ޚަބަރު

6 މޭގެ ހަމަލާ: ރެކޮމެންޑޭޝަންތަކާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތްތައް ހިއްސާކުރި ބައްދަލުވުން ސިއްރު

މިއަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހުށަހެޅި ރެކޮމެންޑޭޝަންތަކާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު އެ ކޮމިޓީއާ ހިއްސާކޮށްފިއެވެ.

މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުގައި އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީގެ ރެކޮމެންޑޭޝަންތަކާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު މިމަހުގެ ދެ ވަނަ ދުވަހު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އެ ކަރުދާހުގައި ސިއްރު ޖަހާފައިވާތީ, އެކަމާ ގުޅޭ ގޮތުން މެންބަރުންގެ މަޝްވަރާއަށް އަސްލަމް ހުޅުވާލެއްވިއެވެ.

އެކަން ސިއްރުކުރަން ކޮމިޓީގެ ނައިބު މުގައްރިރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ހުށަހެޅުއްވުމުން, އެކަމަށް ތާއީދު ކުރެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. އެހެންކަމުން އެކަމަށް ނެގި ވޯޓުގައި, މެންބަރުންގެ އިއްތިފާގުން ފާސްވީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލަ ބަލައި 241 ކޮމިޓީން އެކުލަވައިލި، އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.