ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ކުރަމުން އަންނަ ދިވެހި ބޭސްވެރިކަމަކީ ދިވެހިންގެ ހުނަރުވެރިކަމާއި ގާބިލުކަމުގެ ވަރަށްވެސް ބޮޑު ހެއްކެކެެވެ. އަމިއްލަ ގައުުމުގެ މިފަދަ އުފެއްދުންތެރި ބިނާކުރުވަނިވި މަސައްކަތެއް ކުރެވޭކަމީ އިންތިހާއަށް ފަހުރުވެރިވުން ހައްގުކަމެއްވެސްމެއެވެ.
އިރެއްގައި، ދިވެހި ބޭސްވެރިއެކޭ ބުނެފިނަމަ ހިތަށާއި ސިކުނޑިއަށް ސިފަވާނީ ފަންސާހާ ގާތްވަމުން އަންނަ ނުވަތަ އެއަށްވުރެެވެސް އުމުރުން ދުވަސްވީ ކޮންމެވެސް ބެއެއް ނުވަތަ ދައިތައެކެވެ. އެހެންނަމަވެސް ތަރައްގީވެ ކުރިއަރަމުން އަންނަ ރާއްޖޭގައި މިއަދު މި މަސައްކަތްކުރަނީ އުމުރުން ދުވަސްވެފައި ތިބި މީހުންނެއް ނޫނެވެ. އެ އުމުރުގެ ބޭސްވެރިން ނެތޭ ބުނަނީއެއް ނޫނެވެ. އެކަމަކު މި ދާއިރާގައި ކުރިއަރަމުން އަންނަ ޒުވާނުން ފެންނަލެއް ގިނަވުމުން އެއިން ދޭހަކޮށްދެނީ މި ދާއިރާގެ ކުރިއެރުން އޮތްކަމެވެ.
ހަމައެހެންމެ، ރާއްޖޭގައި މިހާރަަކަށް އައިސް ޑޮކްޓަރީ ބޭސްވެރިކަމަށް ހުޅުވާލެވިފައި ހުންނަ ކުލިނިކުތަކެކޭ އެއްގޮތަށް ދިވެހި ބޭސްވެރިކަމަށް ހުޅުވާލެވިފައި ހުންނަ ކުލިނިކުތައް އިތުރުވަމުން އައުމަކީވެސް މި ދާއިރާއަށް އަދިވެސް ދިވެހިން ކުރާ އިތުބާރު ހާމަވާ ކަމެކެވެ.
އާންމުކޮށް ދިވެހިންގެ ތެރޭގައި އައްސިވުމަކީ ވަރަށް ވޭންހުރި، ގިނަފަހަރު ޑޮކްޓަރީ ފަރުވާއިންވެސް އެދެވޭ ހައްލެއް ނުލިބޭ ބައްޔެކެވެ. ހަމައެހެންމެ ހުޅުހުުޅުގައި ރިއްސުން، ރާއްޖެބަލި، ހުޅު ބިންދައިގެން ދިއުން، ގޭސްޓްރިކް ނުވަތަ ވައިގެ މައްސަލައާއި ނާރުގެ އެކި މައްސަލަތަކަކީ މިއަދުވެސް ޑޮކްޓަރީ ބޭހަށްވުރެ ދިވެހި ބޭހަށް އިތުބާރު ކުރެވޭ މައްސަލަތަކެކެވެ.
"އަތުގެ ހުޅު އައްސިވާތީ ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކާ ދައްކާ ހައްލެއް ނުލިބުނު. ނޭވާ ހިއްލުމާއި ކޮންމެވެސް ވަރަކަށް ގޭސްޓްރިކްވެސް ހުރޭ. ޑޮކްޓަރުން ބުނީ ނޭވާ ހިއްލާތީއޭ އައްސި ވަނީ. އެހެން ކިޔާ އެތައް ބޭހެއް ކެވުނު. ހައްލެއް ނުލިބި އުޅެނިކޮށް ރައްޓެއްސަކު ބުނީ ގަނދަކޯޅި ކުލިނިކަށް ދޭބަލާށޭ. އޭރު އޭނާ އަތުގައި ހުރި ނޭވާ ހިއްލުމަށް ރަނގަޅު ދިވެހި ބޭހެއްވެސް. މިހާރު އައްސިވުން ހަމަ މުޅިން ރަނގަޅު. ވައިގެ ކަންތައް މުޅިންހެން ރަނގަޅުވެއްޖެ،" ދިވެހި ބޭސްވެރިކަމަށް އިތުބާރުކުރާ، އެ ބޭސްވެރިކަމުގެ ތަޖުރިބާކުރި ސާޅީހަކަށް އަހަރުގެ އަންހެނަކު 'ވަން' އަށް ކިޔައިދިނެވެ.
ފަހަކަށް އައިސް ދިވެހި ބޭސްވެރިކަމުގެ ދާއިރާ ފުޅާވަމުން އަންނަކަން ފާހަގަކޮށްލެވެއެެވެ. ޒަމާނުއްސުރެވެސް ދިވެހި ބޭހުގެ 'ރުއްގަލު' ބޭހާއި ރާއްޖެ ބަލީގެ ތެލާއި، ކަކޫ ތެޔޮފަދަ އެތައް ބައިވަރު އެހެނިހެންވެސް ބޭސްތައް ތައްޔާރުކޮށް ވިޔަފާރީގެ ގޮތުގައި ނެރެމުން އަންނަ، ދިވެހި ބޭހުގެ ތަޖުރިބާ ހުރި ޑޮކްޓަރެއްގެ ލަފާމަތިން މަސައްކަތްކުރާ ހީވާގި ޒުވާން ޓީމަކާއެކު ދިވެހިބޭހުގެ ހިދުމަތް ދެމުން އަންނަ ޒުވާން އަންހެނަކު ފާހަގަކޮށްލަމެވެ.
"އަސްލު އަޅުގަނޑު މިކަމަށް ޝައުގުވެރިވެ މި މަސައްކަތް ފެއްޓީ އަޅުގަނޑުގެ ކާފަ މަރުމަތީ ކުރި ވަސިއްޔަތަކަށް ކަމޭ ހިތުމަށް. އެއްވެސް މީހަކު ކާފަ ނިމިދިޔަ ގޮތަށް އެ ހާލުގައި ނިމިދާން ބޭނުން ނުވާތީ،" 2020 ވަނަ އަހަރުގެ ޖޫން މަހުގެ 24 ގައި ރަސްމީކޮށް "ގަނދަކޯޅި ކުލިނިކު"ގެ ނަމުގައި ކުލިނިކެއްގެ ގޮތަށް ތަނެއް ރަޖިސްޓްރީ ކުރި ނަމަވެސް ދިވެހި ބޭސްވެރިކަމުގެ މަސައްކަތުގެ ތެރޭގައި އުޅޭތާ 12 އަހަރުވެފައިވާ، 'ގަނދަކޯޅި ކުލިނިކު'ގެ ވެރިޔާ ޝަފާ އިބްރާހީމް 'ވަން'އަށް މި މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް ކިޔައިދިނެވެ.
ޝަފާގެ ކާފަ ހުސެން އީސާ (މަޝްހޫރު ނަމުންނަމަ ދޮންއީސާ) މީގެ އަށް އަހަރު ކުރިން ނިޔާވީ ވާގިނެތި، ޕެރެލައިޒްވެފައި ވަރަށް ހާލު ދެރަވެގެންނެވެ. ކާފަ ކުރި ވަސިއްޔަތަކަށް ކަމޭ ހިތުމުގެ ގޮތުން މި މަސައްކަތް ފައްޓައިގެން ކުރިއަށް އައިސް މިހާރު ޝަފާގެ 11 އަހަރުގެ ދަރިފުޅުވެސް މި މަސައްކަތުގެ ތެރޭގައި އުޅެއެވެ. ހަމައެއާއެކު ކުރީގެ ފިރިމީހާވެސް ވާގިނެތުމުން ތެޔޮދެމުމަށް މީހަކު ގެނެސް، ތިން މަސްވުމުން އަމިއްލައަށް މަސައްކަތްކުރަން ފެށުމަކީ މި މަސައްކަތުގެ ތެރެއަށް ނުކުތުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ޝަފާ ބުންޏެވެ.
އަމިއްލައަށް މި ދާއިރާއިން މިހާރު ކިޔަވަމުން އަންނަ ޝަފް ކިޔައިދިން ގޮތުގައި ބޭސް ހަދަން އެނގުނަސް ކިޔަވައިގެން ނެތުމުން އެކަން ނުކުރަނީއެވެ. ނަމަވެސް 'ގަނދަކޯޅި ކުލިނިކު"ގެ މަސައްކަތްކުރަނީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މޮޅަށް އުނގެނިގެން ތިއްބެވި ފުންނާބު އުސް، ނުހަނު ގާބިލު ޑޮކްޓަރުންނާއި މުވައްޒަފުން ކަމަށް ޝަފާ މައުލޫމާތުދިނެވެ.
"އެންމެ އާންމު އެއް ބޭހަކީ ދިވެހިން ކިޔާ ގޮތުންނަމަ 'ރުއްގަލު' ބޭސް. މިއީ ދިވެހި ބޭހުގެ 'ޕްލާސްޓަރު'." އާންމުކޮށް މީހުން ފަރުވާ ހޯދަން އަންނަނީ ކޮންކޮން ކަންތަކަކަށްކަން ޝަފާ ކިޔައިދިނެވެ.
މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގައިވެސް ދިވެހި ބޭހުގެ މަސައްކަތް ކުރަމުން އަންނަ ހުނަރުވެރިން މަދެއް ނޫނެވެ. މިގޮތުން ގއ. ވިލިނގިލީގައި ދިވެހި ބޭހުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ބޭސްވެރިއެއްގެ ކުޅަދާނަކަމުގެ ވާހަކަ އަޑުއިވުމުން އެ މައުލޫމާތު އޮޅުންފިލުވުމަށް ވަން ގެ ޓީމުން މަސައްކަތްކުރި އެވެ. ސަބަބަކީ ރާއްޖެތެރޭގައި މިފަދަ މަސައްކަތެއް މިހާ ފުޅާ ދާއިރާއެއްގައި އަންހެނަކު ކުރަމުން އައުމަކީ ވަރަށްވެސް ބޮޑު ފަހުރަކަށް ވާތީއެވެ.
މި ބޭސްވެރިޔާގެ މަންމައަކީ މި ދާއިރާގައި ކުރިއްސުރެ އުޅެމުން އައި، މީހުންގެ މަގުބޫލުކަމާއި ރުހުން ނުހަނު ބޮޑަށް ލިިބިފައިވާ ދިވެހި ބޭސްވެރިއެކެވެ. މަންމަ ވަރަށްބޮޑަށް ބަލިވުމުގެ ސަބަބުން މިކަމުގައި މަންމައަށް އެހީތެރިވެ އަތްގާތްކޮށްދީ ހެދުމުގެ ތެރޭގައި މި މަސައްކަތުގެ ތެރެއަށް ވަދެވުނީ ކަމަށް 40 އަކަށް އަހަރުގެ ފާތުމަތު ޝިނާޒާ 'ވަން'އަށް މައުލޫމާތު ދެމުން ކިޔައިދިނެވެ. އެންމެ ފުރަތަމަ އާއިލާގެ މީހަކު ބަލިވެއްޖެނަމަ އެމީހާއަށް ބޭސް ހަދައިދީ އުޅެމުން އައިސް މަސައްކަތް ނުހަނު ބޮޑަށް މިވަނީ ފުޅާވެފައެވެ. ވޭތުވެދިޔަ 15 އަހަރުތެރޭގައި މިކަމުގެ ތެރޭގައި އުޅެމުން އައިސް މިހާރު ރާއްޖޭގެ އެކި އަތޮޅުތެރޭގެ ރަށްތަކަށްވެސް ބޭސް ފޯރުކޮށްދެމުން އަންނަ ކަމަށް ޝިނާޒާ މައުލޫމާތުދިނެވެ.
"ވައިގެ ބޭސް ވަރަށް ރަނގަޅު. އެންމެ ފާހަގަކޮށްލެވެނީ އެކޮޅުން ގެނައި އައްސި ބޭސް،" ހުވަދުއަތޮޅުން އޯޑަރުކޮށްގެން ޝިނާޒާގެ ބޭސްވެރިކަމުން ގެންނަ ބޭހާ ބެހޭގޮތުން ކިޔައިދެމުން ކ. ހިންމަފުށީ މީހަކު ބުންޏެވެ.
"ރާއްޖެ ބަލި އަބަދުވެސް ވަރަށް ބޮޑަށް ހުރޭ. އަނެއްކާ ދަރިފުޅުވެސް ވީ އެ ބަލީގެ ކުއްޖަކަށް. އޭރު އަދި މުޅިން މާލެ ބަދަލެއްނުވަން. މީހަކު ފޭސްބުކުގައި ޝެއާކުރި ޕޯސްޓަކުން ޝިނާޒާގެ ބޭސްވެރިކަން އެނގުނީ. ވަރަށްވެސް ރަނގަޅު. ހިއެއް ނުކުރަން މިހާ ފަސޭހަ ވާނެކަމަކަށް،"
ޝިނާޒާގެ ބޭސްވެރިކަމުން އެހީ ހޯދަމުން އަންނަ މީހުންގެ ތެރޭގައި ގިނައީ ރާއްޖެ ބައްޔާއި ބޮލުން ހޫނުއެރުން، ބޮލުން އިސްތަށި ފޭބުން ފަދަ ބޮލުގެ މައްސަލަތަކާއި އައްސިވުމުގެ މައްސަލަތަކާއި ހުޅުހުޅުގެ މައްސަލަތަކަށް ހައްލު ހޯދަން އަންނަ މީހުންނެވެ. އަދި ތެޔޮދެމުމަށް އަންނަ ތަފާތު މައްސަލަތަކުގެ މީހުންނެވެ. ބައެއް މީހުން އޯޑަރުކޮށްގެން ބޭސް ގެންގޮސްގެން އަމިއްލައަށް މަސާޖުކުރާ އިރު، އަނެއްބައި މީހުން ޝިނާޒާގެ ފަރާތުން މި ފަރުވާ ލިބިގަނެއެވެ. މިއިން ކޮންމެ މީހަކުވެސް ބުނަނީ ރާއްޖޭގައި ދިވެހި ބޭހުގެ ޑިމާންޑު އެބައޮތް ކަމަށެވެ. ދިވެހި ބޭހަށް މީހުން ކުރާ އިތުބާރުވެސް ވަކި ކުޑައެއް ނޫން ކަމަށެެވެ.
ދިވެހި ބޭސްވެރިކަމުގައި އުޅޭ މީހުންގެ ބޮޑު ކަންބޮޑުވުމެއް ވެސް އެބައޮތެވެ. އެއީ މާލޭގައި އަދި އަތޮޅުތެރޭގެ ބައެއް ހިސާބުތަކުގައިވެސް ތެޔޮދެމުމާއި ހާބަލްކެއާގެ ނަމުގައި ސެޓްފިކެޓް ބޭނުންކޮށްގެން ނޭދެވޭ އަމަލުތައް ކުރުމާއި ވަގު ވިޔަފާރިކުރުމެވެ. އެއީ މި ދާއިރާގައި އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް އެމީހުން ދެކެއެވެ.
"ދާއިރާއިން އާކުދިން، ޒުވާނުން ފެންނަން ވާވަރަށް ނުފެންނަނީ ދެކޭ ގޮތާ ހެދި. އެހެންވާން ޖެހެނީވެސް މީހުންގެ ކަންތައް ހުންނަ ގޮތުން،" ބޭސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ، މިހާރު އަމިއްލަ ގޭގައި ބޭސްވެރިކަމުގެ ކުޑަފިހާރައެއް ހިންގާ ފިރިހެނަކު ހިޔާލުފާޅުކުރިއެވެ.
މި ދާއިރާއަށް ސަރުކާރުގެ އެހީތެރިކަން ލިބުމަކީވެސް މިކަމަށް ބޭނުންވެފައި ތިބި އެންމެންގެވެސް ވަރަށް ބޮޑު އެދުމެކެވެ. ޗައިނާ، ޖަޕާނު، އިންޑިޔާ ފަދަ ގައުމުތަކުގައި އެމީހުންގެ ގައުމުގެ ފަތްޕިލާވެލިން އުފައްދާ ބޭހުގެ ބާވަތްތަކާއި އެތަކެތި ބޭނުންކޮށްގެން ހިންގާ ސަރުކާރު ހިއްސާވާ ކުލިނިކުތައް ފަދަ ތަންތަން ހުންނަ ފަދައިން ދިވެހިރާއްޖޭގައިވެސް ދިވެހި ބޭސްވެރިކަމުގެ އަމިއްލަ މަސައްކަތްތަކަށް ސަރުކާރުގެ ހިއްސާ އޮވެގެން އެހީ ލިބިގެން ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ކުރިއަށްދިއުމަކީ ގާތްގަނޑަކަށްހެން ހުރިހާ ދިވެހި ބޭސްވެރިންގެވެސް އުއްމީދީ އެދުމެކެވެ. އަދި އަދަބުވެރި އިލްތިމާސެއްވެސްމެއެވެ. ހަމައެހެންމެ މިއީ ހުރިހާ ދިވެހިންގެވެސް އެދުމަކަށް ވާނެކަން ގައިމެވެ.
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު