ކ. ގިރިފުށި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު މިއަދު އިފުތިތާހުކޮށްފިއެވެ.

މި މަޝްރޫއު އިފުތިތާހުކުރުމަށް ގިރިފުށީ ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ ސިފައިން ތަމްރީނުކުރާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑް ވެގެންދިއުމަކީ ދިވެހި ގައުމީ ދިފާއީ ބާރަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ.

މި މަޝްރޫއު ފެށިގެން ދިއުމަކީ ސިފައިންނަކީ ފަންނީ، ގާބިލު، ޕްރޮފެޝަނަލް އަދި ހުރިހާ ހާލަތަކާ ވެސް ކުރިމަތިލުމަށް ތަމްރީނު ލިބި، ތައްޔާރުވެފައިވާ "ފައިޓިން ފިޓް" ފޯސްއަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރަށް އަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގިރިފުށީ ބަނދަރުގައި މިހާރު ލާފައިވާ އެއްގަމު ތޮށްޓަކީ 1998 ވަނަ އަހަރު ލާފައިވާ ތޮށްޓެކެވެ. އަދި އޭގެފަހުން ގިރިފުށީ އެއްގަމު ތޮށީގައި 2002 ވަނަ އަހަރު ކޮންކުރީޓް ކެޕިން ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެއިރު ކަނޑުތޮށި ހަދާފައި ހުރީ ފަރުމަތިން ގާ ނަގައިގެން ތޮށިގަނޑެއް ހެދުމަށް ފަހު ފެންސްބައި ޖަހައިގެންނެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ގިރިފުއްޓަކީ ހުރިހާ ދިވެހިންނަށް ނަމޫނާ ދެއްކުމަށްޓަކައި ދިވެހި ސިފައިން ތައްޔާރުކުރާ މައި މަރުކަޒުކަމަށް ވާއިރު، މި މަރުކަޒަކީ ފުރިހަމަ އަދި ވަރުގަދަ ތަނަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންދާ އެމްޓީސީސީއަށް އެމްއެންޑީއެފްގެ މަސައްކަތެއް ކުރަން ލިބުމަކީ ލިބޭ ހާއްސަ ޝަރަފެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ދިވެހި ސިފައިންގެ މުއައްސަސާއިން އެދޭ މަސައްކަތްތައް އަދި ފްލެކްސިބަލް ފައިނޭންޝިން ޓާމްތަކުގައި ކޮށްދެވެން ހުރި ކޮންމެ ކަމެއް ވެސް ސިފައިންނަށް ކޮށްދިނުމަކީ އެމްޓީސީސީއަށް ލިބިގެންދާ އުފަލެއް ކަމަށެވެ.

އާޒިމް ވަނީ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު އަންނަ ޖުލައި މަހުގެ ކުރިން ނިންމައި ޑިފެންސް މިނިސްޓްރީއާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 145 ދުވަސްތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން 268 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ އިތުރުން 46 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.