކަން އިއުލާން ކުރައްވައި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މެރިސް ޕޭން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވިީ އެ ގައުމުގެ ހާރިޖީ މިޝަނެއް ރާއްޖޭގެ ވެރިރަށް، މާލޭގައި ގާއިމުކުރުން ވެގެންދާނީ އިންޑޯ ޕެސިފިކް ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލެވޭ އިތުރު ބާރެއް ކަމަށެވެ.
އަދި ރާއްޖެއަކީ އިންޑިއާ ކަނޑުގެ މުހިންމު އަވަށްޓެރިއެއް ކަމަށާއި ހައި ކޮމިޝަން އެއް ހުޅުވުން ވެގެންދާނީ ރާއްޖެއާއި އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރަން އަޅާ ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ހައި ކޮމިޝަން ހުޅުވާނެ ސީދާ ތާރީހެއް މެރިސް ޕޭން އިއުލާން ކުރައްވާފައި ނުވި ނަމަވެސް، 2023 ނިމުމުގެ ކުރިން އެތަން ގާއިމުކުރެވޭނެ ކަމަށް އޮސްޓްރޭލިއާގެ ނޫހަކުން ވަނީ ބުނެފަ އެވެ.
މި ނިންމުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ ނިންމުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރެވެ. އޮސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައަޅާފައި މިހާރު ހުންނަނީ ސްރީ ލަންކާގެ ކޮޅުނބުގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަނެވެ.
ޚަބަރު
ޚަބަރު
ޚަބަރު