މަތީ ތައިލީމާއި ތަމްރީންތައް ހޯދައިދިނުމުގެ ފުރުސަތުތައް ހޯދައި ދޭން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 720 ފުރުސަތު ހުޅުވާލައިފި އެވެ.

ލޯން ސްކީމަށް ހުޅުވާލާފައިވަނީ ހަޔާ އެޑިއުކޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި ލޯނަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިފަހަރު ލޯނު ސްކީމުގެ ދަށުން މުޅިން އަލަށް ކިޔަވާ ދަރިވަރުންނަށް 417 ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަދި މިހާރުވެސް އެ ސްކީމުގެ ދަށުން ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ލޯނު ސްކީމުގައި ރާއްޖެއިން މާސްޓާސް ތައުލީމު ހާސިލު ކުރުމަށް ވެސް ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ކުރިންވެސް ދައްކަމުން އައި އެޑްމިނިސްޓްރޭޝަން ފީތައް އަޅުގަނޑުމެންވާނީ ފަސް ޕަސެންޓުން ތިން ޕަސެންޓަށް ކުޑަކޮށްފަ. މިހާރު މި އަހަރުގެ ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމަށް އަޅުގަނޑުމެން ހުޅުވާލި އިރު އެޑްމިނިސްޓްރޭޝަން ފީ ތިން ޕަސެންޓުން އެއް ޕަސެންޓަޡް އަޅުގަނޑުމެން ވާނީ ކުޑަ ކޮށްފައި." އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު ފަހަކުން ފެށިގެން ފެންވަރު 10ގެ ނިޔަލަށް ކިޔެވުމަށާއި ލައިސަންސް ހޯދުމަށް ވެސް ލޯނު ލިބޭނެ ކަމަށެވެ. އަދި ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ފުދުންތެރިކަން ނެތް ދަރިވަރުންނަށްވެސް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވަލާފައިވާކަން ވަނީ މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ސްޓޫޑެންޓު ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މަތީ ތައުލީމުގެ އުސް ހަރުފަތަކީ ހުސްވާ އެއްޗެއް ނޫން ކަމަށާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ 1,500 އަށްވުރެ ގިނަ ދަރިވަރުންނަށް، 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯނު ދޫކޮށްފައިވާ ކަމަށެވެ.

މިކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަންދިން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.