ޖަޕާން ސަރުކާރުން ރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާ ކުރުމުގެ ގްރާންޓް ކޮންޓްރެކްޓެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޖަޕާން ސަރުކާރުން "ގްރާންޓް އެސިސްޓެންޓް ފޯރ ގްރާސް ރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް" ގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރަން އެއްބަސްވެފައިވަނީ 2،453،800 ރުފިޔާގެ އަގުހުރި 8 އެމްބިއުލާންސް އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ. ޝާހް އަބްދުﷲ މާހިރުއެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ތަކެއުޗި މިދޮރި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ގްރާންޓް ކޮންޓްރެކްޓްގެ ދަށުން ރާއްޖެއަށް ލިބުމަށް ހަމަޖެހިފައިވާ ރީކޮންޑިޝަންޑް އަށް އެމްބިއުލާންސް އަކީ އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމެންޓްތަކާއެކު ހަދިޔާކުރެވޭ އެމްބިއުލާންސްތަކެއް ކަމަށެވެ. އަދި އެ މެޑިކަލް އިކުއިޕްމެންޓް ތަކުގެ ތެރޭގައި އެޑްވާންސް ލައިފް ސަޕޯޓް ބޭގް އާއި އޮކްސިޖަން ފުޅިއާއި، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުންނާއި ރާއްޖޭގެ ސިއްހީ ދާއިރާގެ އިމަޖެންސީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފޯރުކޮށްދޭ މި އެމްބިއުލާންސް ތަކަކީ ރާއްޖެތެރޭގެ ހަ ރަށަކާއި މާލެ ސަރަހައްދުގެ އިމަޖެންސީ ހިދުމަތް އިތުރަށް ފުރިހަމަކުރަަން ހަދިޔާ ކުރެވޭ އެމްބިއުލާންސް ތަކެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ޑރ. ޝާހް އަބްދުﷲ މާހިރު ވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް މެނދުކެނޑުމެއްނެތި ފޯރުކޮށްދެމުން އަންނަ އެހީތައް ފާހަގަކުރައްވައި ޝުކުރު ދަންނަވާފައެވެ.