އަވަށްޓެރި ސްރީލަންކާގެ ވެއްލަވައްތަ ބީޗުން މިދިޔަ ހޮނިހިރު ދުވަހު ފެނުނު ހަށިގަނޑާއި ހަމަ އެ ބީޗުގެ އެހެން ސަރަހއްދަކުން މަރުވެފައި އޮއްވާ ފެނުނު ދިވެހި ޒުވާނާގެ މަރާ ގުޅުމެެއް އޮތް ކަމުގެ ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ލަންކާ ޕޮލިހުން ބުނެފި އެވެ.

ލަންކާގެ ވެއްލަވައްތަ ބީޗުގައި މަރުވެފައި އޮއްވާ ފެނުނީ ދ. މީދުއަށް އުފަން އުމުރުން 24 އަހަރުގެ އަފްހާމް ނަސީރެވެ. ހަމަ އެ ބީޗުގެ އެހެން ދިމާލަކުން މަރުވެފައި އޮތް އިތުރު މީހެއްގެ ހަށިގަނޑުވެސް ވަނީ ފެނިފަ އެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްގެ ހަށިގަނޑެއްކަން މިހާތަނަށް ދެނެގަނެވިފައި ނުވެ އެވެ.

ލަންކާގެ ސީނިއާ ޑީއައިޖީ، އިންޗާޖް އޮފް ކްރައިމްސް އޮފް ޓްރެފިކް ރޭންޖު އަދި ލަންކާ ފުލުހުންގެ އިސް ތަރުޖަމާނު އަޖިތު ރޯހާނާ "ވަން" އަށް މިއަދު ވިދާޅުވި ހޮމނިހިރު ދުވަހު ލަންކާގެ ވެއްލަވައްތަ ބީޗުން ދެން ފެނުނު ހަށިގަނޑާއި އަފްހާމްގެ މަރާ އެއްވެސް ގުޅުމެއް އޮތް ކަމުގެ ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

އަޖިތު ވިދާޅުވީ އެއީ މުޅީން ތަފާތު ދެ މަރެއް ކަމަށް މިހާތަނަށް ބެލި ބެލުުމުން އެނގޭ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އިތުރަށް އެއްޗެއް ވިދާޅުވާން ވިވަގުތު ދަތިކަމަށް އޭނާ ވިދާޅުވި އެވެ.

ފުން އަދި ބޮޑެތި ޒަހަމްތަކާއެކު އަފްހާމްގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން އަންނަނިކޮށެވެ. އޭނާ ގެއްލިގެން ލަންކާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހުކުރު ދުވަހުގެރޭ 10:30ގަ އެވެ. މި މައްސަލައާ ގުޅިގެން ތިން މީހަކާ ސުވާލުކޮށްފައިވާއިރު އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.

އަޖިތު ވިދާޅުވީ މި ތން މީހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު، އަފްހާމް ހުރީ ދިރިއުޅުމުގެ ކަންތައްތަކަކާމެދު ހިތްހަމަ ނުޖެހިފައި ކަން އެނގިފައިވާ ކަމަށެވެ. ސުވާލު ކުރި ތިން މީހުންގެ ތެރޭގައި އަފްހާމްގެ ދިވެހި ލޯބިވެރިޔާ އާއި އޭނާ ލަންކާގައި ދިރިއުޅޭ ގޭގެ ދިވެހި ފިރިހެނަކާއި ލަންކާ މީހަކު ހިމެނެ އެވެ.

އަފްހާމް އަމިއްލައަށް މަރުވީ ކަމެއް ނުވަތަ އޭނާ މަރާލީކަމެއް ސާފުވާނީ އޭނާގެ ޕޯސްޓު މޯޓަމް ހެދުމުން ކަމަށް އަޖިތު ވިދާޅުވި އެވެ. އެހެން ކަމުން އޭނާގެ ޕޯސްޓު މޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް އޭނާގެ އާއިލާގެ މީހެއް ހާޒިރުގައި އެކަން ކުރުމަށް ބޭނުންވާތީ ޕޯސްޓް މޯޓަމް ހެދުން ލަސްވެފައިވާ ކަމަށެވެ.

"އަފްހާމްގެ އާއިލާ މީހަކު މިއަދު އައިސިއްޔާ މިއަދު މެންދުރު ފަހުން ޕޯސްޓް މޯޓަމް ހަދާނެ. އެކަމަކު މިރޭ އައިސިއްޔާ މާދަމާ ހެނދުނު އެކަން ވާނީ. އާއިލާ މީހެއްގެ ހާޒިރުގަ ޕޯސްޓް މޯޓަމް ހެދޭނީ." އޭނާ ވިދާޅުވި އެވެ.

އަޖިތު އިތުރަށް ވިދާޅުވީ އަފްހާމްގެ ހަށިގަނޑު ރާއްޖެ ގެންދަން އާއިލާއިން ބޭނުންވާނަމަ އެކަން ވާނެ ކަމަށާއި ނަމަވެސް މިހާތަނަށް އާއިލާއިން އެކަމަށް އެދިފައި ނުވާ ކަމަށެވެ. އަދި އާއިލާއިން ބޭނުންވިޔަސް ހަށިގަނޑު ގެންދެވޭނީ ލަންކާގެ ކޯޓުތަކުން އެކަމަށް ހުއްދަ ދިނުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަފްހާމަކީ 2019 ވަނަ އަހަރުން ފެށިގެން ލަންކާގައި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ތައުލީމު ހާސިލް ކުރަމުން އަންނަ ޒުވާނެކެވެ.