Close
އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ. - 3

އަބްދުﷲ ފާރޫގް ހަސަން

(31 ޖެނުއަރީގެ އަދަދާ ގުޅޭ)

އަމީރެއްގެ ނުވަތަ އިމާމެއްގެ ނުވަތަ ޚަލީފާއެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ اللّــه ގެ ޙުކުމްފުޅުތަކާއި ޤާނޫނުތައް މުޅިދުނިޔޭގައި ހިންގައިލެއްވުމެވެ. އެއީ އިސްލާމީ ދައުލަތުގެ ދާޚިލީ ސިޔާސަތެވެ. މުޅިދުނިޔެއަށް އިސްލާމްދީން ތަޢާރުފުކުރައްވައި ތަބްލީޣު ކުރެއްވުމަށްޓަކައި ދައުލަތުގެ އިންތިޒާމުތައް ވަރުގަދަކުރެއްވުމެވެ. މިއީ އިސްލާމީ ދައުލަތެއްގެ އެންމެ މުހިންމު މަސްއޫލިއްޔަތެވެ. ދައުލަތުގެ ޚާއްޞަ ޚާރިޖީ ސިޔާސަތެވެ. މުސްލިމުންގެ އަމީރަކީ ދައުލަތުގެ އިސްވެރިޔާއެވެ. ކާއިނާތުގެ ވެރިރަސްކަލާނގެ ނިޔާބަތާއި ޚިލާފަތުގެ ތާޖު އެބޭފުޅެއްގެ އިސްތަށިފުޅުގެ ޒީނަތެއްކަމުގައިލެއްވީ އެމަޤްޞަދަށްޓަކައެވެ. އަމީރުގެ ހިތްޕުޅުގައި އޭނާޔާ ހަވާލުވެވިފައިވާ މަސްއޫލިއްޔަތާމެދު ޚިޔާލުކުރެއްވުމެއް ނެތިއްޖެކަމުގައިވާނަމަ އެބޭފުޅަކުވާނީ އިސްލާމީ ދައުލަތެއްގެ ޚިލާފަތުގެ މަޤްޞަދު ހަނދުމަފުޅު ނައްތައިލައްވައިފި ބޭފުޅަކު ކަމުގައެވެ.

އިސްލާމީ ދައުލަތުގެ ރައްޔިތުންކަމުގައިވާ އަހުލުކިތާބީންނަށާއި، ޣައިރުމުސްލިމުންނަށްވަނީ އެބައިމީހުންގެ ދީނަށް ޢަމަލުކުރުމުގެ މިނިވަންކަން ލިބިފައެވެ. އެބައިމީހުންގެ ކާވެންޏާއި ވަރީގެ މުޢާމަލާތައް އެބައިމީހުންގެ ދީނާ އެއްގޮތަށް ކުރިޔަށް ގެންދެވޭނެއެވެ. އެބައިމީހުންގެ ޢަޤީދާއާއި އަޅުކަމުގައި އެބައިމީހުންނަކީ މިނިވަނުންނެވެ. އެކަމަކު ޢުޤޫބާތުތަކާއި ތައުޒީރާތުގެ ނިޒާމު އޮންނާނީ މުސްލިމުންނެކޭ އެއްފަދައިންނެވެ. އާދެ، ކުށްކުށަށް އަދަބު ލިބުމުގައި ހުރިހައި ރައްޔިތުން ހަމަހަމަވާނެއެވެ.

1. އަމީރެއްގެ އެންމެފުރަތަމަ ޝަރުޠަކީ ނުވަތަ އަމީރެއްގެ ކިބައިގައި ހުރުން އެންމެ ލާޒިމު ސިފައަކީ އެބޭފުޅަކީ ވެރިކަމުގެ މަގާމަށް ދަހިވެތިވެވަޑައިގަންނަވާ ބޭފުޅަކު ކަމުގައި ނުވުމެވެ. ވެރިކަމުގެ މަގާމަށް ދަހިވެތިވެވަޑައިގެން އޭނާ އަމިއްލަފުޅަށް ނުވަތަ އޭނާއަށް ތާއީދުކުރާ މީހުންލައްވައި އެމަގާމު ހޯއްދަވާން މަސައްކަތްކުރައްވަމުން ގެންދަވާކަމުގައިވާނަމަ އެބޭފުޅަކުވާނީ އެމަގާމަށް އަހުލުވެރި ނޫން ބޭފުޅަކު ކަމުގައެވެ.

ކައުސާހިބާ صلّــى اللّــه عليـه وسلّـم ޙަދީޘުކުރައްވައިފައިވެއެވެ. "މާތް اللّــه އަށްޓަކައި ވިދާޅުވަމެވެ. އަހުރެންގެ ސަރުކާރުގެ މަގާމަކަށްއެދި ހުށަހަޅައިފި ނުވަތަ މަގާމަކަށް ދަހިވެތިވާ މީހަކު އަހުރެން އެމަގާމަކަށް ޢައްޔަނެއް ނުކުރާހުށީމެވެ. (ބުޚާރީ، މުސްލިމް)

ކައުސާހިބާގެ އެހެން ބަސްފުޅެއްގައިވެއެވެ. "އަހުރެންގެ ގާތުގައި ތިޔަބައިމީހުންކުރެ އެންމެ ބޮޑު ޚިޔާނާތްތެރިޔަކީ ތިމާ އަމިއްލަޔަށް މަގާމަކަށް އެދުންވެރިވާ މީހާއެވެ." (އަބޫދާއޫދު)

أبــو ذرّ الـغـفــارى رضى اللّــه عـنــه ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ އަރިހުން މަގާމަކަށް އެދިވަޑައިގެންނެވުމުން އެކަލޭގެފާނަށް ނަސޭހަތްދެއްވަމުން ޙަދީޘްކުރެއްވިއެވެ.

"އޭ أبــو ذرّ އެވެ! ކަލޭގެފާނަކީ ބަލިކަށިފުޅު ބޭކަލަކީމުއެވެ. މިމަގާމުތަކަކީ އަމާނަތެކެވެ. މިކަންތައްވާހުށީ ޤިޔާމަތްދުވަހުން ހިތާމަކުރައްވާން ޖެހިވަޑައިގެންނެވުމާއި، ފަޟީޙަތްވެވަޑައިގެންނެވުމުގެ ސަބަބެއް ކަމުގައެވެ."

ކައުސާހިބާގެ އެހެން ބަސްފުޅެއްގައިވެއެވެ. "އަމީރުކަމުގެ މަގާމަށް އިސްކުރެވޭ މީހާއަކީ އެންމެ ބުރަދަންހުރި ހިސާބެއް ދައްކާންޖެހޭނެ މީހާއެވެ. އެންމެބޮޑަށް ޢަޒާބު ލިބުމުގެ އެކަށޭނަކަން އޮންނަ މީހާއެވެ."

މިމާތް ޙަދީޘުފުޅުތަކަށް ވިސްނުން ހިންގައިލުމުން އެނގެނީ އަމީރުކަމަށް ހޮވޭ މީހާއަކީ މުބާރިކުބާދު އަދާކުރުން ޙައްޤު މީހެއް ނޫންކަމެވެ. އަދި ކީއްތޯއެވެ. މުބާރިކުބާދު އަދާކުރުން ޙައްޤު މީހަކީ އަމީރުކަމަށް ނުހޮވުނު މީހާކަމެވެ. ކަންމިހެން ހުރުމާއެކުވެސް ބައެއްފަހަރު ޙާލަތު ނިޔާކުރާގޮތުން މިކަމުގައި އިސްތިސްނާ ޙާލަތެއްވެސް ކުރިމަތިވެދެއެވެ. ކަންދިމާވާގޮތަކުން ޤައުމެއްގެ ކަންތައް އަގަޑުބަގަޑުވެ ބޮއްސުންލައިގެންދާހިނދު ތިމާގެ ކިބައިގައި އެކަންކަން ހަމަމަގަށް އަޅުވައި ޤައުމު އިޞްލާޙުކުރުމުގެ ޤާބިލުކަން އެބަހުރިކަން އިޚްލާޞްތެރިކަމާއެކު ޔަޤީންވާ މީހާޔަށް ތިމާގެ ނަފްސު މަގާމަކަށް ހުށަހެޅިދާނެއެވެ. އެކަމަށްޓަކައި އިސްނަގައިގެން ކުރިޔަށް ނުކުމެވިދާނެއެވެ. އަދި ކީއްތޯއެވެ. އެފަދަ ޙާލަތުގައި ޤާބިލު މީހުން މަތިފަޑިމަތީގައި ބަލަހައްޓައިގެން ތިބެގެން ނުވާނެއެވެ. ތައްޓުމައްޗަށް ފައިބައި ޤައުމުގެ ނައު ފެތުނަ ނުދިނުމަށްޓަކައި ޢަމަލީގޮތުން ކުރިމަތިލާން ޖެހޭނެއެވެ. އެހެން ނަހަދައިފިނަމަ އެކަމާ ސުވާލުވެވޭނެއެވެ.

ކީރިތި ޤުރްއާނުގެ يــوسف ســورة އިން އަޅުގަނޑުމެންނަށް އެކަމުގެ ދަލީލު ލިބެއެވެ. އެމާތް ސޫރަތުން އެނގޭގޮތުގައި މިސުރަށް ހަނަފަސްކަމާއި ތަދުމަޑުކަމުގެ އަހަރުތައް ކުރިމަތިވެ އިޤްތިޞާދު ބޮއްސުންލައިގެން ދިޔަހިނދު يــوسف عـليــه السّـلام މިސުރުގެ ރަސްގެފާނުގެ އަރިހަށް އެކަލޭގެފާނުގެ ޚިދުމަތް ހުށަހެޅުއްވިއެވެ. يــوسف ގެފާނަކީ އަރަހުށި މާތް اللّــه ނުހަނު މަތިވެރި ޤާބިލިއްޔަތެއް ދެއްވައިފައިވާ ބޭކަލެކެވެ. ހިންގެވުންތެރިޔެކެވެ. ރޭއްވެވުންތެރިޔެކެވެ. އިޤްތިޞާދީ މާހިރެކެވެ. يــوسف عـليــه السّـلام މިސުރުގެ ރަސްގެފާނުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

"އެކަލޭގެފާނު ވިދާޅުވިއެވެ. (މިސުރުގެ) ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ." (يــوسف: 55)

2. އަމީރުގެ މައްޗަށް ލާޒިމުވަނީ ޚުދު އޭނާގެ އިންތިޚާބުވެސް ޤައުމުގެ މޮހުމާއި ގޮށްޖެހުމުގެ އަހުލުވެރީންގެ މަޝްވަރާއާއެކު އުސޫލުތަކާ އެއްގޮތަށް ކުރިޔަށް ގެންދެވުމެވެ. ޤައުމުގެ ހުރިހައި އިޖްތިމާޢީ މުޢާމަލާތުތަކެއްގައި ޚުދު އޭނާ އިސްނަންގަވައިގެން މަޝްވަރާގެ އަހުލުވެރީންނާ ސައްލާކުރެއްވުން އާދަކުރެއްވުމެވެ. އިޖްތިމާޢީ އެއްވެސްކަމެއް މަޝްވަރާއާ ނުލައި ނުނިންމެވުމެވެ. މަޝްވަރާގައި އަކްސަރިއްޔަތު ލިބޭގޮތަކަށް ފުރިހަމަޔަށް އަހަންމިއްޔަތު ދެއްވުމެވެ. އެހެނީ އެކެއްގެ އަތްމައްޗަށް ބާރުތައް ޖަމާވުމަކީ އަމިއްލަ ބޮޑާކަމާއި ޝަހުވަތްތެރިކަމާއި ޢައްޔާޝީކަމާއި އަމިއްލަ ފައިދާ ހޯދުން ޢާންމުވާނެ ކަމެކެވެ.

3. ޢަދުލުއިންޞާފު ޤާއިމުކުރެއްވުމާއި ދައުލަތުގެ ކަންކޮޅުތަކުގައި ޖަމާޢަތުގައި ނަމާދުކުރެވޭނެ މަގު ތަނަވަސްކުރެއްވުމާއި ހުރިހައި ތަނެއްގައިވެސް ދީނީ ދަޢުވަތު ދެއްވަމުން ގެންދެވުމަކީ އަމީރުގެ އެންމެ އިސްމަޤްޞަދު ކަމުގައި ހައްދަވާން ޖެހިވަޑައިގަންނަވާނެއެވެ. ކީރިތި ޤުރްއާނުގައި އިރްޝާދު ދެއްވައިފައިވަނީ އަންނަނިވި ފަދައިންނެވެ.

"އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ ޢަދުލަށް ޙުކުމް ކުރުމަށްވެސް އަމުރުކުރައްވަތެވެ." (ســورة الـنّسـاء: 58)

ކައުސާހިބާ صلّــى اللّــه عليـه وسلّـم ޙަދީޘްކުރައްވައިފައިވެއެވެ. "އަހުރެންނަށް އަމުރުވެވިގެންވަނީ ތިޔަބައިމީހުންގެ މެދުގައި ޢަދުލުވެރި ވުމަށެވެ."

އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم މަދީނާގައި އިސްލާމީ ދައުލަތެއް ޤާއިމުކުރެއްވުމަށްފަހު އެންމެ އިސްކަމަކަށް ހެއްދެވީ ދުނިޔޭގެ ރަސްރަސްކަލުންނަށް ދަޢުވަތުގެ ސިޓީފުޅުތައް ފޮނުއްވުމެވެ. އިސްލާމީ ދަޢުވަތަކީ އިސްލާމީ ދައުލަތުގެ ޚާރިޖީ ސިޔާސަތުގެ ބިންގަލެވެ.

އަރަހުށި މާތް اللّــه ބިމުގައި މުސްލިމުން ބާރުވެރިކުރެއްވުމުގެ މަޤްޞަދެއްކަމުގައި އަންގަވައިފައިވަނީ ނަމާދު ޤާއިމުކުރުމާއި ޒަކާތް ނެރުމާއި މުންކަރާތްތައް ނަހީކޮށް ހެޔޮކަންކަމަށް އަމުރުކުރުމެވެ. މި ބަސްފުޅުތަކުގެ މުރާދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އިސްލާމްދީނުގެ ދަޢުވަތު ދިނުމެވެ. އޭގެތެރޭގައި އިސްލާމީ ޔުނިވަރސިޓީތައް އުފެއްދުމާއި ސައިންސާއި ފަންނިއްޔާތު ކިޔަވައިދޭ ޔުނިވަރސިޓީތައް އުފެއްދުންވެސް ހިމެނެއެވެ. އަމީރު މިކަންކަމަށް ޚާއްޞަ ޑިޕާޓްމަންޓުތައް އުފައްދަވާންވާނެއެވެ. ކޮންމެ ޑިޕާޓްމަންޓަކަށްވެސް އެދާއިރާއެއްގެ ޚާއްޞަ ޚަބީރުން ޢައްޔަންކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ. އެބަޔަކު ވާންޖެހޭނީ އަމުރުކުރުމާއި އަދަބުދިނުމުގެ އިޚްތިޔާރުވެސް ލިބިފައިވާ އޮފިސަރުން ކަމުގައެވެ.

4. އަމީރެއްގެ މުހިންމު ވާޖިބުތަކުގެ ތެރޭގައި މުސްލިމުންގެ މުދަލާއި ފުރާނަޔާއި ޢިއްޒަތާއި އަބުރު ރައްކާތެރިކުރެއްވުމުގައި ކުޑަކޮށްވެސް ޣާފިލުވެވަޑައިނުގެންނެވުން ހިމެނެއެވެ.

ކައުސާހިބާ صلّــى اللّــه عليـه وسلّـم ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"ހަމަކަށަވަރުން ތިޔަބައިމީހުންގެ ފުރާނަޔާއި (ލެޔާއި) މުދަލާއި އަބުރު ވަނީ ޙުރުމަތްތެރިވެގެންނެވެ. ތިޔަބައިމީހުންގެ މިދުވަސް (ޔަޢުނީ ޙައްޖު ދުވަސް) ޙުރުމަތްތެރިވެގެންވާ ފަދައިންނެވެ."

ދުނިޔޭގެ ކަންކޮޅުތަކުގެ ތެރެއިން އެއްވެސް ކަންކޮޅެއްގައި އަނިޔާލިބި ޙައްޤުތަކުން މަޙްރޫމް ކުރެވިފައިވާ މުސްލިމަކު ހުއްޓަނުދެއްވާން މަސައްކަތްކުރެއްވުމަކީ މުސްލިމުންގެ އަމީރުގެ ވާޖިބެކެވެ. މުސްލިމުންގެ އެއްވެސް ބިމަކަށް ބަޔަކު ޣަޞްބުން ވެރިވިޔަނުދެއްވުމަށާއި މުސްލިމް އެއްވެސް ޤައުމަކަށް ހިލޭބަޔަކުގެ ޙަމަލައެއް އަމާޒުވިޔަ ނުދެއްވާންވެސް މުސްލިމުންގެ އަމީރު މަސައްކަތް ކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ. (ފުރައްދެކަރައެއްގެ ބަޔަކަށް ޤައުމަށް ވެރިވެގަނެވޭގޮތަށް ކަންކަން ރޭވުމަކީ މި އުސޫލާ ފުށުއަރާކަމެކެވެ.)

ألإمــام مسـلـم ރިވާކުރައްވައިފައިވާ ޙަދީޘްފުޅެއްގައިވެއެވެ.

"ޙާކިމަކު ނުވަތަ އަމީރަކު މުސްލިމުންގެ ވެރިކަމުގެ އެއްވެސް މަސްއޫލިއްޔަތަކާ ޙަވާލުވުމަށްފަހު ތިމާގެ ޒިންމާ އަދާކުރާން ޤުރްބާނީ ރޫޙުގައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ނުކޮށްފިނަމަ ފަހަރެއްގައިވެސް އެމީހަކަށް މުސްލިމުންނާއެކު ސުވަރުގެއަކަށް ނުވަދެވޭނެއެވެ."

އަމީރު ވަފާތެރިކަމާއި ހުސިޔާރުކަމާއެކު އޭނާގެ ވާޖިބުތައް އަދާކުރައްވާންވާނެއެވެ.

5. އަމީރެއްގެ މުހިންމު އެއްވާޖިބަކީ ޚުޝާމަދުކޮށް ވައިއަޅުވާ މީހުންނާއި އާދެ މަސާހިބު ދަންނަވާ މީހުންގެ ބައިބައިގަނޑު އޭނާގެ ވަށައިގެން އެއްނުކުރެއްވުމެވެ. ކަންޒުލް ޢުއްމާލުގައި ބަޔާންކުރައްވައިފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. "ޙާކިމަކު ނުވަތަ އަމީރަކު ރުއްސުމަށްޓަކައި އެމީހެއްގެ ރައްބު ރުހިވޮޑިނުގަންނަވާނެ ބަހެއް ބުނެފި މީހާ اللّــه ގެ ދީނުން ބޭރަށް ނުކުމެއްޖެއެވެ."

6. މުސްލިމުންގެ އަމީރު ނުވަތަ ޙާކިމުގެ ވަރަށް މުހިންމު ސިފައެކެވެ. އޭނާ ފާޑުކިޔުމާ ތަންޤީދުކުރުން ހަމައެކަނި ބަރުދާސްކުރައްވާނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ އޭނާ އެކަމަށް ހިތްވަރު ދެއްވާންވާނެއެވެ.

أميـــرالمـؤمـنــيـن عـمــربــن الخطّــاب رضى اللّــه عنــه ވަނީ އެކަލޭގެފާނުގެ ޝޫރާ މަޖިލީހެއްގައި ވިދާޅުވެފައިވެއެވެ. "ތިޔަބޭކަލުންކުރެ އަޅުގަނޑާ ޚިލާފުވެވަޑައިގަންނަވާނެ ބޭކަލަކު ޚިލާފުވެވަޑައިގަންނަވާށެވެ. އެއްބަސްވެވަޑައިގަންނަވާން ބޭނުންފުޅު ބޭކަލަކު އެއްބަސްވެވަޑައިގަންނަވާށެވެ. ތިޔަބޭކަލުން އަޅުގަނޑުގެ ރައުޔާ އެއްބަސްވެވަޑައިގަންނަވާށެކޭ އަޅުގަނޑު ނުދަންނަވަމެވެ."

الخــلفــاء الــرّاشــدون ގެ ޒަމާނުގައި ސަރުކާރަށް ފާޑުކިޔުމާއި ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ރައްޔިތުންނަށްވަނީ ލިބިފައެވެ. ޚަލީފާއިން އަބަދުވެސް ތިއްބެވީ ރައްޔިތުންގެ އަތްފޯރާ ހިސާބުގައެވެ. عـمــر رضى اللّــه عنــه އެއްފަހަރަކު އެކަލޭގެފާނުގެ މަޖްލިސެއްގައި ސުވާލުކުރެއްވިއެވެ. "އަހަރެން ބައެއް ކަންކަމުގައި ކުށްގޮތެއް ނުވަތަ ފަރުވާކުޑަގޮތެއް ޚިޔާރުކުރާނަމަ ތިޔަބައިމީހުން ހަދާނީ ކިހިނަކުންހެއްޔެވެ؟" އެވަގުތު ޞަޙާބީންގެ ބޭކަލެއް ތެދުވެވަޑައިގެން ޖަވާބު ދެއްވިއެވެ. "އަޅުގަނޑުމެން ކަލޭގެފާނު ތީރެއްފަދައިން ސީދާކޮށްލާނޫއެވެ." عـمــر ގެފާނު ޖަވާބު ދެއްވިއެވެ. "ކަލޭގެފާނަކީ ބޭނުންތެރި ބޭކަލަކީމުއެވެ." الخــلفــاء الــرّاشــدون ގެ ތެރެއިން އެންމެބޮޑަށް ފާޑުކިޔުން އަމާޒުވީ أميـــرالمـؤمـنــيـن عـثمـان رضى اللّــه عنــه އަށެވެ. ނަމަވެސް އެކަލޭގެފާނުވެސް ބާރުގެ ބޭނުންކުރައްވައިގެން މީހުންގެ ދޫ ބަންދުކުރައްވާކަށެއް މަސައްކަތްޕުޅެއް ނުކުރައްވައެވެ. އެކަލޭގެފާނަށް ފާޑުކިޔާ މީހުންނަށާއި އިޢުތިރާޟުކުރާ މީހުންނަށް ޢާންމު އެއްވުންތަކުގައި އެކަލޭގެފާނުގެ ސިޔާސަތާއި ކަންކުރައްވާގޮތް ވިދާޅުވެދެއްވައެވެ. މުސްލިމުންގެ ޚަލީފާއާއި ރައްޔިތުންނާ ދެމެދު އެއްވެސްކަމެއްގައި ޚިލާފެއް އުފެދިއްޖެކަމުގައިވާނަމަ އެކަމެއްގައި ޙަކަމަކަށް ހަދާންޖެހޭނީ މާތް اللّــه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތެވެ. ޚަލީފާ ނުވަތަ މުސްލިމުންގެ އެއްވެސް އަމީރަކު ޝަރްޢީ ޙައްދުތަކުގެ އިމުން ބޭރުވެވަޑައިގެންފިނަމަ އެބޭކަލަކަށް އެއްބާރުލުން ދިނުން ހުއްދަވެގެންނެއް ނުވެއެވެ. ޝައްކެއްނެތެވެ. މުސްލިމުންނަށް އަމުރުވެވިގެންވަނީ އަމީރަށް ކިޔަމަންވުމަށެވެ. އެކަމަކު ޝަރުޠަކާ އެކުގައެވެ. އަމީރަކު އުރެދުމަކަށް އަމުރުކުރައްވައިފިނަމަ އެބޭފުޅަކަށް އަހައި ކިޔަމަންވުމެއް ނޯންނާނެއެވެ. މުސްލިމުންގެ އަމީރު ނުވަތަ އަމީރަކު މާތް اللّــه ގެ ފޮތް ޤާއިމު ނުކުރައްވާނަމަ ނުވަތަ ޝަރީޢަތުގެ ޙުކުމްތައް ތަންފީޒު ނުކުރައްވާނަމަ ޖާއިޒުވެގެންވަނީ އެބޭފުޅަކު މަޤާމުން ދުރުކުރުމެވެ. އެހެނީ ޙާކިމުންނަށް ކިޔަމަންވާން އަމުރުކުރައްވައިފައިވާ ޙަދީޘްފުޅުގައިވަނީ މުސްލިމުންގެ މެދުގައި މާތް اللّــه ގެ ފޮތާ ޤާއިމުކުރައްވާހައިހިނދަކު އަމީރަށް ކިޔަމަންވުމަށެވެ. (ބުޚާރީ)

(ނުނިމޭ)