އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ބާންލީގެ ޓާފް މޫރް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައިވެސް ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމަށް ގޯލު ޖެހުމަށް ދަތިތަކެއް ކުރިމަތިވިއެވެ. ރޭގެ މެޗުވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުން ފެށި އިރު، ފަހުން ކުޅެން ނުކުމެވެސް އޭނާއަށް ގޯލެއް ނުޖެހުނެވެ.
އެންމެފަހުން ރޮނާލްޑޯ ކުޅުނު ފަސް މެޗުގައިވެސް އޭނާއަށް ގޯލެއް ޖެހިފައި ނުވާ އިރު، އެއީ ރޮނާލްޑޯގެ ކެރިއަރަށް ބަލާއިރުވެސް ވަރަށް ދަށް ފޯމެކެވެ.
ރޭގެ މެޗު ފެށިގެން ޔުނައިޓެޑުން ހަމަލާތައް ގިނަކޮށް ފާހަގަވެގެން ދިޔަ އިރު، ހާފުގެ ކުރީކޮޅުގައި އެޑިސަން ކަވާނީ އާއި މާކަސް ރަޝްފޯޑު ފޮނުވާލި ހަމަލާތައް މަތަކުރީ ބާންލީ ގޯލްކީޕަރު ނިކް ޕޯޕެވެ. ހަމަލާތަކުގެ ތެރެއިން ޔުނައިޓެޑުގެ ރަފޭލް ވަރާން ބޮލުން ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ފަހި ކުރުމުގައި ހެރީ މެގުއާ އޮފްސައިޑު މަގާމެއްގައި ހުރެ ބާންލީ ޑިފެންޑަރަށް ހުރަސް އެޅި ކަމަށެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ޔުނައިޓެޑުން ލީޑު ނެގިއެވެ. އަރިމަތިން އަރައި ލޫކް ޝޯ ނެގި ހުރަސް ގޯލަށް ވައްދާލީ ޕައުލް ޕޮގްބާ އެވެ. ރޭގެ މެޗަކީ ދެ މަހެއްހާ ދުވަހު އަނިޔާގައި ހުރުމަށްފަހު ޕޮގްބާ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.
ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް ދެވަނަ ހާފުގައި އެޓީމު ފެނުނީ ދަށް ކޮށެވެ. ބާންލީގެ ކުރިއަށް މި ނިމިދިޔަ ޓްރާންސްފާ ސީޒަންގައި ގެންދިޔަ ވެގްހޯސްޓްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެއްވަރު ކުރީ ޖޭ ރޮޑްރިގޭޒް ގޯލަކުންނެވެ. ރޮޑްރިގޭޒްގެ ގޯލަކީ އޭނާ އެންމެފަހުން ކުޅުނު 50 މެޗުގައި ޖެހި ފުރަތަމަ ގޯލެވެ.
ޔުނައިޓެޑަށް ރޭގެ މެޗުން މޮޅު ނުވެވުމުގެ ފައިދާ ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ރޭ ކުޅުނު މެޗުގައި ނަގައިފައެވެ. އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން 1-0 އިން މޮޅުވި ވެސްޓް ހޭމް ވަނީ ގަދަ ހަތަރަކަށް ޖެހިލައިފައެވެ. އެއީ 24 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 23 މެޗުން 39 ޕޮއިންޓާ އެކުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު