އައްޑޫ ސިޓީ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ރޭ ފަތިހު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް ބުނެފި އެވެ.
ހިތަދޫ މާކިޅީގައި އަލިފާން ރޯވެފައި ވަނީ އިއްޔެ ހަވީރު އެވެ. ނަމަވެސް އަލިފާން ކޮންޓްރޯލް ނުވެ ބޮޑު ސަރަހައްދަކަށް ވަނީ ފެތުރިފަ އެވެ.
އެމްއެންޑީއެފުން ބުނީ ހިތަދޫ މާކިޅިގައި ރޯވި އަލިފާން ރޭ ފަތިހު 4:00ގައި އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ. އެހެން ކަމުން މި އަލިފާންގަނޑު ނިއްވައިލެވިފައި މި ވަނީ ރޯވިތާ 12 ގަޑިއިރު ފަހުންނެވެ. އެ ސަރަހައްދު އަދިވެސް މޮނިޓާ ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ރޭ "ވަން" އަށް ވިދާޅުވީ އެ ސަރަހައްދުގައި ރޯވާން ދިމާވި ސަބަބެއް ނޭނގޭ ކަމަށެވެ. އަދި 12 ހެކްޓަރުގެ ބޮޑު އެ ސަރަހައްދުގެ ބޮޑު ބައެއްގައި އަލިފާން ރޯވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުވުމަށް އިލްތިމާސް ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ޝުއާއު "ވަން" އަށް މިއަދު ވިދާޅުވީ އަލިފާން ނިއްވާލުމަށް އެއާޕޯޓު ފަޔާގެ އެހީތެރިކަން ލިބުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކޮށްފައި ނުވާ ކަމަށެވެ.
އެއާޕޯޓު ފަޔާގެ އެހީތެރިކަން ލިބުމުން އަލިފާންގަނޑު އިތުރަށް ނުފެތުރި ކޮންޓްރޯލް ކުރެވުނު ކަމަށް ޝުއާއު ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ރޭ ކަރަންޓު ކެނޑުނު ނަމަވެސް މިއީ އަލިފާން ރޯވުމުގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ޝުއާއު ވިދާޅުވީ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުނީ އިންޖީނަށް ދިމާވި މައްސަލައަކުން ކަމަށެވެ. އަދި ކަރަންޓު ކެނޑުނުތާ މާގިނަ އިރެއް ނުވެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު