އިންޑިއާގެ ކަރްނަޓާކާގައި ސަރުކާރުން ހިންގަމުން އަންނަ ކޮލެޖެއްގައި ބުރުގާ އަޅާތީ ކަމަށްބުނެ ކުލާހުން ކުދިންތަކެއް ބޭރުކުރި މައްސަލަ މިހާރު ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.

މިމައްސަލައާ ގުޅިގެން އިންޑިއާގެ ކިޔަވައިދޭ މަރުކަޒުތަކުގެ ތެރޭގައި ހިންދޫންނާއި މުސްލިމުންގެ މެދުގައި އަންނަނީ މައްސަލަތައް ޖެހެމުންނެވެ. މުސްލިމުންނާއި ދެކޮޅަށް ހިންދޫން މުޒާހަރާ ކުރުމުގެ ގޮތުން ހިންދޫން ރަމްޒުކޮށްދޭ އޮރެންޖު ކުލައިގެ ޝޯލް ބޭނުންކޮށްގެން ޖައި ޝްރީ ރާމް ގޮވަމުން ދިޔަ ފިރިހެން ގުރޫޕަކާއި މުސްލިމް ދަރިވަރަކު ކުރިމަތިލާ ވީޑިއޯއެއް ވަނީ ގިނަބައެއްގެ ސަމާލުކަމަށް އައިސްފައެވެ.

މިހާރު އާއްމުވެފައިވާ ވީޑިއޯގައި ފެނިގެން ދަނީ މުސްކާން ކިޔާ މި އަންހެން ކުއްޖާ އެކަނިމާއެކަނި އެމީހުންނާ ކުރިމަތިލައި، ހަރު އަޑުން ﷲ އަކްބަރު ގޮވާ ތަނެވެ. އެބައިމީހުންގެ ކުރިމަތީ މި އަންހެން ކުއްޖާ ފަހަތަށް ނުޖެހި، ހަރު އަޑުން ރައްބީގެ ވެރި ރަސްކަލާނގެ ޒިކުރުކުރަމުން ގޮސްފައިވާތީ ގިނަ މުސްލިމުންގެ ލޯބި ވަނީ މުސްކާން އަށް ލިބިފައެވެ.

މުސްކާން ޓީވީ ޗެނަލަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާ ތަކުބީރު ގޮވަން ފެށީ އެބައިމީހުންވެސް ހަރު އަޑުން އެމީހުންގެ ކަލާންގެތަކަށް ގޮވަމުން ދާތީ ކަމަށެވެ. މުސްކާން ބުނިގޮތުގައި އަޑުގަދަކުރަމުން ދިޔަ ހިންދޫންގެ ގުރޫޕުން ވަނީ އޭނާއަށް ފުރައްސާރަކޮށްފައެވެ.

މުސްކާންގެ މި އަމަލުގެ ސަބަބުން މުސްލިމުންގެ ހައްގުގައި އިންޑިއާގައި ހަރަކާތްތެރިވަމުން އަންނަ ޖާމިއަތު އުލެމާ-އެ ހިންދު އިން ދީނުގެ ދިފާއުގައި ފަހަތަށް ނުޖެހި އަޑު އުފުލި މުސްކާންގެ އަގު ވަޒަންކޮށް 500،000 އިންޑިއާ ރުޕީސް ދޭން ނިންމިކަމަށް ވަނީ އިއުލާނުކޮށްފައެވެ.