ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް އަންނަ އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ފާސްކޮށްފިއެވެ.

މިރޭ ބޭއްވިި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ޕާޓީގެ އެތެރޭގެ އިންތިހާބުތައް ބާއްވާނެ ތާރީހުތައް ގަރާރެއްގެ ގޮތުގައި ހުށަހެޅުއްވީ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް، އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ. އޭނާ ވަނީ އެމްޑީޕީގެ ހަތަރު އިންތިހާބެއް ބާއްވާނެ ތާރީހުތައް ހުށަހަޅުއްވައިފައެވެ. އެ ގަރާރަށް ތާއީދުކުރެއްވީ ގަމު ދާއިރާގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

  • ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބު: 18 ފެބްރުއަރީ 2022
  • ޗެއާޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ރޫހުގެ އިންތިހާބު: 16 އޭޕްރިލް 2022
  • ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ކަނޑައެޅުން (ޕާޓީގެ ކޮންގްރެސް): 4 އޮގަސްޓް 2022

ޝިފާގެ ގަރާރުގައިވާ އެންމެ މުހިންމު ކަމަކީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކޮންގްރެސް ބާއްވާ ތާރީހު ކަނޑައެޅުމެވެ. ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިރޭގެ ގައުމީ މަޖިލީހަށް 126 މެންބަރުން ހާޒިރުވި އިރު، ޝިފާގެ ގަރާރު ފާސްވެގެން ގޮސްފައިވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

  • ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން
  • ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުން
  • ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އެއްބަސްވުން
  • ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުން
  • މިނިވަން މުއައްސަސާތަކުގެ އަދަދާއި އެ މުއައްސަސާތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީގެ ޕާލިމެންޓަރީ މަގާމުތައް ފިޔަވައި އެހެން މަގާމުތަކުގެ މުއްދަތަކީ ފަސް އަހަރު ކަމުގައި ކަނޑައަޅަން ފާސްކޮށްފައެވެ.