ސޮވްރިން ޑިވްލޮޕްމަންޓް ފަންޑުގެ ބޭންކް ބެލެންސްގައި ހުންނަ އަދަދަކީ އިންވެސްޓްތައް ކުރުމަށް ފަހު ހުންނަ އަދަދު ކަމަށާއި އިންވެސްޓްމެންޓްތަކުން އެ ފަންޑު ދާނީ އިތުރުވަމުން ކަމަށް ދައުލަތުގެ މާލިއްޔަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސޮވްރިން ޑިވްލޮޕްމަންޓް ފަންޑަކީ ގައުމުގެ އިގްތިސޯދަށް ކުރިމަތިވެދާނެ ކުއްލި ހާލަތަކަށާއި، އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. މި ފައިސާ ޖަމާ ކުރަނީ 2017 ވަނަ އަހަރުން ފެށިގެން ވެލާނާ އެއާޕޯޓުން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ސޮވްރިން ފަންޑަށް ފައިސާ ޖަމާކުރުމުގެ ސުންގަޑި ހަމަވީ 28 ޖެނުއަރީއަށް ކަމަށާއި، މިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ ހަފުތާގެ މާލީ ހިސާބުތައް އާއްމުކޮށްފައި ވަނީ 27 ޖެނުއަރީ އާ ހަމަޔަށް ލިބިފައިހުރި ތަފާސް ހިސާބުތަކަށް ބިނާކޮށް ކަމަށެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް އެ ފަންޑަށް ފައިސާ ޖަމާކުރި އަދަދު އެ ތަފާސް ހިސާބުތަކުން ނުފެންނާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގައި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑު އެކައުންޓުގައި ހުރި 700 މިލިއަން ރުފިޔާ އަކީ ލިކުއިޑިޓް ކޭޝް ކަމަށާއި، އެ ފަންޑުގެ ބޮޑު ބައެއް ވާނީ ފިކްސްޑް ޑިޕޮސިޓް ފަދަ އިގްތިސޯދަށް އިތުރުވާނެ ކަމަށް ބެލެވޭ ކަންތައްތަކުގައި އިންވެސްޓް ކޮށްފައި ކަމަށެވެ. އަދި ދޭތެރެ ދޭތެރެއިން އެފަދަ އިންވެސްޓްތައް ސޮވްރިން ފަންޑުން ކުރާނެ ކަމަށާއި އެހެން ކަމުން ބޭންކު ބެލެންސްގައި ފަަންޑު ހުރި އަދަދު މަދުވިޔަސް އެ ފަންޑުގެ ޖުމުލަ އަދަދު ދާނީ އިތުރުވަމުން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މި ފަންޑުގެ ބޭންކް ބެލެންސްގައި މިހާރު ހުރީ 710.7 މިލިއަން ރުފިޔާ އެވެ. މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ އަހަރުގެ ޑިސެމްބަރު 23ގެ ނިޔަލަށް އެސްޑީއެފް ފަންޑަށް 990.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރު އެ ފަންޑަށް ޖަމާކުރާނެ ކަމަށް އަންދާޒާ ކުރީ އަދަދަށްވުރެ 461.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި 2020 ވަނަ އަހަރު އެ ފަންޑަށް ޖަމާކުރީ 377.0 މިލިއަން ރުފިޔާ އެވެ.

މި އަހަރަށް ފާސް ކުރި ބަޖެޓުގައި ވާ ގޮތުން ސޮވްރިން ޑިވްލޮޕްމަންޓް ފަންޑަށް މިއަހަރު 769.2 މިލިއަން ރުފިޔާ ޖަމާވާނެއެވެ. އަދި މި ފަންޑަށް އަންނަ އަހަރު 874 މިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރު 960 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް ވެސް މިނިސްޓްރީން އަންދާޒާ ކޮށްފައިވެ އެވެ.