ހުޅުމާލޭ ބީޗު ފްރަންޓުން ބިމެއް ގަންނަން މީހަކު އަކަފޫޓަކަށް ދިހަ މިލިއަން ރުފިޔާ ހުށަހަޅައިފިއެވެ.

ހުޅުމާލޭ ބީޗު ފްރަންޓުން 26 ބިމެއް ވިއްކާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބީލަން ހުޅުވާލީ މިއަދު ހެނދުނު 10:00 ގައެވެ. ބީލަން ހުށަހެޅުން ބަންދުކުރީ މެންދުރު 12:00 ގައެވެ.

ބީޗު ފްރަންޓުން ވިއްކާ ބިންތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، 211 މީހަކު ވަނީ ބީލަން ހުށަހަޅައިފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އަކަފޫޓަކަށް ދިހަ މިލިއަން ރުފިޔާ ހުށަހެޅީ އިބްރާހިމް މާޖިދު ކިޔާ މީހެކެވެ. އެޗްޑީސީގެ އޮފިޝަލުން ވަނީ އެ އަގަކީ ސައްހަ އަގެއްތޯ ކަށަވަރުކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. ނަމަވެސް ބީލަން ކުރިއަށްދިޔަ އިރު، އޭނާ ހާޒިރުވެ ނެތުމުން އެކަން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މާޖިދު ހުށަހެޅި ފޯމުގައިވާ މައުލޫމާތުތައް ފުރިހަމަވާތީ، އެޗްޑީސީން ވަނީ އޭނާ ހުށަހެޅި ބީލަން ބަލައިގަނެފައެވެ.

އެޗްޑީސީގެ މީޑިއާ އޮފިސަރު އަލީ މަޝާރު "ވަން" އަށް މިއަދު ވިދާޅުވީ، އެންމެ ދަށް އަގެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އަކަ ފޫޓަކަށް 6،700 ރުފިޔާ ކަމަށެވެ.

ބީޗު ފްރޮންޓް 26 ބިމަކީ މިހާތަނަށް ހުޅުމާލެއިން ވިއްކާ އެންމެ އަގުބޮޑު ގޯއްޗަށް ވާއިރު، ބިޑު ފެށުމަށް ހަމަޖެހިފައިވާ އަގަކީ އަކަފޫޓަކަށް 3،900 ރުފިޔާއެވެ. އެ ބިންތަކަކީ 1603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ ބިންތަކެވެ.

އެޗްޑީސީން ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނުކުރީ 60 ބިމެކެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗު ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާގޮތަށް 26 ބިމަކާއި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން 34 ބިމެކެވެ.

ބީޗު ފްރޮންޓު ބިންތަކަށް ބިޑް ކުރުން މިއަދު ކުރިއަށްދިޔަ އިރު، ބީޗު ސައިޑް ކައިރިން ވިއްކާ 34 ބިމަށް ބިޑު ހުށަހެޅުން އޮތީ މިމަހު 16 ގައެވެ. އެ ބިންތަކަށް ބިޑް ފެށޭ އަގަކީ އަކަފޫޓަކަށް 3،500 ރުފިޔާއެވެ.