އިންޑިޔާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރުނާޓަކާގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ބުރުގާ އެޅުން އެ ސްޓޭޓްގެ ސަރަހައްދީ ސަރުކާރުން މިހާރު ވަނީ މަނާކޮށްފައެވެ. ބުރުގާ މަނާކުރިކުރުމާ އެއްބަޔަކު ދެކޮޅެވެ. އަނެއް ބަޔަކު އެއްކޮޅެވެ. ދެކޮޅު ހަދަނީ އިސްލާމުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނެވެ. ބުރުގާ މަނާކުރިކުރުން ތަންފީޒު ކުރުމަށް ބާރުއަޅަނީ ހަރުކަށި ހިންދޫންނެވެ. ޚާއްސަގޮތެއްގައި އިންޑިޔާގެ މަރުކަޒީ ވެރިކަމާއި އަދި ކަރުނާޓަކާ ސްޓޭޓްގެ ވެރިކަންވެސް ކުރަމުންދާ ބީޖޭޕީގެ ސަޕޯޓަރުންނެވެ. ކަރުނާޓަކާގައި އެކަނިވެސް 8 މިލިޔަން މުސްލިމުން ދިރިއުޅެއެވެ. މުޅި އިންޑިޔާގައި މުސްލިމުންގެ އާބާދީ 200 މިލިޔަނަށް އަރައެވެ.
ކަރުނާޓަކާ ސްޓޭޓަކީ ގާތްގަޑަކަށް 65 މިލިޔަން މީހުންގެ އާބާދީއެއް އެކުލެވޭ ސްޓޭޓެކެވެ. އިންޑިޔާގެ އައިޓީ ސިނާއަތުގެ މައިގަނޑު ސަރަހައްދަކީ ވެސް ކަރުނާޓަކާޔާއި އެސްޓޭޓްގެ ވެރިރަށް ބެންގަލޫރެވެ. އެ ސްޓޭޓްގެ ޗީފް މިނިސްޓަރ ބަސަވަރާޖް ބޮމްމާއީ އާއި އޭނާގެ ސަރަހައްދީ ސަރުކާރަކީ ބީޖޭޕީގެ ސަރުކާރެކެވެ. ތަންފީޒު ކުރަމުންދަނީ ބީޖޭޕީގެ އިޖުތިމާއީ ކަންކަމަށް އެކަށައެޅިފައި އޮންނަ ސިޔާސަތެވެ. އެ ސިޔާސަތަކީ އިންޑިޔާއަކީ ހުރިހާ މާނައެއްގައިވެސް ހިންދޫވަންތަ ގައުމަކަށް ހެދުމުގެ ސިޔާސަތެވެ. އިންޑިޔާގެ މަރުކަޒީ ބޮޑުވަޒީރުކަމަށް 2014 ވަނަ އަހަރު ނަރެންދުރަ މޯދީ ވަޑައިގެންނެވި ފަހުން މި މަސައްކަތް ވަނީ ހަލުވި ކުރެވިފައެވެ.
ކަރުނާޓަކާގެ ޗީފް މިނިސްޓަރު ބޮމްމާއީއަކީ ކުރިން މިދެންނެވި ސިޔާސަތު އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ތަންފީޒު ކުރުމަށް ގަދައަޅުއްވާ ބޭފުޅެކެވެ. ނަރެންދުރަ މޯދީއަށްފަހު ބީޖޭޕީގެ ލީޑަރުކަމާއި އިންޑިޔާގެ ބޮޑުވަޒީރުކަމަށްވެސް ވަޑައިގެންނެވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ބޭފުޅެކެވެ. އެހެންވީމާ ހަރުކަށި ފިކުރުގެ ހިންދޫން ރުއްސައި ގައުމީ ބަތަލަކަށް ވެވަޑައިގެންނެވުމުގެ ނިޔަތުގައި ހުރިހާ ހިންދޫންނަށް ނަމޫނާ ދައްކައިދޭ ސްޓޭޓަކަށް ކަރުނާޓަކާ ހެއްދެވުމުގެ މަސައްކަތް ކުރައްވަނީއެވެ. އެ ސްޓޭޓުގެ ކިޔަވައިދޭ ތަންތަނުގައި ބުރުގާ އެޅުން މަނާކުރައްވައި އެ ނިންމުން ތަންފީޒުކުރެއްވުމަށް ގަދައަޅުއްވަނީ މުސްލިމުންނާ ދެކޮޅުކަން ދެއްކެވުމަށެވެ.
ޗީފް މިނިސްޓަރު ބޮމްމާއީގެ ނިންމެވުމަށް އެއްބަޔަކު ތަބާވާއިރު އަނެއް ބަޔަކު އެކަމެއް ނުކުރެއެވެ. މުސްލިމް ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ހާޒިރުވަނީ ބުރުގާ އަޅައިގެންނެވެ. އެފަދަ ދަރިވަރުން ވަށާލައި ފުރައްސާރަކޮށް ބިރުދައްކައި ބައެއްފަހަރު ގަދަކަމުން ގަޔަށް އަތްލައި ފޭރާން ކަޝްފުކުރުމުގެ އާދަވެސް ހަރުކަށި ހިންދީން ވަނީ ގެންގުޅެން ފަށައިފައެވެ. ހިންދޫ ދަރިވަރުން ހާޒިރުވަނީ ރީނދޫ ކުލައިގެ ރުމާލުން މޫނު ނިވައިކޮށް ހިންދޫވަންތަކަން ރަމްޒުކުރެވޭ ބީދަޔަކުންނެވެ. މިކަންކަމާހެދި ކޮލެޖުތަކާއި ޔުނިވަރސިޓީތައް ކުރިމަތިލުންތަކުގެ މައިދާންތަކަށް ބަދަލުވެއްޖެއެވެ. މުސްލިމް އަންހެންކުދީންނަށް ބައެއް ތަންތަނުގެ ދޮރާށި ބަންދުކޮށްފިއެވެ.
އިންޑިޔާގެ ފެޑެރަލް ގާނޫނުއަސާސީއަކީ ސެކިއުލަރ ނިޒާމަކަށް ބައްޓަން ކުރެވިފައިވާ ގާނޫނުއަސާސީއެކެވެ. ހުރިހާ ދީންތަކެއްގެ މީހުންނަށްވެސް މިނިވަންކަމާއި ހައްގުތައް ކަށަވަރުކޮށްދީފައިވާ އިލްމާނީ ގާނޫނުއަސާސީއެކެވެ. ބުރުގާ މަނާކުރުމާއި އަދި މިނޫންވެސް މުސްލިމުންނަށް ދަތިކޮށް ފުރައްސާރަކުރުމުގެ އަމަލުތައް އެ ގާނޫނުއަސާސީން ހުއްދައެއް ނުކުރެއެވެ. އެހެންނަމަވެސް ގިނަފަހަރު ގާނޫނުއަސާސީގެ ދެފޮޅުވަތް ދޭތެރެއިން މާނަކުރުންތައް ނެރެގެން ކޯޓުތަކުންވެސް ހަރުކަށި ހިންދޫންނަށް ބާރިލިބިދޭ ހުކުމްތައް ނެރެއެވެ. ބުރުގާގެ މައްސަލައިގައިވެސް ކަންކަން ހިނގަނީ މިމަގުންނެވެ. އެހެންވީމާ މިކަމަކީ ކޯޓަށް ގޮސްގެން މުސްލިމުންނަށް ހަމަޖެހުމެއް ލިބެން އޮތް ކަމަކަށް ނުވެއެވެ.
ބުރުގާގެ މައްސަލައިގައި އެއްކޮޅަށާއި ދެކޮޅަށް މުޒާހަރާކުރާ މީހުން ގިނަވެ ކުރިމަތިލުންތައް އާއްމުވުމާ ގުޅިގެން ސަރަހައްދީ ސަރުކާރުން ވަނީ ތައުލީމުދޭ ހުރިހާ ތަންތަން ވަގުތީގޮތުން މިހާރު ބަންދުކޮށްފައެވެ. މުޒާހަރާތައް ހުއްޓުވައި ޖަމާއަތްތައް ރޫޅައިލުމުގެ ގޮތުން ފުލުހުން ވަނީ ނެރެފައެވެ. މިގޮތަށް ނެރެފައި ތިބޭ ފުލުހުންވެސް ހަރުކަށިކަން ދައްކާތީ ފެންނަނީ މުސްލިމުންނާ ދެކޮޅަށެވެ. ޗީފް މިނިސްޓަރު ބޮމްމާއީގެ ސަރުކާރުން ބުނަނީ ޣައިރުގާނޫނީ އަމުރެއްވެސް ނުނެރޭ ކަމަށާއި ހުރިހާ ކަމެއް ކުރަމުންދަނީ ކޯޓުތަކުން ނެރެފައިވާ ހުކުމްތަކާ ޚިލާފުނުވާނޭ މަގުން ބީޖޭޕީގެ ގައުމީ މެނިފެސްޓޯއަށް ވާސިލްވުމަށް ކަމުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ