އައްޑޫ ސިޓީ ހިތަދޫގެ މާކިޅީގައި ރޯވެއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިރޭ "ވަން" އަށް ވިދާޅުވީ ހިތަދޫ މާކިޅީގައި ރޯވެފައިވަނީ މިއަދު ހަވީރު ކަމަށެވެ. އެ ސަރަހައްދަކީ 12 ވަރަކަށް ހެކްޓަރުގެ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގެ އެއް ފަޅީގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ކައުންސިލާއި އެމްއެންޑީއެފްގެ އިތުރުން އެއާޕޯޓް ފަޔާ ޓީމުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އަލިފާން ނިއްވާލެވޭނެ އިރެއް އަދިވެސް ނޭނގޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"ވަރަށް ބޮޑު ބައެއްގަ ވަނީ ރޯވެފަ. މިއީ ގާތްގަނޑަކަށް 10 ނުވަތަ 12 ހެކްޓަރުގެ ސަރަހައްދެއް. އެ ސަރަހައްދުގެ އެއް ފަޅީގައި މިވަނީ އަލިފާން ރޯވެފަ. އަލިފާން ނިއްވުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އަދިވެސް ނިއްވާލެވޭނެ އިރެއް ނޭނގެ ބުނާކަށް،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އަލިފާން ރޯވި ސަރަހައްދު ކައިރީގައި ދިރިއުޅެމުންދަނީ މަދު ބައެއް ކަމަށެވެ. އެގޮތުން ފަސް އާއިލާއެއް އެ ސަރަހައްދު ކައިރީގައި ދިރިއުޅެމުންދާ ކަމަށާއި އަދި އެ ސަރަހައްދު ދޫކޮށް، އެހެން ސަރަހައްދަކަށް ބަދަލުވުމަށް އެފަރާތްތަކަށް ކައުންސިލުން އިލްތިމާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ އެ ސަރަހައްދުގައި އަލިފާން ރޯވާން ދިމާވި ސަބަބު އަދި ދެނެގަނެވިފައިނުވާ ކަމަށެވެ.

މުޅި އައްޑޫ ސިޓީން މިވަގުތު ވަނީ ކަރަންޓުވެސް ކެނޑިފައެވެ. ނިޒާރު ވިދާޅުވީ އަވަހަށް ކަރަންޓު ދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ އައްޑޫ ސިޓީ ހިތަދޫގެ ސްޓޭޑިއަމް ބިއްދޮށުގައި އޮންނަ ވަލު ތެރޭގައި މިއަދު ހަވީރު 4:20 ހާއިރު އަލިފާން ރޯވެފައިވާ ކަމަށާއި އަލިފާންގަނޑު ވަރަށް ބޮޑަށް ވަލުތެރެއަށް ފެތުރިފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.