ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ހޯދިފައިނުވާ ކަމަށް މަހުލޫފުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
މަހުލޫފުގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ޝަރީއަތުގައި ވާހަކަދައްކަވަމުން މަހުލޫފުގެ ދިފާއީ ވަކީލުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިޝަތު ޝީނާ ވިދާޅުވީ، ދައުލަތުން މަހުލޫފުގެ މައްޗަށް ދައުވާކުރަނީ ސްޕެޝަން އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށް ކަމަށެވެ.
ޝީނާ ވިދާޅުވީ، އެކަން ސާބިތުކުރުމަށް ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާ ކަމަށާއި، ދައުލަތުން މަސައްކަތްކުރަނީ މަހުލޫފުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ މަހުލޫފު ހިންގަވާ "ދަ ޖީންސް" ފިހާރައިގެ މުއާމަލާތަކާ ގުޅޭ ފައިސާއެއް ނޫން ކަމަށް ސާބިތުކޮށްދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ މަހުލޫފުގެ އެކައުންޓަށް ޖަމާވީ "ދަ ޖީންސް" ފިހާރައިގެ ފައިސާ ނޫންކަން ދައުލަތަށް ސާބިތުކޮށް ދެވުނަސް އެކައުންޓަށް ޖަމާވި ފައިސާއަކީ ރިޝްވަތުގެ ފައިސާކަން ސާބިތު ނުކޮށްދެވޭ ކަމަށެވެ. އެހެންކަމުން މިއީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ.
ދިފާއުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، މަހުލޫފުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމަންޓުތަކުން ސާބިތުވާ ކަމަށެވެ. އެއީ ޑޮލަރު ގަތަމުގެ މުއާމަލާތެއްކަން ސާބިތުވަނީ މަހުލޫފުގެ ކޮއްކޮ އަލީ މުބީން، އެސްއޯއެފްގެ އޮފީސް ތެރެއިން ފެނުމުންނާއި، އޭނާ އެ އޮފީހަށް ދިޔައީ ޑޮލަރު ގަތުމަށް ކަމަށް އެ ވަގުތު ބުނި ކަމަށް އައްލާމް ލަތީފުގެ ބަޔާނުގައި ބުނެ ސޮއިކޮށްފައިވާތީ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ނޫރުއްސަލާމް ވިދާޅުވީ ޑޮލަރު ގަތުމުގެ މުއާމަލާތަށްފަހު އެސްއޯއެފުން ދޫކުރި ރިސީޕްޓަކީ އަބަދުވެސް އެސްއޯއެފުން ބޭނުންކުރާ ރިސީޕްޓާ ވައްތަރު ރިސީޕްޓެއް ކަމަށް އައްލާމް ލަތީފާއި، އިޝްފާހު އަދި އެސްއޯއެފުގެ ޖެނެރަލް މެނޭޖަރު ނާހިދު ރަޝީދު ބަޔާން ވެސް ދީފައިވާ ކަމަށެވެ.
އަދީބުގެ ހެކިބަހަށް އެކަނި ރިއާޔަތްކޮށް މަހުލޫފުގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެކަން ފާހަގަކުރައްވައި ނޫރުއްސަލާމް ވިދާޅުވީ އަދީބަކީ މަހުލޫފާ ދެކޮޅުވެރިކަމެއް އޮތް ފަރާތެއް ކަމަށެވެ. އެ ދެކޮޅުވެރިކަމަކީ ކޮބައިކަން ނޫރުއްސަލާމް ވިދާޅެއް ނުވެއެވެ. އަދި ވިދާޅުވީ، އަދީބުގެ މައްޗަށް ހިޔާނާތުގެ ގިނަ ކުށްތަކެއް ސާބިތުވެފައިވާ ކަމަށާއި އަދީބުގެ ހެކިބަހުގެ މައްޗަށް އެކަނި ބަލައިގެން ކަމެއް ސާބިތު ނުވަތަ ނަފީ ނުކުރެވޭނޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.
ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކިތާބީ ހެކީގެ ތެރޭގައި ހިމެނޭ ބޭންކު ސްޓޭޓްމަންޓްތަކާއި، ޓުވީޓާ ސްކްރީންޝޮޓްތަކަކީ ދައުވާގައި ބަޔާންކުރާ އެއްވެސް އުންސުރެއް ސާބިތުކޮށްދޭ ހެކިތަކެއް ނޫން ކަމަށް ނޫރުއްސަލާމް ވަނީ ވިދާޅުވެފައެވެ.
ދިފާއުގެ ވާހަކަތަކަށް ރައްދުދެއްވައި ދައުލަތުން ވިދާޅުވީ، މަހުލޫފުގެ މައްޗަށް ކުރާ ދައުވާގެ މައިގަނޑު ހެއްކަކީ އަދީބު ކަމަށްވިޔަސް އޭނާގެ ހެކިބަހަށް ބާރުދޭ ގަރީނާތައް ހުށަހަޅާފައިވާނެ ކަމަށެވެ. އެހެންކަމުން އަދީބުގެ ބަހަށް ބުރަދަން ދޭން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ދިފާއުން ހުށަހަޅާފައިވާ ޑޮލަރުގެ ގަތްކަމުގެ ރިސީޕްޓަކީ އެއީ އަމިއްލައަށް ތައްޔާރުކޮށްފައިވާ، އެސްއޯއެފްއާ އެއްވެސް ގުޅުމެއް ނެތް ރިސީޕްޓެއް ކަމަށެވެ.
ދައުލަތުން ވިދާޅުވީ އެއީ ފޭކު ރިސީޕްޓެއްކަން އެސްއޯއެފްގައި އެކައުންޓަންޓެއްގެ މަސައްކަތްކުރި ސްރީލަންކާގެ ރައްޔިތެއްގެ ބަޔާނުން ސާބިތުވާ ކަމަށެވެ.
އެއާއެކު ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދި ނޫރުއްސަލާމް ވިދާޅުވީ، ދައުލަތުން އެ ވިދާޅުވާ ބަޔާނަކީ ގާނޫނާ ހިލާފަށް ނަގާފައިވާ ބަޔާނެއްކަން އެސެޓް ރިކަވަރީ ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ. އަދި ސްރިލަންކާގެ މީހާ ދިން ބަޔާނުގައި ރިސީޕްޓުގައި ހުރީ އެސްއޯއެފްގެ ސްޓޭމްޕުކަމަށް ބުނެފައިވުމުން އެއީ ފޭކު ރިސީޕްޓެއް ނޫންކަން ސާފުވާ ކަމަށެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތް މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާއަކީ، ދައުވާ ހުށަހެޅުމާއި ދައުވާއަށް ޖަވާބުދާރީވާ ގޮތެއް ބެލުމާއި ދެފަރާތުން ހެކި ހާމަކުރުމަށް ބޭއްވި އިބްތިދާއީ ޝަރީއަތެކެވެ.
ދައުވާ ހުށަހަޅަމުން ދައުލަތުން ވަނީ މަހުލޫފުއާ ދެކޮޅަށް ހަތް ޝަފަހީ ހެކިންނާއި 24 ކިތާބީ ހެކި ހުށަހަޅައިފައެވެ. މަހުލޫފުގެ ފަރާތުން ދިފާއުގައި ތިން ޝަފަހީ ހެކިންނާއި، އެއް ކިތާބީ ހެކި ހުށަހެޅިއެވެ.
ރިޝްވަތު ގަބޫލުކުރުމުގެ ކުށް މަހުލޫފުގެ މައްޗަށް ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލަށް ލުމަށް ހުކުމް ކުރާނެއެވެ. މި މައްސަލަ ބައްލަވަނީ ގާޒީ މުހައްމަދު މިސްބާހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު