ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ހާބަރުގެ ބޭސިން ފުންކުުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ކިނޮޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަޕްޑޭޓް ދެމުން އެމްޓީސީސީން މިއަދު ބުނީ މިހާރު ކުރިއަށްދަނީ އެރަށުގައި ބޭނުންކުރަމުން އައި އެއްގަމުތޮށި ތަޅާލުމުގެ މަސައްކަތާއި މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި، ބަނދަރުން އޮޑިދޯނިފަހަރު ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު ގައެވެ. މި މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހަރުކުރުމާއި، 1663.36 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.