ލުއި ޚަބަރު

ލަތާ: އެކި ގައުމިއްޔަތާއި އެކި ދީންތަކާއި އެކި ސަގާފަތުގެ މީހުން އެއްގަލަކަށް އެރުވި ރަން އަޑުގެ ވެރިޔާ

އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ދުނިޔޭގެ އެންމެ ގިނަބައެއްގެ ކަންފަތުގައި އެއަޑު އެންމެ ގިނައިން ޖެހިފައިވާ ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރު އުމުރުން 92 އަހަރުގައި ހުސްވި ހަފުތާތެރޭގައި ވަނީ މަރުވެފައެވެ.

ލަތާގެ ހިތްގައިމު އަޑުން އެންމެ ފުރަތަމަ ލަވައެއް ރިކޯޑުކުރިތާ 80 އަހަރުވެފައިވާއިރު މި މުއްދަތުގެ ތެރޭގައި އިންޑިޔާގެ 18 ބަހަކުން ބައިލައްކަޔަށްވުރެ ގިނަ ލަވަ ރެކޯޑްކޮށްފައިވެއެވެ. ގިނައީ ހިންދީ ލަވައެވެ. ބޮލީވުޑްގެ އެކި ފިލްމުތަކަށް އެކި ދުވަސްވަރު އޭނާ ކިޔައިދީފައިވާ ލަވަލަވައެވެ. މިއިން ކޮންމެ ލަވައެއްވެސް ދިވެހީންގެ ތެރޭގައި ވަރަށް މަޝްހޫރެވެ. ލަތާގެ ބައެއް ލަވަލަވަޔަކީ ދިވެހީންގެ ހިތުގެ ވިންދާ ގުޅިފައިވާ ލަވަލަވައެވެ. އެހެންވީމާ ލަތާގެ ވަކިވުމަކީ ދިވެހިންނަށްވެސް ހިތާމައެކެވެ. އެކަން ފާހަގަކުރުމަކީ ކުރަން އެންމެ ރަނގަޅު ކަމެކެވެ. ކޮންމެ ގައުމެއްގެ ކޮންމެ ދީނެއްގެ މީހަކަށްވިޔަސްމެއެވެ.

ލަތާގެ ލަވަތަކުގެ ތެރެއިން އެލަވައެއްގެ ޖާދޫގެ އަސަރު އެންމެ ބޮޑަށް ދިވެހީންގެ ތެރޭގައި ދެމިގެން އައިސްފައިވާ ލަވަޔެއް ކަމަށް ގަބޫލު ކުރެވެނީ އެކް ޕިޔާރުކަ ނަޣުމާހޭ މި ލަވައެވެ. މިއީ 1972 ވަނަ އަހަރު ނުކުތް ފިލްމެއް ކަމަށްވާ ޝޯރަށް ލަތާ ކިޔައިދީފައިވާ އާދަޔާ ޚިލާފު ރީތި އަދި މާނަވެސް ފުން އުރުދޫ ލަވައެކެވެ. އެހެންކަމުން އިންޑިޔާގެ އިތުރަށް ޕާކިސްތާނުގައިވެސް މިލަވަ ހަމައެވަރަށް މަޝްހޫރުވިއެވެ.

ތަންކޮޅެއް ފަހުގެ ފިލްމުތަކަށް ބަލާއިރު 1995 ވަނަ އަހަރު ނިކުތް ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ އަށް ލަތާ ކިޔާދީފައިވާ ތުޖޭ ދޭކާތޯ ޔޭ ޖާނާ ސަނަމް މިލަވަޔަކީވެސް ދިވެހީންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެގެންދިޔަ ލަވައެކެވެ. އެއީ ކާޖޮލް އާއި ޝާހު ރުކް ފިލްމީ ދާއިރާގެ ކުރިބޯށިތަކާ ހަމަޔަށް ގެންގޮސްދިން ފިލްމެވެ. މިލަވަޔަކީ އެފިލްމުގެ އެންމެ ގަދަ އައްޔެވެ. މިހާރުގެ ދިވެހި ޒުވާނުންވެސް މި ލަވަޔާ ގަޔާވެއެވެ.

ލަތާއަކީ ހިންދޫއެކެވެ. މަރާޓީއެކެވެ. އެކަމަކު ލަތާގެ ލަވަލަވަޔަކީ ވަކި ދީނަކަށް ވަކި ގައުމިއްޔަތަކަށް ޚާއްސަ ލަވަތަކެއް ނޫނެވެ. އިންޑިޔާގެ މުސްލިމުންނާއި ހިންދޫންވެސް ހަމަ އެއްވަރަކަށް ލަތާގެ އަޑަށް ޝައުގުވެރިކަން ދެއެވެ. އެދެބައި މީހުން އެއްގަލަކަށް އަރުވާ ކަމެއް ނުވަތަ އެއްޗެއް އޮތީވިއްޔާ އެ އެއްޗަކީ ލަތާގެ ރީތި އަޑާއި އެ އަޑުން ކިޔާދީފައިވާ ހިތްގައިމު ލަވަތަކެވެ.

ލަތާގެ ވަކިވުމަކީ ޕާކިސްތާނުގައި ވެސް ގައުމީ ފެންވަރުގެ ހިތާމައެކެވެ. ލަތާގެ ހަނދާނަށް ޕާކިސްތާނުގެ ތެރެއިންވެސް ޖިޒީތައް ދަނީ އޮހެމުންނެވެ. އަރަބި ގައުމުތަކުގެ ތެރެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ގަތަރާއި ސައުދީ އަރަބިޔާ އަދި މިސްރުގައިވެސް ލަތާގެ ހަނދާނަށް ޖިޒީތައް ދަނީ އޮހެމުންނެވެ. އެހެންވީމާ ބުނެވެން އޮތީ މިހެންނެވެ. ލަތާއަކީ އެކި ގައުމިއްޔަތާއި އެކި ދީންތަކާއި އެކި ސަގާފަތުގެ މީހުން އެއްގަލަކަށް އެރުވި ރަން އަޑުގެ ވެރިޔާ ކަމުގައެވެ.