ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ފަސް ދުވަސް ފަހުން ޖަމާކޮށްފި އެވެ.

ގާނޫނުގައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކޮންމެ މަހެއްގެ އެއްވަނަ ދުވަހުގެ ކުރިން ޖަމާކުރަން ޖެހެއެވެ. ނަމަވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުލިބި ގިނަ ދުވަސް ވުމުން ވަނީ ޝަކުވާ ބޮޑުވެފަ އެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިސަރު ފާތިމަތު ޝޫބާ "ވަން" އަށް މިއަދު ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ނުލިބިވާ މުސާރަ މިހާރު ޖަމާކޮށްފައިވާ ކަމަށެވެ. އަދި މުސާރަ އާއި ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ޝޫބާ ވިދާޅުވީ މުސާރަ ޖަމާކުރިތާ މިއަދަށް ތިން ދުވަސް ވެފައިވީ އިރުވެސް މިހާތަނަށް އެއްވެސް ޝަކުވާއެއް އައިސްފައި ނުވާ ކަމަށެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ދިނުން ލަސްވީ އެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ގޭގައި ކަރަންޓީނުވާން ޖެހުމުން ކަމަށް މީގެ ކުރިން ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެ ސަބަބާހުރެ މުސާރަ ޝީޓުތައް ނިންމަން ޖެހޭ މުއްދަތަށް ނުނިމުނު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.