އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ކަނބަލުންނަށް ހާއްސަ މާރުކޭޓުތަކެއް ތަރައްގީކުރަން ރޯދަމަހުގެ ކުރިން ބަޔަކާ ހަވާލުކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކަނބަލުންނަށް ހާއްސަކޮށްގެން މާރުކޭޓުތައް އެޅުމަކީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެއް ކަމަށެވެ. އެ ޕްލޭނާ އެއްގޮތަށް މާރުކޭޓުތުއް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ހިނގަމުންދާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ރޯދަ މަސް ފެށުމުގެ ކުރިން މާލޭގެ ކޮންމެ އަވަށެއްގައި މާރުކޭޓެއް އެޅުމަށް ބަޔަކާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ވަނީ ދެއްވައިފައެވެ. ގޭގޭގައި ކަނބަލުން އުފައްދާ ތަކެތި ކޯޕަރޭޓިވް މެދުވެރިކޮށް އެ މާރުކޭޓުތަކުގައި ވިއްކޭނެ ކަމަށާއި އަދި މާރުކޭޓުގެ ސްޓޯލްތަކުގައި ވެސް ތިބޭނީ އަންހެނުން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސްޓޯލްތަކުގައި ބޭރު މީހުންނަށް ނުތިބެވޭނެ ކަމަށާއި ގޭތެރެއިން މާރުކޭޓަށް ތަކެތި ގެންދިއުމުގެ މަސައްކަތުގައި ވެސް މުޅިން ވެސް ހަރަކާތްތެރިވާނީ ދިވެހި ކަނބަލުން ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުތަކުގެ ގޮޅިތަކުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށެވެ. އެހެންވެ މިހާރު ގޮޅިތަކުގެ ގުރުއަތުލުމުގެ ކަންކަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިދޭސީން ލައްވާ ގޮޅިތައް ނުހިންގާ އަދި ބަރާބަރަށް ކުލި ދައްކަމުންދާ މީހުންގެ ގޮޅިތަކުގެ މުއްދަތު އެކަމަށް ހުށަހެޅުމަކާ ނުލައި އާކޮށްދެވޭނެ ކަމަށެވެ. އަލުން ގޮޅިތައް ކުއްޔަށް ދޫކުރާ އިރު، ގޮޅިތައް ހިންގުމުގައި ހުންނަން ވާނީ ދިވެއްސެއް ކަމަށާއި އަދި ބޭރު މީހުން ގޮޅިތައް ހިންގާނަމަ އެ ގޮޅިތައް އަތުލެވޭ ގޮތަށް މިހާރު އުސޫލު ހަދައި ގެޒެޓުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ، ގޮޅިތަށް ހިންގުމާ ހަވާލުވެ ހުންނަ ދިވެހި މީހާގެ އެސިސްޓެންޓަކަށް ބިދޭސީ މީހަކަށް ހުރެވޭނެ ކަމަށާއި އެމީހާއަށް ވެސް ހުރެވޭނީ ސިޓީ ކައުންސިލުން ދޫކުރާ ހުއްދައެއް ހޯދައިގެން ކަމަށެވެ.