ޚަބަރު

ދެ އަހަރަށްފަހު، މެލޭޝިއާގެ ބޯޑަރުވެސް ހުޅުވާލައި ކަރަންޓީނު ނުވެ ދެވޭގޮތް ހަދަނީ

މުހައްމަދު ޖަމްޝަތް ވަހީދު

އަންނަ މާޗް މަހުން ފެށިގެން މެލޭޝިއާގެ ބޯޑަރު އެއްކޮށް ހުޅުވާލައި، ކަރަންޓީނު ނުވެ އެ ގައުމަށް ދަތުރުކުރެވޭނެ ކަމަށް އެގައުމުގެ ނެޝެނަލް ރިކަވަރީ ކައުންސިލުގެ ޗެއާމަން އަދި ކުރީގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން މިއަދު އިއުލާން ކުރައްވައިފިއެވެ.

މުހިއްޔުއްދީން ވިދާޅުވީ މެލޭޝިއާގެ ބޯޑަރު އެއްކޮށް ހުޅުވާލަން ނިންމާފައިވަނީ ކޮވިޑާ ގުޅިގެން އެ ގައުމަށް ދިމާވެފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަންނަން ކުރެވޭ މަސައްކަތްތަކުގެ ދަށުން ކަމަށާއި އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ގައުމަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކަށް ބޯޑަރު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ބޯޑަރު ހުޅުވާލުމުން އެގައުމަށް ދަތުރުކުރާއިރު ކަރަންޓީނު ވާން ނުޖެހޭގޮތަށް ހަދަން އެގައުމުގެ ރިކަވަރީ ކައުންސިލުން ނިންމާފައިވާ ކަމަށް މުހިއްޔުއްދީން ވަނީ ވިދާޅުވެފައެވެ.

މެލޭޝިއާގެ ބޯޑަރު އެއްކޮށް ހުޅުވާލައި، ބޯޑަރު ހުރަސްކުރުމުގައި ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ލުއިދޭން ނިންމާފައިމިވަނީ ދެ އަހަރަށް ފަހު އެވެ. މެލޭޝިއާގެ ނެޝަނަލް ރިކަވަރީ ކައުންސިލުގެ މި ނިންމުމާއެކު ދުނިޔޭގެ ހުރިހާ ގައުމަކުންވެސް މެލޭޝިއާއަށް ދެން ދަތުރުކުރެވޭނެ އެވެ.

މެލޭޝިއާއަށް ދަތުރުކުރާއިރު ކަރަންޓީނުވާން ނުޖެހުނަސް، އެ ގައުމަށް ވަންނައިރު އާއި ގައުމުން ފުރާއިރު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.