ކުޅިވަރު

އެކުވެރިކަމުގެ ދެވަނަ މެޗުގައި ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

ރާއްޖެއާއި ބަންގުލަދޭޝް ކުޅެމުންދާ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ދެވަނަ މެޗުގައި ބަންގުލަދޭޝްއިން ރާއްޖެ ބަލިކޮށްފިއެވެ.

ރާއްޖެއާއި ބަންގުލަދޭޝް ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗު ރާއްޖެއިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ. ރޭ ކުޅިވަރު އެކުވެނީގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީވެސް ތިން ސެޓު އެއް ސެޓުންނެވެ.

ބަންގުލަދޭޝްއަކީ ވޮލީގައި ރާއްޖެއަށް ވުރެ ފެންވަރު މަތި ގައުމެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވާ އިރު، މިފަހަރު ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަންގުލަދޭޝް އަތުން ހޯދި ކާމިޔާބީއަކީ މިދިޔަ ހަ އަހަރު ތެރޭގައި ހޯދި ފުރަތަމަ ކާމިޔާބީއެވެ.

ރޭގެ މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝުން ކާމިޔާބު ކުރީ 25-19 އިންނެވެ. ޖެހިގެން އައި ސެޓު ފަސޭހަކަމާއެކު 16-25 އިން ރާއްޖެ އިން ކާމިޔާބުކުރި ނަމަވެސް އަނެއް ދެ ސެޓު 25-15، 25-21 އިން ކާމިޔާބުކޮށް ބަންގްލަދޭޝް ވަނީ މެޗުން މޮޅުވެފައެވެ.

ބަންގުލަދޭޝް އިން ރޭގެ މެޗުގައި ރަނގަޅު ފޯމެއްގައި ފެނިގެންދިޔަ އިރު، ފުރަތަމަ ސެޓު އެޓީމުން ގެންދިޔައީވެސް ލީޑު ގެއްލުވައި ނުލައެވެ. ސެޓުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ކޯޗު މުހައްމަދު ސާޖިދު (ބޮޑު ކާއްޓޭ) ފުރުސަތު ދިންކަން ފާހަގަވެގެންދިޔަ އިރު، މާއިދު މުހައްމަދު ފަދަ ކުޅުންތެރިންނަށް ރޭގެ މެޗުވީ ރަނގަޅު ތަޖުރިބާ އަކަށެވެ. ފުރަތަމަ ސެޓުގައި ބަންގުލަދޭޝް ޓީމުން މޮޅަށް ކުޅުނުކަން އެންމެ ބޮޑަށް ފާހަގަވީ ސޮހާން ޝެއިހުއެވެ.

ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް ދެ ވަނަ ސެޓުގައި ރާއްޖޭގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ރަނގަޅު ބްލޮކުތަކެއްވެސް ސެޓުގައި ފެނިގެން ގޮސްފައިވާ އިރު، އާދަމް ފައިރޫޒާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ހަމަލާތައް ފާހަގަވެގެން ދިޔައެވެ.

ދެވަނަ ސެޓުގައި ބޮޑު ކާއްޓޭ ވަނީ ޒުވާން ކުޅުންތެރިޔާ އަހުމަދު ނާފިއު ކުޅުމަށް ނެރެފައެވެ. ސެޓުގައި އޭނާ އުންމީދީ ކުޅުމެއް ދައްކާފައިވާ އިރު، އަލީ ހުޒާމް (ހުޒަންޓޭ)އާއެކު ރަނގަޅު ބްލޮކްތަކެއްވެސް ކޮށްފައިވެއެވެ. ރާއްޖޭން ސެޓު ގެންދިޔައީ ތަފާތު ބޮޑު 25-16ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެން ކުޅުނު ދެ ސެޓުގައިވެސް ބަންގުލަދޭޝް އިން ތަފާތު ދެއްކިއެވެ. ބަންގުލަދޭޝް އިން ދެވަނަ ސެޓު 15-25 އިން ގެންދިޔަ ނަމަވެސް ހަތަރުވަނަ ސެޓުގައި ފެނުނީ ތަފާތު ވާދަވެރި ކުޅުމެކެވެ. ސެޓު ދާދި ހަމަހަމަކޮށް ދިޔައިރު، ފަހު ޕޮއިންޓާ ހަމައަށްވެސް ދިޔައީ ގާތުންނެވެ. 21-21 އިން އެއްވަރުވުމާ ހަމައަށް ޕޮއިންޓުތައް ކައިރި ކައިރީ ދިޔަ އިރު، ބަންގުލަދޭޝް އިން ސެޓު ގެންދިޔައީ 25-21 އިންނެވެ.

ރޭގެ މެޗު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ޔޫތު މިނިސްޓަރު މަހުލޫފު ވަޑައިގެންނެވިއެވެ. އަދި ރައީސް ސޯލިހާއި މިނިސްޓަރު މަހުލޫފުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން ހުންނެވި، ބަންގްލަދޭޝް ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ޑާކާގެ ނޯތު ސިޓީ ކޯޕަރޭޝަންގެ މޭޔަރު މުހައްމަދު އަތީގުލް އިސްލާމްވެސް ރޭގެ މެޗަށް ވަޑައިގެންނެވިއެވެ.

ރާއްޖެއާއި ބަންގުލަދޭޝް ކުޅޭ އެކުވެރިކަމުގެ ތިންވަނަ ވޮލީ މެޗު އޮންނާނީ މާދަމާ ރޭގައެވެ.